އިސްތަންބޫލް (ސެޕްޓެމްބަރު 10) - މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެނެސް ގަލަސަތަރާއި އިން މި ފަހަރުގެ ސީޒަނަށް ޓީމު ވަރުގަދަކޮށްފި އެވެ.
ގަލަސަތަރާއި އިން ޓްރާންސްފާގެ ފަހު ދުވަހު ވަނީ މެންޗެސްޓާ ޔުނައިޓެޑަށް މިދިޔަ ހަތް އަހަރު ކުޅުނު ހުއާން މަޓާ، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. ޕީއެެސްޖީ އަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ ވެސް ފަހު ވަގުތު ބަދަލުވީ ގަލަސަތަރާއި އަށެވެ.
ތުރުކީ އަށް އުފަން ކޯޗު، އޮކާން ބުރުކްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގަލަސަތަރާއި އިން މި ފަހަރުގެ ޓްރާންސްފާގައި މީގެ ކުރިން ވެސް ވަނީ ޔޫރަޕް ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކުޅުންތެރިންތަކެއްގެ ޑީލް ނިންމައިފަ އެވެ.

ގަލަސަތަރާއި ކުޅުންތެރިއެއްގެ ގޮތުގައި އިކާޑީ މީޑިއާ އަށް ތައާރަފްކުރުމުގެ ތެރެއިން.
އެ ގޮތުން ގަލަސަތަރާއި އަށް ބަދަލުވި ފާހަގަކޮށްލެވޭ ނަންތަކަށް ބަލާއިރު، އާސެނަލްގެ ލޫކަސް ޓޮރޭރާ، ނަޕޯލީގެ ޑްރީސް މާޓެންސް، ބެންފީކާ އަށް ކުޅުނު ހަރިސް ސެފެރޯވިޗް، ކުރިން ބާސެލޯނާ ޓީމުގައި ހިމެނުނު ޔޫސުފް ޑެމީރް، މިސްރުގެ ފޯވާޑް، މުހައްމަދު މުސްތަފާ، ނޯވިޗް ސިޓީގެ މިލޯސް ރަޝީކާ، ޕޯޓޯގެ މިޑްފީލްޑަރު ސާޖިއޯ އޮލިވޭރާ އަދި ކްރިސްޓަލް ޕެލަސް އަށް ކުޅެފައިވާ ޕެޓްރިކް ވެން އާންހޯލްޓް، ލިިޔޯންގެ ލެއޯ ޑެބޯ އަދި ޑެންމާކްގެ މަތިއަސް ރޮސް ހިމެނެ އެވެ.
މަޓާ އާއި މާޓެންސް ހިލޭ ޓްރާންސްފާއެއްގައި ގެނައިއިރު، އިކާޑީ، ސެފެރޯވިޗް އަދި ރަޝީކާ އަކީ އެއް އަހަރުގެ ލޯން ކޮންޓްރެކްޓެއްގައި ގަލަސަތަރާއި އަށް ބަދަލުވި ކުޅުންތެރިންނެވެ.
މި ކުޅުންތެރިންތަކުގެ އިތުރުން ވެސް ތުރުކީ ލީގުގެ އެކި ކްލަބްތަކަށް ކުޅެމުން އައި ހުނަރުވެރި ކުޅުންތެރިންތަކެއް ވަނީ ގަލަސަތަރާއިއާ ގުޅިފަ އެވެ.
މިހާރު ކުރިއަށްދާ ތުރުކީގެ ސުޕަ ލީގުގައި ގަލަސަތަރާއި ވަނީ ފުރަތަމަ ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. އެ ޓީމު އޮތީ 10 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ބެސިކްޓާސް އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.












