އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ބަދުއަހްލާގީ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ ފަތުރަމުންދާއިރު, އޭގެ ސަބަބުން ކުޑަކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވެއްޖެ އެވެ.
ބިދޭސީއަކު ގިނަ ބަޔަކާ އެކު އެއްޖިއްސުން ގުޅުން ހިނގި ކަމަށް ބުނެ ލީކްވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުން އާންމު ކުރުމުގައި އެއްވެސް ވަރެއްގެ ސެންސަރެއް ނެތި އެއް މަންޒަރުތައް ވަރަށް ލޮލަށް އާންމު ކުރުމުންދާތީ އެޑިޓާސް ގިލްޑުން ވެސް ވަނީ ކަންބޮޑުވެފަ އެވެ. އަދި, ސޯޝަލް މީޑިއާގައި އެ އާންމުކުރާ މިންވަރު އިތުރުވެ, ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ, ބަދު އަހްލާގީ އަމަލުތަކެއް ދައްކުވައިދޭ ވީޑިއޯ އާންމުކުރަމުންދާއިރު އެއީ ޖިނާއީ ކުށަކަށްވުމުގެ އިތުރުން، ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ކަމަށް ބުނެ އެކި މީހުންގެ ވަނަވަރު އާންމުކުރުމުން ދިޔުމުގެ ސަބަބުން ބައެއްގެ އަބުރާއި ކަރާމަތަށް އަރައިގަންނަމުންދާ ކަމަށެވެ.
"މިފަދަ އަމަލުތަކުގެ ސަބަބުން، އަދުލު އިންސާފު ގާއިމުކުރުމަށް ވެސް ހުރަސްތަކާ ކުރިމަތިވާނެ ކަމަށް ގާބޫލުކުރެވުމުގެ އިތުރުން، މިފަދަ ކަންކަމުގެ ސަބަބުން އާއިލާތަކާއި މުޖުތަމައުގައި ހަމަނުޖެހުމާއި، ފިތުނަ ފަސާދަ އުފެދި އާއިލާތައް ރޫޅި ދިއުމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތް," ބަޔާނުގައިވެ އެވެ.
އޭގެއިތުރުން ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތައް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއަކަށް ކަމަށާއި އެފަދަ ވީޑިއޯތައް އާންމު ކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކުޑަކުދިން ވެސް ބޭނުން ކުރާއިރު އެ މަންޒަރުތައް ފެނުމުން އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށް ބަޔާނުގައިވެ އެވެ. އެގޮތުން, ރައްކާތެރިކަމާއެކު ހެދިބޮޑުވުމުގެ ހައްގަށް ހުރަސްއެޅެމުންދާ ކަމަށް ބުންޏެވެ.

މި ބާވަތުގެ މައްސަލަތަކުގައި އަދި އެހެންވެސް މައްސަލަތަކާ ގުޅޭ ގޮތުން ވީޑިއޯއެއް ނުވަތަ މައުލޫމާތެއް ލިބިފައިވާނަމަ, އެފަދަ ކަންކަން ބަލައި ތަހްގީގުކުރުމުގެ ބާރު އޮތް އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށް، މައްސަލަތައް ތަހުގީގު ކުރުމަށާއި އަދުލު އިންސާފު ގާއިމު ކުރުމަށް އެކަށަޅާފައިވާ ނިޒާމުގެ ތެރެއިން އިދާރާތަކަށް އެއްބާރުލުން ދިނުމަށް ކޮމިޝަނުން އިލްތިމާސްކުރި އެވެ.
"މިފަދަ މައްސަލަތަކާ ގުޅިގެން މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ތަހްގީގީ އިދާރާތަކާއި މުއައްސަސާތަކުން މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގުކޮށް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުމަކީ މުޅި މުޖުތަމައުގެ ހަމަޖެހުމަށާއި ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ނުހަނު މުހިންމުކަމެއް," ބަޔާނުގައިވެ އެވެ.
އެހެންވެ, އެގޮތުގެ މަތިން އަމަލު ކުރުމަށް ހުރިހާ އިދާރާތަކަކަށް ހިއުމަން ރައިޓްްސް ކޮމިޝަނުން ގޮވާލި އެވެ.











