ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެ ކުރަމުންދާ މުޒާހަރާއާ ގުޅިގެން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.
އެތަކެއް ހާސް ރައްޔިތުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގުމުގެ ފުރުސަތު ނުދިނުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ދާދި ދެންމެއަކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައިވާކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ލަންކާގެ ހުޅަނގު ޕްރޮވިންސްގައި މިވަގުތުން ފެށިގެން ކާފިއު ވެސް އިއުލާނުކުރައްވާފައި ކަމަށް އެ އޮފީހުގެ ތަރުޖަމާނު އިތުރަށް ވިދާޅުވި އެވެ.
އިގުތިސޯދީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިފައިވާ ލަންކާގައި ތެލާއި ކާބޯތަކެއްޗަށްޖެހި ރައްޔިތުން ނުކުމެ މުޒާހަރާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
މުޒާހަރާގެ ބައިވެރިން ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ރަސްމީ ގެކޮޅަށް ވަދެގަނެ، ބޮޑުވަޒީރުގެ އަމިއްލަ ގެކޮޅުގައި ވެސް ވަނީ ހުޅުޖަހައިފަ އެވެ.

އެއާއެކު ރައީސް ގޮތަބަޔަ ވަނީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމު ދޫކޮށް ވަޑައިގަންނަވަން އެތައް މަސައްކަތްތަކެއް ކުރެއްވުމަށްފަހު، މިއަދުގެ ފަތިހުގެ ވަގުތެއްގައި، އަސްކަރީ މަތިންދާބޯޓެއްގައި ގޮތަބަޔަ ވަނީ ރާއްޖެއަށް ވަޑައިގެންފަ އެވެ.
އެ ހަބަރު ލިބުމާއެކު ލަންކާގައި ކުރަމުންދާ މުޒާހަރާ ވަނީ އިތުރަށް ހޫނުވެފަ އެވެ. އަދި މުޒާހަރާގެ ބައިވެރިން ގޮތަބަޔައަށް ހިމާޔަތް ނުދިނުމަށް ދިވެހި ސަރުކާރަށް ގޮވާލަމުންދާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.
ގޮތަބަޔަ ރާއްޖެ ވަޑައިގެންނެވުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެން، ދުބާއީއަށް ވަޑައިގަންނަވާ ގޮތަށް ރޭވިފައިވާކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އެމަނިކުފާނު އަދިވެސް ރާއްޖޭގައި ހުންނެވި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވެ އެވެ.
މުޒާހަރާގެ ބައިވެރިން ޖަމާވެތިބި ގޯލްފޭސްއިން ބޮޑުވަޒީރުގެ އޮފީސް ކައިރިއަށް މިހާރު މިސްރާބު ޖަހާފައިވާއިރު، އެ މީހުން ހުއްޓުވަން ފުލުހުން ދަނީ ބާރުގެ ބޭނުންކުރަމުންނެވެ.














