"މިހާރު އަޅުގަނޑުވެސް ކުޅެން ދަނީ 6،400 ރުފިޔާ ވަރު ދައްކާފައި ހަފުތާއަކު ދެ ރޭ. އެހާ އަގު ބޮޑޭ. ބައެއް ތަންތަނުން އެބަ ނަގާ 9،000 ރުފިޔާ، އެ އަށް ވުރެ އަގުހެޔޮކޮށް މިކަން ކުރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ، އަޅުގަނޑު މި ބަލަނީ މި އަހަރު ތެރޭ އެކަމުގެ ހައްލެއް ލިބޭނެ ކަމަށް،"
މިއީ މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ކުރެވުނު ސުވާލަކަށް ދެއްވި ޖަވާބެވެ. މިނިސްޓަރު އެ ގޮތަށް ޖަވާބު ދެއްވީ، މާލޭގައި ފުޓުބޯޅަ ކުޅެން ބޭނުންވާ މީހުންނަށް ދަނޑުތައް ލިބުމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާ މައްސަލާގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު ކުރެއްވި ސުވާލެކެވެ.
ރާއްޖޭގައި އެންމެ ފަހުން އޮތް ދެ ސަރުކާރުން ވެސް ޒުވާނުންނަށް ކޮށްދޭ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ކުރަމުން އައި އެއް ކަމަކީ ފުޓްސަލް ދަނޑު އެޅުމެވެ. ކުޅިވަރާ ބެހޭ ކަމެއްގެ މަޝްވަރާއެއް ކުރަން ކޮންމެ ތަނަކަށް އޭރަކު ހުންނެވި، މިނިސްޓަރަކު ވަޑައިގެންނެވި ކަމުގައި ވިޔަސް ޒުވާނުން އެދޭ ކަންކަމުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ލިބެނީ ފުޓްސަލް ދަނޑަށެވެ. މިކަން މި ގޮތަށް މިހެން އޮތުމުން ވެސް ފުޓްސަލް ދަނޑަށް އޮތް ޑިމާންޑް ވަރަށް ސާފެވެ.

ލޮނުޒިޔާރަތްކޮޅުގައި އަޅާފައިވާ ދެ ފުޓްސަލް ދަނޑު: މި ތަނުން އެއް ދަނޑަކީ މީގެ ދެ އަހަރު ކުރިން ހުޅުވި ދަނޑެއް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތަ އެއް ދިރިއުޅެމުންދަނީ މާލޭގަ އެވެ. ބްރިޖަކުން، 2018 ވަނަ އަހަރު ހުޅުމާލެ އާއި މާލެ ގުޅާލުމުން، މި ސިޓީގައި މީހުން ހެލިފެލިވެ، އުޅޭ ދުވެލި ވެސް އަވަސް ވީ އެވެ. މާލެ އާއި ހުޅުމާލެއާ ދެތަނުގައި ހުރި ފުޓްސަލް ދަނޑުތަކަށް ނުކަތާ ވަރަށް ޒުވާނުންގެ ޑިމާންޑް ބޮޑުވީ އެވެ.
މި ހުރިހާ ކަމެއް މި ގޮތަށް އޮތްއިރު، މާލޭގެ ގިނަ ދަނޑުތަކެއް ހިންގަމުން އަންނަނީ، ވަކި ކްލަބްތަކެއްގެ ދަށުން ކަމަށްވާއިރު، ދަނޑު ލިބެނީ އެ ކްލަބެއް ހިންގާ އޮނިގަނޑެއްގެ ތެރެއިންނެވެ. އެ އޮނިގަނޑުގެ ތެރޭގައި ހުރި ނުރަނގަޅު ކަންތައްތަކުގެ ވާހަކަ ދައްކާއިރު، އެންމެ ބޮޑަށް އިވޭ ޝަކުވާ އަކީ ދަނޑު ދޫކުރާއިރު، އެ ނަގާ ފީ ބޮޑުވުމުގެ ޝަކުވާ އެވެ. މިއީ އިއްޔެ އަކު ނޫނީ މިއަދަކު ދައްކާ ވާހަކައެއް ނޫނެވެ. މިއީ މިހާރު އެ ވާހަކަތަކެއް ދައްކަމުން އަހަރު ގުނަމުން އަންނަތާ އެތައް ޒަމާނެއްވެފައިވާ ވާހަކަ އެކެވެ.
ކުރިން ވެސް ފާހަގަކުރި ކަމެއް، އަދި ވެސް ހައްލެއް ނެތް؟
މި ސަރުކާރުގެ މަސައްކަތް ފަށައިގަނެ، ތިން މަސް ދުވަސް ތެރޭ، އެންމެ ގިނަ ކަންކަން ކުރަން "ފައިނެގި" މިނިސްޓްރީ އަކީ ކުޅިވަރާ ބެހޭ ވުޒާރާ އެވެ. ގިނަ ކަންކަމުގައި އަމަލީ ސިފަ ވެސް ފެނުނެވެ. ބައެއް ކަންތައްތައް އަދިވެސް އޮތީ މަޝްވަރާ މޭޒުގަ އެވެ. ކުރިއަކަށް ނުދެ އެވެ. އޭގެއިން އެއް ކަމަކީ ކްލަބްތައް އަތުން ސަރުކާރަށް ދަނޑުތައް ނެގުމުގެ ވާހަކަ އެވެ.
ޒުވާނުންނާ ގުޅޭ އެތައް ކަމެއްގައި ކުރީ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، ކުޅިވަރާ ބެހޭ މިނިސްޓަރު މަހުލޫފް އޭރު ވިދާޅުވީ، ހުރި މި ފަދަ މައްސަލަތަކަށް "ހައްލެއް" ހޯދައިދެއްވާނެ ކަމެވެ.
މާލެ ސަރަހައްދުގައި ބޮޑު އަގެއްދީފައި ކުޅެން ދާން ޖެހުމުގެ ވާހަކަ އޭރު މިނިސްޓަރު ވެސް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ ފުޓްސަލް ދަނޑުތައް އަބަދުޖެެހެނީ "މަރާމާތު" ކުރަން ކަމަށާއި އެ ތަންތަން ރަނގަޅު އުސޫލެއްގެ ތެރެއިން ބަލަހަންޓަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފެންނަ މަންޒަރުތަކަށް ބަލާއިރު، ކުޅިވަރު އިންފްރާސްޓްރަކްޗާތައް ބެލެހެއްޓުމުގައި އޮތީ ފަހަތު ފަޔަށް ބުރަވެފަ އެވެ.
މި ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަސް ތެރޭގައި މާލޭގައި ހުރި ފުޓްސަލް ދަނޑުތައް ސަރުކާރަށް ނަގަން އެކި ފަހަރު މަތިން މަޝްވަރާކުރެވުނު ނަމަވެސް އޭރު ވެސް އެކަމެއް އެ ގޮތަށް ނުވި އެވެ. ކޮންމެ ވެސް ސަބަބަކާ ހުރެ، މަޑުޖެހުނީ އެވެ.
އޭގެ ހަތަރު ވަރަކަށް އަހަރު ފަހުން މިނިސްޓަރު މި ހަފްތާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "މި މައްސަލަ އަށް މި އަހަރު ތެރޭގައި ހައްލެއް ގެނައުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް" މިހެނެވެ.

2020 ވަނަ އަހަރު ލޮނު ޒިޔާރަތްކޮޅުގައި އެޅި ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--
އެ އުންމީދުގައި ކުރިއަށްދާއިރު، ވިސްނާލުން މުހިންމު ކަންތައްތަކެއް ވެސް އެބަހުއްޓެވެ. މިހާރު ދަނޑުތައް ބަލަހައްޓަމުްނ އަންނަ ކްލަބްތައް އަތުން ދަނޑުނަގާ ވާހަކަ ދައްކާއިރު، މި ވަގުތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ބައެއް ދަނޑުތަކުގެ ބެލެހެއްޓުމުގެ އޮނިގަނޑުގައި ހުރި ކަންކަން ވެސް ރަނގަޅުކުރަން ޖެހެ އެވެ.
މި ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭގައި މާލެ ސަރަހައްދުގައި ގިނަ ފަހަރުތަކެއް މަތިން ފުޓްސަލް ދަނޑުތައް ހަލާކުވެގެން އެތައް ފަހަރަކު ވަނީ މަރާމާތުކޮށްފަ އެވެ. ކޮންމެ ވެސް ކްލަބަކުން މުބާރާތެއް ބާއްވަން ބަލާއިރު، ދަނޑު ހަލާކުވެފައި އޮތުމުން އެ ޝަކުވާ ހިފައިގެން މިނިސްޓްރީ އަށް ދިއުމުން ދަނޑު ހަދައިދެނީ އެވެ.
މާލެ ސަރަހައްދުގައި ބައެއް ކްލަބްތަކުން އަމިއްލަ އަށް ދަނޑު ބަލަހައްޓަނީ، އެ ތަން މަރާމާތު ކުރެވޭ ވަރަށް ލާރި ވެސް ހޯދަމުންނެވެ. އެއީ އެ ކްލަބްތަކުން ބުނާ ވާހަކަ އެވެ. މިނިސްޓަރު ކުޅެން ދިއުމަށް، އެ ދައްކަވާ 6400 ރުފިޔާ އާއި ދަނޑަށް ކުޅެން ގަވާއިދުން އަންނަ އެންމެން އަތުން އެ ނެގޭ ފައިސާ އަކީ ދަނޑު ބެެލެހެއްޓުމުގެ ޒިންމާ ފުރިހަަމަ އަށް ކުރަން ނެގޭ ފީ އެކެވެ. މީގެ އިތުރުން އެ ދަނޑަކާ ހަވާލުވެ ތިބި، ކްލަބެއް ނޫނީ ޖަމިއްޔާ އަކަށް އަމިއްލަ ފައި މައްޗަށް ތެދުވަން ކުރާ މަސައްކަތުގައި ހިންދެމިލެވެން އޮތީ މި ފަދަ ގޮތަކަށް ފައިސާ ހޯދައިގެން ކަމަށްވާތީ އެވެ.
"އެބަފެނޭދޯ މިނިސްޓްރީގެ ބެލުމުގެ ދަށުން ހުންނަ ދަނޑުތައް ހުންނަ ހާލު، އެ ތަންތަން ގިނަ ފަހަރު ހުންނަނީ ހަލާކުވެފައި، އެ ދަނޑުތައް އަލުން ހަދައި، މަރާމާތަށް، އެހާ ދުވަސް ނަގާއިރު، ދެން، ކޮންމެ ގޮތެއް ވިޔަސް ރަނގަޅަށް ބަލަހައްޓާ ދަނޑުތަކުގެ ޑިމާންޑް މަތިވާނެ ދޯ،" މާލެ ސަރަހައްދުގައި ދަނޑެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްގެ ހިޔާލު ހޯދުމަށް ކުރި ސުވާލަށް ދިން ޖަވާބަކީ މި އެވެ.
ދަނޑުތަކުން ނަގާ ފީ ހުރީ އިންތިހާ އަށް މަތީގަ އެވެ. އެކަމާ ދެބަސްވެވޭކަށް ނެތެވެ. އެކަމަކު، އެ ފީ ދައްކުރެވޭނެ ގޮތަކީ މުޅި ނިޒާމުގެ ތެރެއިން ހައްލު ހޯދަން ޖެހޭނެ ކަމެކެވެ.
މާލެ ސަރަހައްދުގައި ފުޓްސަލް ދަނޑުތައް މަދުކަމަށް ބުނެ، އަނެއްކާ ވެސް ދަނޑުތަކެއް އެޅިދާނެ އެވެ. އެކަމަކު، އެ ތަން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ތިބޭ ބަޔަކަށް އެކަން ނުކުރެވި މަރާމާތު ކުރަން ޖެހޭ ހާލުގައި އަބަދު ދަނޑުތައް އޮންނަނަމަ މީގެ ޑިމާންޑް ދާނީ ރަނގަޅަށް ބަލަހައްޓަމުން އަންނަ ދަނޑުތަކާ ދިމާލަށެވެ. އޭރުން އަގުނަގާ ބަޔަކަށް ކިތަންމެ މައްޗަށް ވެސް އަގު ޖެއްސިދާނެ އެވެ.
ކްލަބް/ޖަމިއްޔާތައް އަތުން ފުޓްސަލް ދަނޑުތައް ސަރުކާރަށް ނަގަން އުޅޭ ކަމަށް މިނިސްޓަރު ވިދާޅުވާއިރު، ދަނޑުތައް ބެލެހެއްޓުމަށް އޮތް އިންތިޒާމުތައް މިހާރަށް ވުރެ، ހަރުދަނާވާން ޖެހޭނެ އެވެ. އެހެން ނޫންނަމަ ކިތަންމެ ދަނޑެއް އެޅި ކަމުގައި ވިޔަސް، އެ ދަނޑުތައް ނުބެލެހެއްޓި މަރާމާތު ކުރަން ޖެހޭ ފަހަރުތައް ގިނަވެ، އަބަދުވެސް އެ އަންނަ ޝަކުވާތަކެއް މަދެއް ނުވާނެ އެވެ.
ކުޅެން ދާން ދައްކަން ޖެހޭ ފީ ބޮޑުވުމުގެ ޝަކުވާތަކުގެ މައްސަލައެކޭ އެއް ވަރަށް މިލިއަނުން ހަރަދުކޮށްފައި އަޅާ ދަނޑުތައް ނުބެލެހެއްޓި، އެ ދަނޑުތަކުގެ މަރާމާތަށް އެ ހިނގާ ހަރަދުތައް އިންތިހާ އަށް ގިނަވުމަކީ ބޮޑު މައްސަލަ އެކެވެ. ސަރުކާރުގެ ހަރަދުގައި އަޅާ ދަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ އުސޫލެއް އޮތުން ވެސް މުހިންމެވެ.












