މި އަހަރު ތެރޭ ރޭސިން ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފި އެވެ.
ރާއްޖޭގައި މޮޓޯސްޕޯޓްސް ބަލައިނުގަންނަ ކަމަށާއި ކުރިއަރުވަން ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތައް ދޮގުކޮށް ރޭސިން އެސޯސިއޭޝަނުން އިއްޔެ ބަޔާނެއް ނެރެފަ އެވެ.
ރޭސިން އެސޯސިއޭޝަނުން އެ ބަޔާން ނެރެން ޖެހުނު އެންމެ ބޮޑު ސަބަބަކީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރޭސް ޖެހުމާއި ޑްރިފްޓް ހަރަކާތްތައް ކުރިއަށްގެންދަން ފުރުސަތު ނުލިބުމުން ގިނަ އަދަދެއްގެ ޒުވާނުން ވަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކުރިމަތީގައި އިހުތިޖާޖެއް ކޮށްފައިވާތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވާހަކަތަކެވެ.
ރޭސިން އެސޯސިއޭޝަނުން ބުނީ ޕޮލިސް ސްޓޭޝަން ކުރިމަތީގައި ބުރާސްފަތި ދުވަހުގެރޭ ޒުވާނުންތަކެއް ކޮށްފައިވާ ކަންކަަމަކީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއަރުވަން ލޯބިކުރާނެ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.
"މޮޓޯ ސްޕޯޓްސް އޮތީ ހުރިހާ ސަރުކާރަކުން ވެސް ބަލައިގަނެ، މި ކުޅިވަރު ކުރިއަރުވަން އެތަކެއް އެހީތަކެއް ވެދީފައިކަން މި އެސޯސިއޭޝަނުން ގަބޫލުކުރަމެވެ. އަދި މޮޓޯ ސްޕޯޓްސް އަށް ލޯބިކުރާ ބަޔަކަށް މަގުތަކުގައި އުޅެންވާ ރިވެތި އާދަތަށް އެނގިތިބެ، މި ކުޅިވަރަށް އެތަކެއް އެހީތެރިކަމެއް ފޯރުކޮށްދޭ ފުލުހުންނާ އެ ގޮތަށް ކުރިމަތިނުލާނެ ކަމުގައި އަޅުގަނޑުމެން ދެކެމެވެ.،" ރޭސިން އެސޯސިއޭޝަނުގެ ބަޔާނުގައިވެ އެވެ.

ބުރާސްފަތި ދުވަހުގެރޭ ކުރިއަށްދިޔަ ޑްރިފްޓް ހަރަކާތުގެ ތެރެއިން.--- ފޮޓޯ: އަދަދު
ރޭސިން އެސޯސިއޭޝަނުން ބުނީ ދަންވަރު ވަގުތަކީ އެއްވެސް ކުޅިވަރެއް ކުރިއަރުވަން ރަނގަޅު ވަގުތެއްގެ ގޮތުގައި ނުދެކޭ ކަމަށާއި ޑްރިފްޓް އެސޯސިއޭޝަނާއި އެޗްޑީސީއާ އެކު މަޝްވަރާ ކުރެވިފައިވާ ގޮތަށް ބަލާއިރު، ޑްރިފްޓް ހަރަކާތްތަކަށް މަގު ހަމަޖައްސައިދޭން ނިންމާފައިވާ ވަގުތަކީ ހުކުރު ދުވަހު މެންދުރު ފަހު 2-6 އަށް ކަމަށެވެ.
އެކަމަކު، ހުރިހާ ކަމެއް ހަމަޖައްސައިދީފައި އޮތް ވަގުތުގައި ރޭސް ޖެހުމުގެ ބަދަލުގައި ދަންވަރު އެކަން ކުރަން އުޅުމުން ދޭހަވަނީ މިއީ ވަކި ބައެއްގެ އަމިއްލަ މަގުސަދެއްގައި ކުރަން އުޅޭ ކަމެއްގެ ގޮތުގައި ކަމަށް ރޭސިން އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރޭސިން އެސޯސިއޭޝަނުން ބުނީ މޮޓޯ ސްޕޯޓްސް އަށް ޝައުގުވެރިވާ ޒުވާނުންނަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރާ އެކު ގިނަ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.
"މި ކަމަކީ ބޮޑު ޖާގައެއް ބޭނުންވާ ކަމަކަށް ވެފައި އެންމެ ފުރިހަމަ އަށް ތަނެއް އެޅުމުގަޔާއި އަވަސް ކުރުމުގައި އެތަކެއް ދަތިތަކެއް ހުންނާނެ ކަމުގައި ވެސް އަޅުގަނޑުމެން ގަބޫލުކުރަމެވެ. އެހެން ނަމަވެސް ޔޫތު މިނިސްޓަރު މަހުލޫފް އާއި ޕްލޭނިން މިނިސްޓަރު އަސްލަމް ވަނީ މި އަހަރު ތެރޭ ރޭސިން ޓްރެކްގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ." ރޭސިން އެސޯސިއޭޝަންގެ ބަޔާނުގައިވެ އެވެ.













