ލަންޑަން (އޮގަސްޓް 23) - ޓީމުތަކަށް މިހާރު ލިވަޕޫލާ ދެކޮޅަށް ކުޅެން ފަސޭހަވެފައިވާ ކަމަށާއި އެކަމާ ވިސްނައިގެން ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ބުނެފި އެވެ.
ލިވަޕޫލުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނުގައި މިހާތަނަށް ކުުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބެ އެވެ. މިއީ ފާއިތުވި 10 އަހަރެއްހާ ދުވަސްތެރޭ ލިވަޕޫލުން އެންމެ ދަށްކޮށް ފެށި ލީގު ސީޒަނެވެ.
މި ފަހަރު ލީގުގައި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި ފުލަމްއާ 2-2 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން ކްރިސްޓަލް ޕެލަސްއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަދި ތިން ވަނަ މެޗުގައި ރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވީ 2-1 އިންނެވެ.
ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކީޕަރު އެލިސަން ބުނީ ލިވަޕޫލްގެ ބަލިފައިގެ ފައިދާ ނަގަން ޓީމުތަކުން ދަސްކުރުމަކީ އެ ކްލަބަށް ކުރިއަށް ދިއުމަށް ބަލާއިރު ހުރަހެއް ކަމަށާއި ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.
"ޓީމުތަކުން އަހަރެމެން ކުޅޭ ގޮތް ދަސްކޮށްފި، އެ ގޮތްތަކަށް ބަލައިގެން އަހަރެމެންގެ ބަލިފައިތައް ހުރި ދިމާތަކުން ޓީމުތައް އެޓޭކްކުރަނީ، އެއީ ޓީމުތަކަށް މިހާރު ލިވަޕޫލާ ދެކޮޅަށް ކުޅެން ފަސޭހަވެފައި އޮތް ސަބަބަކީ،" އެލިސަން ބުންޏެވެ.
"މީގެ ކުރިން ޓީމުތަކުން ކުޅޭ ގޮތް ދެނެގަނެގެން އަހަރެމެން އޭގެ ފައިދާނަގަަނީ، މިހާރު ކަންކަން މިދަނީ އޭގެ އިދިކޮޅަށް،"
އެލިސަން ދެކޭގޮތުގައި ލިވަޕޫލަށް ކުރިއަށް ދެވެން އޮތީ މިހާރު ހަދަމުން އަންނަ ގޯސްތައް ޓީމެއްގެ ގޮތުގައި ކުޅެގެން ރަނގަޅު ކޮށްގެންނެވެ. އަދި ހާއްސަކޮށް ޑިފެންސްކުރުމުގައި ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތަށް އިތުރަށް ފަރުވާތެރިވާން ޖެހޭ ކަމަށް އެލިސަން ވަނީ ބުނެފަ އެވެ.
"އެންމެ ފުރަތަމަ ކަމަކަށް އަހަރެމެންގެ އެޓިޓިއުޑް ބަދަލުވާން ޖެހޭ މެޗުތަކަށް. މެޗުތަކުގައި ހެދޭ މަދު ގޯހެއްގެ އަގުވެސް ބޮޑުކޮށް ދައްކަންޖެހޭތަން މި ފެންނަނީ،" އެލިސަން ބުންޏެވެ.
ރޯމާ ދޫކޮށް 2018 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި އެލިސަން، 29، އަކީ މިދިޔަ ފަސް އަހަރެއްހާ ދުވަހު ލިވަޕޫލުން ހޯދި ގިނަ ކާމިޔާބީތަކުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މިިދިޔަ ސީޒަނުގައި ވެސް ލިވަޕޫލުން ޕްރިމިއާ ލީގުގެ ރޭހުގައި ދެމި އޮތުމުގައި އެލިސަން ގިނަ މެޗުތަކުގައި މުހިންމު ބޯޅަތަކެއް ހުއްޓުވި އެވެ.












