މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކޮންސިއުމާ އޮމްބަޑްސްމަން އޮފީހުގެ ވެބްސައިޓު އިފްތިތާހުކޮށްފި އެވެ.
މި ގާނޫނަކީ 2020 ވަނަ އަހަރު އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ގެޒެޓު ކުރެވި، އަމަލު ކުރަމުން އަންނަ ގާނޫނެކެވެ. އެ އޮމްބަޑްސްމަންގެ މަގާމަށް މަރިޔަމް ޝަމްއާ އިސްމާއީލް ވަނީ 2021 ވަނަ އަހަރު އައްޔަންކޮށްފަ އެވެ.
ކޮންސިއުމާ އޮމްބަޑްސްމަނަކީ މި ގާނޫނުގެ ދަށުން އުފުލާ ޝަކުވާތައް ބަލަން ގާނޫނުގެ 70 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅެކެވެ. ކޮންސިއުމާ އޮމްބަޑްސްމަންގެ އޮފީހަކީ އިކޮނޮމިކް މިނިސްޓްރީގައި ގާއިމު ކޮށްފައިވާ އިދާރާއެކެވެ.
ގާނޫނުގެ ދަށުން ކޮންސިއުމާ އޮމްބަޑްސްމަންގެ ވާޖިބަކީ މުދާ ގަންނަ ފަރާތެއް ނުވަތަ ހިދުމަތެއް ހޯދާ ފަރާތެއްގެ ހައްގު ގެއްލިއްޖެ ހާލަތެއްގައި ބަދަލު ނަގައިދިނުމާއި ގާނޫނު ހިލާފުވާ ފަރާތްތައް ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ހުށަހެޅޭ ޝަކުވާތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމެވެ.
ކޮންސިއުމާ އޮމްބަޑްސްމަންޕާސަންގެ އޮފީހުން ބުނީ އެ އޮފީހުގެ ވެބްސައިޓު ތައާރަފް ކުރީ މިފަދަ މައްސަލަތައް އެ އޮފީހަށް ހުށަހެޅޭނެ ފަސޭހަ ގޮތެއް ގާއިމްކޮށް، މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތު ވެބްސައިޓު މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ.
މައްސަލަތައް ހުށަހަޅަންޖެހެނީ އެކަމެއް ހިނގި ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގަ އެވެ. ކޮންސިއުމަ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހެޅޭނީ މުދާ ގަތް ނުވަތަ ހިދުމަތް ލިބިގަތް ފަރާތް ނުވަތަ މުދާ ގަތުމަށް ނުވަތަ ލިބިގަތުމަށް އެއްބަސްވެފައިވާ ފަރާތަށާއި، ކޮންސިއުމަރުން ނުވަތަ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލް ކުރާ ޖަމިއްޔާތަކަށެވެ.
މީގެ އިތުރުން މުދާ ނުވަތަ ހިދުމަތް ލިބިގަނެފައިވާ ފަރާތްތަކުގެ ތެރޭގައި އެއް ޝަކުވާއެއް ނުވަތަ އެއް މައްސަލައެއް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކެއް ވާނަމަ އެފަދަ ފަރާތްތަކުން ނުވަތަ ގިނަ ފަރާތްތަކެއް އެކުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ ފަރާތުންނެވެ.








