ގިނަ އަދަދެއްގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރާއި އިތުރު މީހަކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ ވީޑިއޯއެއްގައި ހިމެނޭ ދިވެހި ފިރިހެން ޓީޗަރަކު ސަސްޕެންޑުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ވީޑިއޯގެ މައްސަލައިގައި ފުލުހުން ފާހަގަކޮށްފައިވާ ފަރާތްތައް މިހާރު ސަސްޕެންޑު ކުރެވިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަން ފިޔަވާ އިތުރު އެއްޗެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ސަސްޕެންޑުކޮށްފައިވަނީ މާލޭ ސުކޫލެއްގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޓީޗަރެކެވެ.
ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތައް އާންމުވުމަށް ފަހު ފުލުހުން މީގެކުރިން ބުނެފައި ވަނީ އެ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަަތަކެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ވީޑިއޯ ނަގައި ބްލެކްމެއިލް ކުރިކަމުގެ މައްސަލައިގައި ބަންގްލަދޭޝްގެ އަލަމްގީރު މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.
މިހާތަނަށް ދައުރުވެފައިވާ ވީޑިއޯތަކުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ އިތުރުން ފުލުހަކު ވަނީ ހައްޔަރުކޮށްފަ އެވެ.













