ހަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ބަސް ހިމަނައިގެން ހަބަރާއި މައުލޫމާތު ޝާއިއުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެ އެވެ.
މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގައި އެ ކައުންސިލުގެ ގާނޫނާއި ގަވާއިދަށާއި، މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާ އެއްގޮތަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ހާއްސަ ގޮތެއްގައި އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްގަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ފެތުރުމަކީ މީޑިއާގެ ހަމަތަކާ ހިލާފުކަމެއް ކަމަށް އެ ކައުންސިލުން ހަނދާންކޮށްދިނެވެ.
"އަދި ހަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ބަސް ހިމަނައިގެން ހަބަރާއި މައުލޫމާތު ޝާއިއުކުރުމަށް މި ކައުންސިލުގެ ގަވާއިދުން މީޑިއާތަކަށް ލާޒިމުކުރެއެވެ." ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މީޑިއާ ކައުންސިލުން ވަނީ މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑުގައި، ޝާއިއުކުރާ ހަބަރުތަކަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރުމަށް ނޫސްވެރިންނަށް އިލްތިމާސްކޮށްފަ އެވެ. އަދި އިސްލާމްދީނާއި ހިލާފު ހަބަރުތަކާއި މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑާ ހިލާފު ހަބަރުތައް ނުފެތުރުމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ހަނދާންކޮށްދީފަ އެވެ.

ހަމައެއާއެކު މައުލޫމަތު ހޯދުމާއި ހިޔާލު ފާޅުކުރުމާއި ފާޑުކިއުމުގެ ތެރޭގައި ނުފޫޒުން އެއްކިބާވެ، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ބާރުއަޅަމުން މީޑިއާ ކައުންސިލުން ވަނީ، މީޑިއާތަކުން ދައުލަތުގެ މުއައްސަސާތަކުން ހޯދަން އެދޭ މައުލޫމާތު ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް ގޮވާލާފަ އެވެ.
މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް މީޑިއާގެ ވެއްޓެއް ގާއިމްކުރުމަށް އެ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑު އޮތީ މުރާޖައާކޮށް ފައިނަލްކުރުމުގެ މަރުހަލާގައި ކަމަށެވެ.
ނޫސްވެރިކަމުގެ ހަމަތަކާއި އަހްލާގީ މިންގަނޑަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދި މީޑިއާ ކައުންސިލުން ބަޔާނެއް ނެރެފައި މިވަނީ، އެއްޖިންސުން ގުޅުން ހިންގާ މައްސަލަތަކެއް ސިލްސިލާގޮތެއްގައި ފެންމަތިވަމުން އަންނަ ދުވަސްރެއްގަ އެވެ.













