ހެކި ނެތް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލް މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
މުހައްމަދު އިސްމާއިލް އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހެވެ. އެހެން ނަމަވެސް އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކޮށްފަ އެވެ.
"[ބަންދުން ދޫކޮށްލަން އަމުރު ކުރީ] ޖިނާއީ ކުށެއް ކުރި ކަމަށް ފުލުހުންނަށް ހެކި ދެއްކިފައި ނެތުމުން،" ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.
އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަމަށް ހީނާ ވިދާޅުވި އެވެ.
ފުލުހުން މުހައްމަދު އިސްމާއިލް ހައްޔަރު ކުރީ "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާ ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީ އެ ހަރަކާތް ރާވާ ހިންގާ ކަމުގެ ތުހުމަތުގަ އެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ތަންފީޒު ކުރާ އިދާރާތަކަށް އަންގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ގަރާރެއް ވެސް ނެރުއްވައިފަ އެވެ. ފުލުހުން އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ދަނީ އެ ގަރާރަށް ފަހުގަ އެވެ.
ރައީސްގެ ރިޔާސީ ގަރާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ކަމަށް ބުނެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން ވަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާއިރު އެ ހާލަތަކަށް ބެލުމަށް ފަހު ގާނޫނުގައި ބުނެފައިވާ ވަރަށް އެކަން ކުރުމަށް ގޮވާލާފަ އެވެ.
ރައީސްގެ ގަރާރުގައި ވިދާޅުވެފައި އޮތީ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގެ "ސުލްހަ މަސްލަސްކަން ނަގައިލުމުގެ ނިޔަތުގައި" ހިންގާ ކެމްޕެއިނެއް ކަމަށެވެ. އަދި، އެއީ ރާއްޖޭގެ ތަރައްގީ އާއި މި ސަރަހައްދުގެ ހަމަޖެހުމަށް ހުރަސް އެޅުމަށް ކުރާ ކެމްޕެއިނެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އެހެންނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހުރި ކަންކަމަށް އިންކާރު ކުރެ އެވެ. އިދިކޮޅުން ހިންގާ އެ ކެމްޕޭނަކީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ހިންގާ ކެމްޕޭނެކެވެ.













