ގިނަ އަދަދެއްގެ ގެސްޓު ހައުސް ހިންގަމުން އަންނަ ކ. މާފުށީގައި ހުންނަ ޖަލު ސަރަހައްދު މަތީން ޑްރޯން އެރުވުމާއި، އެ ސަރަހައްދު މޫދުގައި މޫދުކުޅިވަރު ކުޅޭ އުޅަނދުތައް ދުއްވުން އެ ރަށު ކައުންސިލުން މިއަދު މަނާކޮށްފި އެވެ.
އެ ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޖަލު ހިމެނޭ ސަރަހައްދުގެ މަތީން ޕެރެސެއިލިން އާއި ޑްރޯނު ދުއްވުމާއި އަދި އެ ސަރަހައްދުގެ އައްސޭރިފަށުގައި ޖެޓްސްކީ ފަދަ އުޅަނދުތައް ދުއްވާ ކަމުގެ ޝަކުވާ އެކި ފަހަރު މަތީން ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ މިކަން މަނާކުރީ ޖަލު ހުންނަ ސަރަހައްދަކީ ހާއްސަ ހުއްދައާއެކު ނޫނީ ވަދެ ނުނިކުމެވޭ ސަރަހައްދަކަށްވުމާ އެކު މިފަދަ ކަންކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
މިގޮތުން، ޖަލު ތެރޭގައި ހިނގަމުން އަންނަ ކަންކަމުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި ދައުރު ކުރުމާއި މިފަދަ ކަންކަން ފެންނަން ނުޖެހޭ ފަރާތްތަކަށް ފެނުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެ އެވެ.
ހަމައެހެންމެ، މިފަދަ ކަންކަމުގެ ސަބަބުން، ޖަލަށް ވެއްދުން މަނާ ތަކެތި ޖަލު ސަރަހައްދަށް "އުކުމުގެ ނުވަތަ ވައްޓާލުމުގެ ނުވަތަ ޕޮޓްކުރުމުގެ" ފުރުސަތު ވެސް ބޮޑުވެގެންދާ ކަމަށް ބުނެފައިވާއިރު، ކައުންސިލުން ވަނީ މިފަދަ ކަންކަމަކީ ޖަލުގެ ސަލާމަތަށް އަސަރު ކުރާނެ ކަންކަމުގެ ގޮތުގައި ފާހަގަކޮށްފަ އެވެ.








