ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 29 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.
ބީއެމްއެލް އިން ކުރި އިއުލާނެއްގައި ބުނީ މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.
މި ޖަލްސާގައި ދުރާލާ ރަޖިސްޓްރީ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑަރުން ހާޒިރުވެގެންނާއި، މޯލްޑިވްސް ސެކުއިރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އެވެ. މިއީ އޮންލައިންކޮށް ވެސް ބައިވެރިވާ ޖަލްސާއެއް ކަމުން ބީއެމްއެލް އިން ބުނީ ވޯޓުލުން ކުރިއަށް ގެންދާނީ "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ.
މިހާރު ބީއެމްއެލް އިން ވަނި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑަރުން ރަޖިސްޓްރީ ވާން ފުރުސަތު ހުޅުވާލާފަ އެވެ. އެ ބޭންކުން ބުނީ މި ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ޖަލްސާގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންކަން
- މިދިޔަ އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުން.
- ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން.
- ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުން.
- މި އަހަރު ކުންފުނި އޮޑިޓުކުރަން ހޮވާ އޮޑިޓަރުންގެ އުޖޫރަ ކަނޑައެޅުން.
- ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބުކުރުން.
- ޗެއާޕާސަންގެ އުޖޫރައާމެދު ގޮތެއް ކަނޑައަޅައި ފާސްކުރުން
މިދިޔަ މަހު ބޭންކުގެ ބޯޑުން ވަނީ އިންޓެރިމް ޑިވިޑެންޑާއި ފައިނަލް ޑިވިޑެންޑް ހިމެނޭގޮތަށް ހިއްސާއަކަށް 48ރ. މަގުން 258.3 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފަ އެވެ. މި އަދަދާ މެދުގައި ގޮތެއް ނިންމާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ވޯޓު ލައިގެންނެވެ.
އިންޓެރިމް ޑިވިޑެންޑް: ހިއްސާއަކަށް 13ރ. މަގުން 69.9 މިލިއަން ރުފިޔާ
ފައިނަލް ޑިވިޑެންޑް: ހިއްސާއަކަށް 35ރ. މަގުން 188.3 މިލިއަން ރުފިޔާ
މިދިޔަ އަހަރަކީ ބޭންކަށް ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑު އަހަރެކެވެ. އެގޮތުން ބީއެމްއެލް އިން ވަނީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ލައިގަތް ތާށިކަމުން އަރައިގަނެ 1.7 ބިލިއަން ރުފިޔާ ސާފު ފައިދާ ވެފަ އެވެ.
މިއީ ބީއެމްއެލްގެ 40 އަހަރުގެ ތާރީހުގައި ރެކޯޑެކެވެ.










