ނިމިދިޔަ ހަފްތާ: ގޮތަބަޔަ ރާޖަޕަކްސާ ފިއްލަވަން ރާއްޖެއަށް، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް

ނިމިދިޔަ ހަފްތާ: ގޮތަބަޔަ ރާޖަޕަކްސާ ފިއްލަވަން ރާއްޖެއަށް، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް

ނިމިދިޔަ ހަފްތާގައި އެންމެ ބޮޑު ހަބަރެއްގެ ގޮތުގައި އޮތީ އިގްތިސާދީ އަދި އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އަވަށްޓެރި ސްރީލަންކާގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ގޮތަބަޔަ ރާޖަޕަކްސާ އެގައުމުން ފިއްލަވައި ރާއްޖެ ވަޑައިގަތުމުން، އެމަނިކުފާނަށް އެހެން ގައުމަކަށް ވަޑައިގެންނެވުމަށް ފުރުސަތު ފަހިކޮށްދިނުމުން ރާއްޖެއާ ދެކޮޅަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ބުދަ ދުވަހުގެ ދަންވަރު 2:50 ގަ އެވެ. އޭގެ ގަޑިއެއްހާއިރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުލެއިން ވަނީ ފެނިފަ އެވެ. އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ކަންކަން ހަމަޖެއްސެވުމަށް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ.

ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި ގޮތަބަޔާ ހުންނެވިއިރު އެކަމާ ދެކޮޅަށް ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ. އެ މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރުކުރުމަށްފަހު ކޯޓަށް ގެންދިޔުމުން ދޫކޮށްލި އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެތިވުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި 32 ގަޑިއިރު ހޭދަކުރެއްވުމަށްފަހު ސައުދީ އެއާލައިންސްގެ ފްލައިޓެއްގައި ގޮތަބަޔާ ވަޑައިގަތީ ސިންގަޕޫރަށެވެ. ރައީސް ގޮތަބަޔާ ވަޑައިގެންނެވީ އެމަނިކުފާނުގެ ދެ ބޮޑީގާޑުންނާއި އަނބިކަނބަލުންނާއެކު އެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސެކިއުރިޓީ ފޯރުކޮށްދިނީ ފުލުހުންނާއި ސިފައިންނެވެ.

ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ގޮތަބަޔާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެމަނިކުފާނު ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަތުމުގައި ދިވެހި ސަރުކާރުން އަދާ ކުރި ދައުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ވެސް ކުރެއްވި އެވެ.

އެކަމާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، ސްރީ ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައި އެ ގައުމުގެ އޭރުގެ ރައީސް، ގޮތަބަޔާ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރާއްޖެ އެތެރެވުމަށް ކްލިއަރެންސް ދިނީ ލަންކާ ސަރުކާރުން އެކަމަށް ރަސްމީކޮށް އެދުމުން ކަމަށެވެ.

ބޮޑު އީދުގެ ކުޅިވަރުތައް މިދިޔަ ހަފްތާގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު އެކި ރަށްތަކަށް ކުޅިވަރުތަކުގައި ބައިވެރިވުމަށް ޒިޔާރާތްކުރިއިރު މިއީ ކޮވިޑާއެކު އެ ކުޅިވަރުތަކަށް މަޑުޖެހުމެއް އައުމަށްފަހު އަނެއްކާވެސް ރަސްމީ ސިފައެއްގައި އީދު ފޯރި ނެގުމުގެ ފުރުސަތު ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.

އެމްއޭސީއެލްއިން އިމާރާތްކޮށްފައިވާ އާ ސީޕްލޭން ޓާމިނަލްގެ ޓްރަޔަލްތައް ނިމި ހިދުމަތްތައް ފަށާފައި ވަނީ ނިމިދިޔަ ހަފްތާގަ އެވެ. މި ޓާމިނަލަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން އޮޕަރޭޝަނަލް ޓާމިނަލެވެ. އެއާއެކު އެވްރެޖްކޮށް، 4500 އާއި 7000 އާ ދެމެދުގެ އަދަދެއްގެ މީހުން ދުވާލެއްގެ މައްޗަށް މިތަން ބޭނުންކުރާނެ އެވެ.

މީހުންނަށް ނޭނގޭ ގޮތަށް "ވަގަށް" ސިޔާސީ ޕާޓީއަކަށް ވައްދާފައިވާ ކޮންމެ ފޯމެއް 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ކަނޑައެޅިކަން އިއުލާން ކުރި ފަހުން، އެފަދަ ޝަކުވާތައް ލިބޭ ވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ.

ހިއްކޭނެ ތަންތަނާއި ނުހިއްކޭނެ ތަންތަން، އަދި ސިނާއީ އެހެނިހެން މަސައްކަތްތައް ކުރެވޭނެ ތަންތަނާއި ނުކުރެވޭ ތަންތަން ކަނޑައަޅައި "ސްޕޭޝަލް ޕްލޭނެއް" ދުރާލައި ހަދާފައި އޮތުމަކީ ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.

މިދިޔަ އޭޕްރިލް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 2.32 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާ އިން ހާމަކުރިކަން ރިޕޯޓުކުރީ މިދިޔަ ހަފްތާގަ އެވެ. މިއީ ވޭތުވެދިޔަ 2021 ގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 95.1 ޕަސެންޓު އިތުރު އަދަދެކެވެ. އަދި، މި އަހަރުގެ މެއި މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ވަރަށް ވުރެ 74.1 ޕަސެންޓު އިތުރު އަދަދެއް ކަމަށް މީރާ އިން ބުނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މާލެއިން ގެއްލިގެން ހޯދަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖާ ފެނުން
  • ރާއްޖެއިން ޑީޕޯޓް ކުރި މީހުންގެ 79 އިންސައްތަ ބަންގްލަދޭޝް މީހުންނަށް ވުން
  • ހައްޖު އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަތުން
  • އަލަމްގީރް ފަސް ދުވަހަށް ބަންދުކުރުން
  • ރާއްޖޭން ގަތް ކޮވިޑް ވެކްސިންގެ އަދަދު ހާމަ ނުކުރުން
  • މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ތަމްރީނުތައް ފެށުން

ހަފްތާގެ ހޮވާލެވޭ ލިޔުންތައް

  • މިއީ ރާއްޖޭގައި އަޅާނެ ކަމަށް އިއުލާނުކޮށް ކޮންޓްރެކްޓު ކޮށްފައިވާ ފްލޯޓިން ސިޓީއާ ގުޅޭގޮތުން އައިޝަތު ނުޒުހާ ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މި ޕްރޮޖެކްޓު ފެށުމާއި ހަމައިން މިހާތަނަށް އައިސްފައިވާ ބަދަލުތަކާއި އެކި ޕްލެޓްފޯމްތަކުގައި މި ޕްރޮޖެކްޓާ މެދު ކުރެވިފައިވާ ތުހުމަތުތަކާ ގުޅޭ މައުލޫމާތު ހިމަނާފައިވެ އެވެ.
  • މި ރިޕޯޓުގައި ފާތިމަތު ސާޔާ ވަނީ ލަންކާގެ ރައީސްކަމުން މިހާރު އިސްތިއުފާ ދެއްވާފައިވާ ގޮތަބަޔަ ރާޖަޕަކްސާގެ ވެރިކަން ނިމުނު ގޮތާއި ފިއްލަވަން ރާއްޖެ ވަޑައިގެންނެވުމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ގެނެސްދީފަ އެވެ.
  • ސްކޫލް ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމާއި ގުޅިގެން ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މައިންބަފައިންނަށް ވި ފަސޭހަތަކާއި ދިމާވި ގޮންޖެހުންތައް މި ރިޕޯޓުގައި ފާތިމަތު އަޖުފާން ހިމަނާފައިވެ އެވެ. އަދި، އެކަމުގެ ސަބަބުން ނުކުތް އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާކަން މީހުންގެ ހިޔާލާއެކު ގެނެސްދީފައިވެ އެވެ.

ދިރާސާތަކުން ކިޔާލުމަށް

"ކުއާޓަލީ ނޭޝަނަލް އެކައުންޓްސް - ކުއާޓާ 1"

މިއީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ހުރި މިންވަރާއި އެ އުފެއްދުންތެރިކަމަށް އެންމެ ބޮޑަށް އަސަރުކުރާ ދާއިރާތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އައިސްފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތް ތަނުގައި އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް ހިމަނައިގެން މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯ އިން ނެރެފައިވާ ރިޕޯޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox