ކުށްކުރާ ކޮންމެ މީހަކަށް އަދަބު ދިނުމަކީ ހައްލެއް ނޫން ކަމަށާއި، އެކަމުގެ ހައްލަކީ ފުލުހުންނާއި، ކައުންސިލް އަދި މުޖުތަމައު ގުޅިގެން ކުށަށް އަރައިގަތުން ނެތިކޮށްލުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ އަމަންއަމާންކަމާއި, ރައްކާތެރިކަމާއި, އަދުލު އިންސާފު ގުޅުން އޮތީ ފުލުހުންގެ މުއައްސަސާގެ އެ އަގުތައް ހިފެހެއްޓުނު މިންވަރަކުން ކަމަށް ވިދާޅުވެފަ އެވެ.
"ފުލުހުންގެ އިއްޒަތާއި ޝަރަފް މަތިވެރިވި ވަރަކަށް, ފުލުހުންނަށް ރީތިނަން ލިބުނު ވަރަކަށް ފުލުހުން އަދާކުރާ ޒިންމާ ރައްޔިތުން ބަލައިގަތް ވަރަކަށް މުޖުތަމައު ކުރިއަށްދާނެ, މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާކަން އަޅުގަނޑުމެން ވަޒަންކުރާ ގޮތަކީ, ރައްޔިތުން ވަޒަންކުރާ ގޮތަކީ އެއީ،" އެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވި އެވެ.
ކުށްކުރާ މީހުން ފުލުހުންނަށް ބަންދުކުރެވިދާނެ ކަމަށާއި އަދި އެފަދަ މީހުން ޖަލަށްވެސް ލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެފަދަ ކޮންމެ މީހަކަށް އަދަބު ދިނުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވި އެވެ.
ކެނދިކުޅުދޫގެ އިތުރުން ނ. ކުޑަފަރީގައި ވެސް ވަނީ ޕޮލިސް ސްޓޭޝަނެއް ހުޅުވާފަ އެވެ. އެ ރަސްމިއްޔާތުގައި ވެސް އިމްރާން ވަނީ ކުށްކުރުމުގެ ސަގާފަތް ނައްތާލުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

"އޮންނަންވީ ފުލުހުން ތިބެ ހައްޔަރުކޮށްގެން، އަދަބު ދީގެން ކުށް ހުއްޓުވުމުގެ ސަގާފަތަށްވުރެ ބޮޑަށް، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ރީތި އާދަކާދަތަކާއި، އަހުލާގާއި، މަތިވެރި ސިފަތަކުން ކުށްތަކާ ދުރުވުމުގެ ސިފަތަކެއް،" ކުޑަފަރި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވި އެވެ.
ރާއްޖޭގެ ކުށުގެ ވެށީގެ ހާލަތަށް އަލިއަޅުވާލައްވާ އިމްރާން ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހިނގާ ކޮންމެ ކުށެއްގެ ފަހަތުގައި އޮތީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ.
މިއީ ރާއްޖޭގައި ގާތްގަނޑަކަށް ބައި ގަރުނެއްހާ ދުވަސްވީ ބޮޑު މައްސަލައެއް ކަމަށާއި, އެކަމުން އަރައިގަތުން އެއީ މުޅި މުޖުތަމައު ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.












