އިއްޔެ މާލޭގައި ހިންގި ދެ މާރާމާރީގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެކަކު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އިއްޔެ ހިންްގި އެއް މާރާމާރީއަކީ ފަތިހު މާވެޔޮ މަގު މިސްކިތް ކައިރި ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި 23 އަހަރުގެ ދެ ދިވެހި ފިރިހެނުންނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާއަށް ގެންދިޔަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ މި ނޫހަށް ވިދާޅުވީ، އެއިން އެކަކު އިއްޔެ ދޫކޮށްލާފައިވާއިރު، އެނެކަކު ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދެމުން ގެންދާ ކަމަށެވެ.
އިއްޔެ ހިންގި ދެވަނަ މާރާމާރީއަކީ ހެނދުނު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުގައި ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި ދެ މީހަކު ޒަހަމްވިއިރު އޭޑީކޭއަށް ފަރުވާއަށް ގެންދިޔަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މި ނޫހަށް ވިދާޅުވީ އެ ދެ މީހުނަށް ވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި ދެ މީހުންގެ ހާލަތު ވެސް ރަނގަޅު ވަމުން އަންނަ ކަމަށެވެ.

މި ދެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ނުބުނެ އެވެ. ފުލުހުން މިހާތަނަށް ބުނެފައިވަނީ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމެވެ.













