ހުޅުމާލެ ފޭސް ޓޫގައި އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒު ޑިޒައިން ކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ބޮޑެތި ފައިސާގެ އިނާމުތަކެއް ލިބޭގޮތަށް ބާއްވާ އިސްލާމީ މަރުކަޒު ޑިޒައިން ކުރުމުގެ މުބާރާތުގައި ކޮންމެ އާކިޓެކްޓަކަށް ވެސް އެއް ހުށަހެޅުން ބައިވެރިކުރެވޭނެ ކަމަށް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުންޏެވެ. އެ މުބާރާތުގެ އެންމެ މޮޅު ތިން ޑިޒައިން ހޮވާ، އިނާމު ދޭނެ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ޖުމްލަ އެއް މިލިއަން ރުފިޔާގެ އަގުހުރި ފައިސާގެ އިނާމު ހުށަހަޅާފަ އެވެ. އެއީ:
- އެއްވަނަ ޑިޒައިނަށް – ހަތް ލައްކަ ރުފިޔާ
- ދެވަނަ ޑިޒައިނަށް – ދެ ލައްކަ ރުފިޔާ، އަދި
- ތިންވަނަ ޑިޒައިނަށް – އެއް ލައްކަ ރުފިޔާ އެވެ.
އިސްލާމިކް މިނިސްްޓްރީގެ އިއުލާނުގައިވާ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިސްލާމީ މަރުކަޒު ފަރުމާކުރަން ޖެހެނީ މީހުން އަޅައިގަންނަހާ ތަފާތުކޮށް ކަމަށެވެ. އެތަނުގެ ކައިރީގައި ހުންނަ އިމާރާތްތަކާއި އެމަރުކަޒު މުޅިން ތަފާތު ވާން ޖެހޭނެ ކަމަށް ވެސް ވެސް އެ އިއުލާނުގައި ބުންޏެވެ.
މުބާރާތުގައި ބައިވެރިވާން އަންނަ ބުދަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވާން ޖެހެ އެވެ. ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓު 25 އެވެ.

ގާތްގަނޑަކަށް 230،000 އަކަފޫޓުގެ ސަރަހައްދެއްގައި އަޅާ އެެ އިސްލާމީ މަރުކަޒު ހުންނާނީ ފޭސް ޓޫގައި މެރީނާ ތަރައްގީކުރަން އުޅުނު ސަރަހައްދާ ދިމާލުގައި މޫދު ފެންނަ ހިސާބުގަ އެވެ.
އެތަނުގައި 10،000 މީހުންނަށް ނަމާދު ކުރެވޭ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލެއް އަދި 150 ވަރަކަށް މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭ ވަރުގެ ލައިބްރަރީއެއް ހުންނާނެ އެވެ. ސެމިނާ ހޯލްތަކާއި ހިތްހަމަޖައްސާލަން މަޑުކޮށްލާނެ ސަރަހައްދަކާއި ކޮމާޝަލް ސަރަހައްދެއް ވެސް އެތަނުގައި އޮންނާނެ އެވެ.












