މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ގިނަވުމަކީ އެކަމުގެ ޒިންމާ ހަމައެކަނި ފުލުހުންގެ ބޮލުގައި އެޅުވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރަން ހިންގާ ބޮޑު މަޝްރޫއެއް ފަށަން ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިމްރާން ވިދާޅުވީ އެފަދަ ކުށްތައް މަދުކުރެވޭނީ ތައުލީމީ ނިޒާމާއި މުޖުތަމައުގެ ހަމަތައް ހިފަހައްޓަން ހުރި އެހެން މުއަައްސަސާތަކާއި މުޖުތަމައުން ވެސް މަަސައްކަތް ކޮށްގެން ކަމަށެވެ. ކުށް މަދުކުރަން ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަންކަމާ ޑީލްކުރަން ތިބީ ހަމައެކަނި ފުލުހުންނެއް ނޫން. މިކަމުގެ ޒިންމާ ހަމައެކަނި ފުލުހުންގެ ބޮލުގައި އަޅުވާފައި އަަޅުގަނޑުމެންނަކަށް ނުތިބެވޭނެ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި މީހަކަށް އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލި، ޝަރީއަތާއި ގާނޫނުގެ އުސޫލުތަކުން ބޭރުވުމުން ފުލުހުންނަށް ވުރެ ކުރިން އޭނާއަށް އަޅާލަން ޖެހޭ އެތައް ބަޔަކު އެބަތިއްބެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އާއިލާ އާއި އަވަށްޓެރިންނާއި މުޖުތަމަ އެވެ.
"އާއިލާއަށް ވެސް އޭނާއަށް ހަމަ މަގު ނުދެއްކުނީ، އޭނާ ރަނގަޅު ގޮތުގައި ހުރުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއި އިރުޝާދު ނުދެވުނީ. އެކަން އެހިސާބަށް ގޮސްފި ކަމަށް ވާނަމަ، ޖެހިގެން އޮތް އޭނާގެ އަވަށްޓެރިން އެބަ ޖެހޭ އެކަމަށް ޓަކައި މަސައްކަތްކުރަން،" ގާނޫނީ އަދި ޝަރުއީ އިލްމުވެރިންނާ ހަވާލާ ދެއްވައި އިމްރާން ވިދާޅުވި އެވެ.
ފުލުހުން ފިޔަވަޅު އަޅަން ޖެހޭނީ ކުރަން ޖެހޭނީ އާއިލާ އާއި އަވަށްޓެރިންނާއި މުޖުތަމައަށް ވެސް މީހާ އިސްލާހުނުކުރެވުނީމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ކޮންމެ ކަމެއް ހިނގާ އިރަށް އެކަމުގެ ޒިންމާ ނަގަން ޖެހެނީ ފުލުހުން ކަމަށާއި މިއީ އަބުރުވެރި މުޖުތަމައެއް އޮންނަންވީ އޮތް ނޫން ކަމަށެވެ.

"ފުލުހުން ފަރުދަކު ހުއްޓުވަން ވަންނަން މި ޖެހެނީ އަނެއް ހަތަރު މަރުހަލާ ނާކާމިޔާބުވީމާ،" އިމްރާން ވިދާޅުވި އެވެ.
ފުލުުހުންނާ މުހާތަބުކުރައްވައި އޭނާ ވިދާޅުވީ އެއީ ގާނޫނީ ގޮތުން ވަރަށް ބޮޑު ޒިންމާއެއް އެޅިފައިވާ ބައެއް ކަމަށާއި އެކަމުގައި އިންސާފުވެރިވާން އެދިވަޑައިގަންނަވާ ކަމަށެވެ. ގާނޫނު ހިންގުމުގައި ވަކި ރަށަކަށް އާއިލާއަކަށް ނުބަލައި މަސައްކަތް ނުކުރެވިއްޖެ ނަމަ އެއީ ދުނިޔެއާ އާޚިރަތުގެ ނާކާމިޔާބީ އެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.













