ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، 100 ޕަސެންޓް ރެކޯޑަކާ އެކު ރެޑްބުލް ހާފް ކޯޓު ތުރީ އޮން ތުރީގެ ރާއްޖޭގެ ކޮލިފައިން ޗެމްޕިއަންކަން ސްނެޕާސް ހޯދައިފި އެވެ.
ރެޑްބުލް ހާފް ކޯޓަކީ ތުރީ އޮން ތުރީގެ ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރާ ފޯރިގަދަ މުބާރާތެކެވެ. ކުރިން "ރެޑްބުލް ރީން"ގެ ނަމުގައި ކުރިއަށްދިޔަ މުބާރާތް "ރެޑްބުލް ހާފް ކޯޓު"ގެ ނަމަށް ބަދަލުކޮށް ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރެވެ.
ރެޑްބުލް ހާފް ކޯޓުގައި ހިމެނެނީ ކޮލިފައިން ބުރާއި ހުރިހާ ގައުމެއްގެ ޗެމްޕިއަނުން ވާދަކުރާ ވޯލްޑް ފައިނަލް ބުރެވެ. ކޮންމެ ގައުމަކުން ވެސް ކޮލިފައިން ބުރެއް ބޭނުން އަދަދެއްގެ ޓީމުތަކެއް ހިމަނައިގެން ކުރިއަށް ގެންދެވޭނެ އެވެ.
ރާއްޖޭގެ ކޮލިފައިން ޗެމްޕިއަންކަން ތުރީ އޮން ތުރީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ސްނެޕާސް ކާމިޔާބުކުރީ ފައިނަލުގައި ޝޫޓާސް ބަލިކޮށްގެންނެވެ. ސްނެޕާސް ޓީމުގައި ހިމެނެނީ އަބްދުﷲ އަމްޒަރު، މުހައްމަދު ރިޝްވާން (ކޭބީ)، އިސްމާއިލް ވިލްދާން އަދި އިބްރާހިމް ރަޝްވާން (ޗިކު) އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލު މެޗު 22-13 އިން ކާމިޔާބު ކޮށްގެންނެވެ.
އަމްޒަރު، ކޭބީ އަދި ވިލްދާން އަކީ މިދިޔަ މަހު ނިމުނު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި ތުރީ އޮން ތުރީ ގައުމީ ޓީމްގެ ތިން ކުޅުންތެރިންނެވެ.

ޜެޑްބުލް ހާފް ކޯޓު ރާއްޖޭގެ ކޮލިފައިން ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: ރެޑްބުލް
ފައިނަލުން ބަލިވި ޝޫޓާސް ޓީމުގައި ތިބީ ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ)، އަހުމަދު ފިރާޝު، ޚުވައިލިދު އަލީ، އަންފާލް ޝަރީފް (އަންޓެ) އެވެ.
ސްނެޕާސް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ސްޕައިސީ ބަލިކޮށްގެންނެވެ. ޝޫޓާސް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ކިއުއޭ ބަލިކޮށްގެންނެވެ.
ކޮލިފައިން އިވެންޓާ އެކު ކުރިއަށް ގެންދިޔަ ތުރީ ޕޮއިންޓް ޗެލެންޖާއި ފްރީ ތުރޯ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދީ މަފާޒު މުހައްމަދު އެވެ.
ރާއްޖެ ހިމެނޭ ގޮތަށް މި އަހަރު 20 ގައުމަކުން ވާދަކުރާނެ އެވެ. އެ ގޮތުން، 20 ގައުމުގެ ޗެމްޕިއަނުން ވާދަކުރާ ފައިނަލް ބުރު އޮންނާނީ މި މަހުގެ 28 އިން އޮކްޓޯބަރު 2 އަށް މިސްރު ގަ އެވެ. ރާއްޖޭގެ ޗެމްޕިއަނުންގެ ގޮތުގައި މިސްރަށް ދާނީ ސްނެޕާސް އެވެ.
ރާއްޖޭގެ ކޮލިފައިން ރެޑްބުލް އިން ކުރިއަށްގެންގޮސްފައިވަނީ ބާސްކެޓްބޯލް އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު އެވެ.
ރެޑްބުލް ހާފް ކޯޓުގެ މިދިޔަ އަހަރުގެ މުބާރާތުގައި 13 ގައުމަކުން ފަސް ހާހަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ. މި ދިޔަ އަހަރުގެ ފައިނަލް ބުރުގެ އޮތީ އިޓަލީގެ ވެރިރަށް ރޯމްގަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ތުރީ އޮން ތުރީގެ ލެޖެންޑު ޑުސާން ބުލުޓް ހިމެނުނު ސާބިއާގެ ޓީމެވެ.













