ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނަށް ހަދާފައިވާ "ރީތިގަސް" ޓަވަރުތަކުގެ ކޮމާޝަލް ޔުނިޓުތައް، އާންމުކޮށް އިއުލާނު ކުރުމެއް ނެތި އުސޫލުން ބޭރުން ކުއްޔަށް ދޫކޮށްލައިފި އެވެ.
އަދަދު ނޫހަށް މައުލޫމާތު ދިން ބައެއް މަސްދަރުތަކުން ބުނީ ރީތިގަސް މަޝްރޫއުގެ 6 ޓަވަރުގައި ހުރި ކޮމާޝަލް ޔުނިޓުތައް ދޫކޮށްލީ ހިޔާނާތައް މަގުފަހިވާ ގޮތަށެވެ. އޭގެ ބައެއް ޔުނިޓުތައް ދޫކުރީ އުސޫލުން ބޭރުން ފައިސާ ނަގައިގެން ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
މި ތުހުމަތުތަކާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއާ ސުވާލުކުރުމުން ޖަވާބެއް ނުދެއްވި އެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބު އަދި އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ހުޅުމާލޭން ބިންތައް ކުއްޔަށް ދޫކޮށްފައިވާއިރު، ބޮޑު އަގުގައި މަޝްރޫއުތައް ވެސް އެކި ފަރާތްތަތަކާ ހަވާލުކޮށްފައިވެ އެވެ.
މިފަހަރުގެ އިންތިހާބާ ދިމާކޮށް ޗެނަލް ޕާކް ސަރަހައްދުން ބޮޑު ދެ ބިމެއް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދޫކޮށްލާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބިންތައް ދޫކުރުމުގެ އިތުރުން، ހިޔާޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރަން އޭރު 18 މިލިއަން ޑޮލަރަށް (މިހާރު ބްލެކް މާކެޓު ރޭޓުން ބަލާނަމަ 360 މިލިއަން ރުފިޔާ) އަށް ހަވާލުކުރި މަޝްރޫއު އަދިވެސް ނުނިންމެ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ މަޝްރޫއުގެ އަގު އިންތިހާއަށް ބޮޑުކޮށްފަ އެވެ.
އޭރު ހަވާލުކުރި ބައެއް މަޝްރޫއުތަކަށް އެޑްވާންސް ފައިސާ ހަވާލުކޮށްފައި ވާއިރު އަދިވެސް މަޝްރޫއު ނުފަށަ އެވެ.










