ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން، އިސްމާއިލް އަޒްމީން އާއި އައިމިނަތު ވިދާދު ހޯދައިފި އެވެ.
އަޒްމީން އާއި ވިދާދު އަކީ މި އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ މޮޅު ކެރަމް ކުޅުންތެރިޔާގެ މަގާމު ލިބުނު ދެ ކުޅުންތެރިންނެވެ. މިއީ އަޒްމީން ގައުމީ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރު ކަމުގައި ވިޔަސް، ވިދާދު ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ގައުމީ ތަށީގައި އަތްލައިފަ އެވެ. ވިދާދު މި ވަނީ ޖެހިޖެހިގެން ފަސް ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ.
މީގެ ކުރިން ތިން ފަހަރު، 2014، 2016 އަދި 2019 ވަނަ އަހަރު ގައުމީ ސިންގަލްސް ފައިނަލުގައި ބަލިވި އަޒްމީން މި ފަހަރު ފެނުނީ ތަފާތު ރޫހެއްގައި ފައިނަލުގައި ކުޅެލިތަނެވެ. ހުސައިން ނީޝާމްއާ ދެކޮޅަށް ކުޅުނު ފައިނަލުގައި އަޒްމީން ވަނީ ފަސޭހަ މޮޅެއް ހޯދައިފަ އެވެ. ފުރަތަމަ ގޭމުގައި އަޒްމީން ވަނީ 25-3 އިން ކާމިޔާބު ކޮށްފަ އެވެ. އަޒްމީން، ދެ ވަނަ ގޭމް ކާމިޔާބުކުރީ ނީޝާމަށް ޕޮއިންޓެއް ވެސް ނުދީ 25-0 އިންނެވެ.
އަންހެން ސިންގަލްސް ފައިނަލްގައި ވިދާދު މޮޅުވީ އައިޝަތު ފައިނާޒް އަތުންނެވެ. ފޯރިގަދަކޮށް ދިޔަ އެ ފައިނަލް މެޗުގައި ފައިނާޒަށް ވެސް މޮޅުވާން ފުރުސަތު އޮތް ނަމަވެސް ފައިނަލުގައި ވިދާދުގެ ތަޖުރިބާގެ ތަފާތު ދެއްކީ އެވެ.
ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެނުންގެ ޓީމު އިވެންޓާއި އަންހެނުންގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ލައިވް ސްޕޯޓްސް ކްލަބް އެވެ. އެއީ ދެ ފައިނަލުގައި ވެސް ކުޑަހެންވޭރު ޔުނައިޓެޑް ބަލިކުރުމަށް ފަހު އެވެ.
މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އާދަމް އަދީލް އާއި ފައިނާޒްގެ ޕެއާ އެވެ. އެއީ ފައިނަލުގައި 19-5، 16-12 އިން އިބްރާހިމް ހުޖާން އާއި އައިޝަަތު ނަހުފާގެ ޕެއާ ބަލިކޮށްފަ އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލީ އާޒިމް އާއި ހުޖާންގެ ޕެއާ އެވެ. އެއީ ފައިނަލުގައި މުހައްމަދު މުންތަސިރާއި ޔަމާން ބަލިކޮށްގެންނެވެ. އަންހެން ޑަބަލްސް ޗެމްޕިއަނަކީ ވިދާދު އާއި އައިމިނަތު ވިޝާމާގެ ޕެއާ އެވެ. އެ ޕެއާ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އައިމިނަތު ނިފާޝާ އާއި ނަހުފާގެ ޕެއާ 22-09، 25-0 އިން ބަލިކޮށްގެންނެވެ.












