ގިނަ ކުޅިވަރުތަކެއްގައި އެންމެ އުހުގައި ކުޅުމަކީ ކޮންމެ ކޮންމެ ކުޅުންތެރިއަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކެރިއަރުގެ އެކި ހިސާބުގައި އެކި ކުޅިވަރު ކުޅެ ކޮންމެ ކުޅިވަރެއްގެ ވެސް ގައުމީ ޓީމު ތަމްސީލުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދެ އެވެ. ކުޅިވަރުގައި ކުރިއަށްދާން އަންހެން ކުދިންނަށް އުންމީދާއި ހިތްވަރު ހޯދައިދިނެވެ. ބާސްކެޓްބޯޅައިގައި ދިވެހި ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދި ދެ ފަހަރު ވެސް އެ ޓީމުގެ މުހިންމު ދައުރެއް އަދާކުރި އެވެ. ރާއްޖޭގައި ހޭންޑްބޯޅައިގެ ޅަފަތުގެ ދައުރުން ފެށިގެން އެ ކުޅިވަރު މަގުބޫލު ކުޅިވަރަކަށް ހެދުމުގައި ވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި އެވެ.
މިއީ މިހާރު ކުޅިވަރު ކުޅުމުގެ ދަތުރު ނިންމާލައި ކޯޓުން ފައިބައިފައިވާ ނަޝްފާ އާމިރާ (ނައްފަ)ގެ ކުޅިވަރުގެ ދަތުރުގެ ވާހަކަ އެވެ.
ނައްފަ ނުކުތް ފުރަތަމަ ކުޅިވަރަކީ އެތުލެޓިކްސް
ސްކޫލް ދައުރުގައި ނައްފަގެ ފުރަތަމަ ހޮވުމަކީ އެތުލެޓިކްސް އެވެ. އުމުރުން އެންމެ ނުވަ އަހަރުން ފެށިގެން އެތުލެޓިކްސްގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައީ އެ ކުޅިވަރަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑު ކަމުންނެވެ. މީގެ އިތުރުން އިންޓަ ސްކޫލް ލެވެލްގައި ވެސް ހޯދަމުން ދިޔަ ކާމިޔާބީތަކާ އެކު ގައުމީ ޓީމާއި ހަމައަށް ދާން މާ ގިނަ ދުވަސްތަކެއް ނުނެގި އެވެ. އުމުރުން އެންމެ 15 އަހަރުގައި އެތުލެޓިކްސް ގައުމީ ޓީމުން ޖާގަ ހޯދައި މުބާރާތްތަކުގައި ވާަދަކުރަން ފެށި އެވެ.

ނައްފަ ރާއްޖޭން ބޭރުގައި ވާދަކުރި އެތުލެޓިކް މުބާރާތެއްގެ ތެރެއިން.
ނައްފަ، އެތުލެޓިކްސްގެ ސަފުހާ ނިންމާލަން ޖެހުނީ އެންމެ އުންމީދުކޮށްގެން ހުރި މުބާރާތަށް ދާން ނަސީބުވެސް އެހީ ނުވުމުންނެވެ. އެއީ 2004 ގައި އެތެންސްގައި އޮތް އޮލިމްޕިކްސް އަށް ގައުމީ ޓީމު ހޮވަން އޮތް ޓްރަޔަލްތަކުގެ ކުރިން ނައްފަގެ އަތް ބިންދައިގެން ގޮސް އެތުލެޓިކްސްގެ ދަތުރު ކުރުކޮށްލަން ޖެހުނެވެ.
ކުރު ދަތުރެއް ނަމަވެސް އެތުލެޓިކްސްގެ ކެރިއަރު ނިންމާލުމާއި ހަމައަށް އޭނާ ގައުމީ ރެކޯޑުތަކެއް ވެސް ހެދި އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ރެކޯޑަކީ 1999 ވަނަ އަހަރު އޭނާ ހެދި ގައުމީ ދިގު ފުންމުމުގެ ރެކޯޑެވެ. އޭގެ ފަހުން އަމިއްލަ ރެކޯޑު 2000 ވަނަ އަހަރު އާކުރި އެވެ. ނައްފަގެ ގައުމީ ރެކޯޑު އެހެން އެތުލީޓަކަށް މުގުރާލެވުނީ 21 އަހަރަށް ފަހު މިދިޔަ އަހަރު ނިމުނު ގައުމީ މުބާރާތުގަ އެވެ.
ބާސްކެޓްބޯޅައިގައި ސަރަހައްދީ މެޑަލް ހޯދި
އެތުލެޓިކްސް ކެރިއަރު ހުއްޓާލުމަށް ފަހު ނައްފަ މިސްރާބު ޖެހީ ބާސްކެޓްބޯޅަ ކޯޓަށެވެ. ސްކޫލް ދައުރުގައި ކުރިއަށްގެންދިޔަ ބާސްކެޓްބޯޅަ ޔޫތު ކޭމްޕްތަކުގައި ބަައިވެރިވެ ތަމްރީންތައް ހަދާފައިވާތީ މި ކުޅިވަރުގެ އުހައްދާން ނައްފަ އަށް މާ ބޮޑު ގޮންޖެހުންތަކެއް ކުރިމައްޗެއް ނުވި އެވެ. އަނެއްކޮޅުން ނައްފަގެ ދިގު އިސްކޮޅާ އެކު އޭނާ އަކީ ކޮންމެ ކޯޗަކަށް ވެސް ބޭނުން ހިފޭނެ ކުޅުންތެރިއަކަށްވި އެވެ. ބާސްކެޓްބޯޅައިގެ ފުރިހަމަ ކުޅުންތެރިއެއްގެ އިސްކޮޅާއި ހުނަރު ނައްފަ އަށް ލިބިފައި ވުމުގެ އެޑްވާންޓޭޖް ނެގީ ކެރިގެންނެވެ.
ބާސްކެޓްބޯޅަ ކެރިއަރު ފަށައިގެންގޮސް ނައްފަ މި ކުޅިވަރުގެ ސަރަހައްދީ ފުރަތަމަ މެޑަލް ހޯދި ޓީމުގައި ވެސް ހިމެނުނެވެ. އެއީ ސްރީ ލަންކާގެ ހަމްބަންޓޯޓާގައި 2011 އޮތް ސައުތު އޭޝިއަން ބީޗް ގޭމްސްގަ އެވެ. ނައްފަ، ހައުމާ އުބެއިދުﷲ (ހައު)، ފަދުވާ ޒާހިރު އަދި އާމިނަތު ޝިއުރާ ހިމެނުނު ރާއްޖޭގެ ތުރީ އޮން ތުރީ ޓީމުން ވަނީ ސްރީ ލަންކާ، އާއި ނޭޕާލް ބަލިކޮށް މުބާރާތުގެ ރިހި މެޑަލް ހޯދައިފަ އެވެ.

ބީޗް ގޭމްސްގައި މެޑަލް ހޯދި ތުރީ އޮން ތުރީ ޓީމު: (ކ.ވ) ފަދުވާ، ހައު، ނައްފަ އަދި ޝިއުރާ
ރަނގަޅު ކާމިޔާބީތަކަކާ އެކު ބާސްކެޓްބޯޅައިގެ އެންމެ ކުރީ ސަފުގައި ހުއްޓައި އެ ކުޅިވަރަށް ބޮޑު ބަދަލެއް އައެވެ. ބައިނަލްއަގްވާމީ ބާސްކެޓްބޯޅައިގައި ބުރުގާ އެޅުން މަނާ ކުރުމާ އެކު މި ކުޅިވަރުގައި ރާއްޖޭގެ ގިނަ ކުޅުންތެރިންގެ ކުރިމަގަށް ބޮޑެތި ހުރަސްތަކެއް އައެވެ. ނައްފައާ އެކު ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން މި ކުޅިވަރާއި ދުރަށްދާން މަޖުބޫރުވި އެވެ.
ހޭންޑްބޯޅަ ޓީމާ އެކު ބޮޑު ޗެލެންޖަކަށް ނުކުތުން
ހޭންޑްބޯޅަ، 2014 ވަނަ އަހަރު ދިވެހި ރާއްޖެ އަށް ތައާރަފްވެ، މި ކުޅިވަރަށް އޭރު ތަރިންތަކެއް ބޭނުންވެފައިތިބި ދަނޑިވަޅުގައި އިސްނެގީ ބާސްކެޓްބޯޅަ ގައުމީ ޓީމާ ދުރަށް ޖެހުނު ކުޅުންތެރިންނެވެ. އޭގެ ތެރެއިން އެކަކީ ނައްފަ އެވެ.
ޅަފަތުގެ ދައުރުގައި އޮތް ހޭންޑްބޯޅަ ޓީމާ އެކު ނައްފަ މެން ކުރަން ޖެހުނު ފުރަތަމަ ތަޖުރިބާއަށް ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމަތް ރައްދުވި އެވެ. ސައުތު ކޮރެއާގެ އިންޗިއޮންގައި 2014 ވަނަ އަހަރު އޮތް އޭޝިއަން ގޭމްސްގައި ވާދަކޮށް ހޭންޑްބޯޅަ ޓީމަށް ކުރިމަތިލާން ޖެހުނީ އާދައިގެ އިމްތިހާނެއް ނޫނެވެ.

ނައްފަ ގައުމީ ހޭންޑްބޯޅަ ޓީމަށް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އޮލިމްޕިކް ކޮމިޓީ
އޭޝިއާގެ ގަދަ ބާރުތައްކަމަށްވާ ޖަޕާން، ކަޒަކިސްތާން، އުސްބެކިސްތާން އަދި ހޮންގް ކޮންގް ހިމެނުނު ގްރޫޕުން ރާއްޖެ ދިޔައީ ފުލަށެވެ. ހަތަރު މެޗުން ވެސް ބަލިވިއިރު، ރާއްޖެ އަށް ޖުމްލަ ޖެހުނީ އެންމެ 19 ގޯލެވެ. ރާއްޖެ ކޮޅަށް 233 ގޯލު ވަނެވެ. ޖަޕާނުން އެކަނިވެސް ރާއްޖެ ކޮޅަށް 79 ލަނޑު ޖެހި އެވެ.
މި މުބާރާތަށް ފަހު ނައްފައާ އެކު އެކުގައި ކުޅުނު ހުރިހާ ކުޅުންތެރިން އާ އަޒުމެއްގައި މަސައްކަތް ފެށި އެވެ. މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމަށް ރެއާ ދުވާލު މިކަމުގައި ހޭދަކުރި އެވެ. އާ ހުނަރުތައް ދަސްކޮށް ކޯޗިން ސަނަދުތައް ހޯދައި ޒުވާން ކުޅުންތެރިން ތަމްރީނު ކުރި އެވެ. މިހާރު ދިވެހި ރާއްޖެ އަކީ ސަރަހައްދީ ލެވެލްގައި ވެސް ވާދަކުރެވޭ ފެންވަރުގެ ހޭންޑްބޯޅައިގައި ނަން ހިނގާ ޓީމެކެވެ. އެންމެ ފަހުން އޮތް ސާފް ގޭމްސްގައި ވެސް ރާއްޖެ އިން ރަނގަޅު ވާދައެއް ކުރި އެވެ.
މިހާރުގެ ހާލަތަށް ހޭންޑްބޯޅަ ގެނައުމަށްޓަކައި ނައްފަ ކަހަލަ ކުޅުންތެރިންގެ ވި ގުރުބާނީ އަކީ ފަހަގަކުރަން ޖެހޭކަމެކެވެ. އޭނާގެ ކުޅުމުގެ ކެރިއަރު ނިންމާލީ އެންމެ ފަހުން އޮތް ގައުމީ މުބާރާތާ އެކުގަ އެވެ.
ހަނދާނުން ފޮހެލަން ދަތި އެތައްކަމެއް ހިމެނޭ ކެރިއަރެއް
ނައްފަގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލަން ބޭނުންވާ ކާމިޔާބީ އަކީ އިންޑިވިޖުއަލް ވަނަތަކަށް ވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ހޯދި ކާމިޔާބީ އެވެ. އެ ގޮތުން 2011 ވަނަ އަހަރު ހޯދި ރިހި މެޑަލްއާ އެކު މެދު އަބަދުވެސް އޭނާ ފަޚުރުވެރިވެ އެވެ. މި ކާމިޔާބީ އަށް ގައުމީ އިނާމް ވެސް ގައުމީ ތުރީ އޮން ތުރީ އަށް ލިބުނެވެ.
"އޭރު ޓީމްގެ އެންމެން ވެސް މެންދުރު ގަދަ އަވީގައި އައުޓްޑޯގައި ޕްރެކްޓިސް ކުރީ. ވަރަށް ބޮޑު ގުރުބާނީ އެއް އެއީ ޓީމުގެ އެންމެންގެ ވެސް. އެ އެޗީވްމަންޓް ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ" ބާސްކެޓްގައި ހޯދި ފުރަތަމަ ސަރަހައްދީ މެޑަލް އާ ގުޅޭގޮތުން ނައްފަ ބުންޏެވެ.
މި މެޑަލަށް ފަހު ދެން ނައްފަ ފާހަގަކުރަނީ 21 އަހަރު ވަންދެން މުގުރާ ނުލެވި އޮތް ދިގު ފުންމުމުގެ ގައުމީ ރެކޯޑެވެ. އޭރު އޭނާގެ ފޭވަރިޓް ކުޅިވަރުގެ އެންމެ ފާހަގަކޮށްލެވޭ ހަނދާނަކީ މިއީ އެވެ.
މީގެ އިތުރުން 2012 އަހަރު ދުވަހު ނޫސް ހަވީރުން ހޮވި އަހަރުގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑާއި، ދާދި ފަހުން ނިމުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އަހަރުގެ އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ލިބުމަކީ ވެސް ނައްފަ އަށް ކެރިއަރުގައި ލިބުނު މުހިންމު ކާމިޔާބީތަކުގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.

ނައްފަ އަށް އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހަވާލުކުރަނީ.
ކުޅުމުގެ ކެރިއަރުގައި އޭނާގެ އެންމެ ހަނދާނުން ފޮހެލަން އުނދަގޫ މެޗެއްގެ ގޮތުގައި ނައްފަ ފާހަގަކުރަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މެޗެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕާކިސްތާނާ ދެކޮޅަށް ގައުމީ ޓީމު ނުކުތީ ތާރީހީ ކާމިޔާބަކަށް އުންމީދު ކޮށްގެންނެވެ. ސަރަހައްދީ ގޭމްސްގެ ސެމީ ފައިނަލުން ޖާގަ ހޯދުމާ ދިވެހި ރާއްޖެ އޮތީ 50 ސިކުންތު ކައިރީގަ އެވެ. އެ މެޗު އެއްވަރުވިޔަސް ސެމީ ފައިނަލަށް ދަނީ ރާއްޖެ އެވެ. ނަމަވެސް ފަހު ސިކުންތުކޮޅުގައި ޕާކިސްތާނުން ޖެހި ގޯލާއިއެކު 17-16 އިން ބަލިވެ ރާއްޖެ އަށް ސެމީ ފައިނަލްގެ ޖާގަ ގެއްލުނީ އެވެ. ނައްފަ ފާހަގަކުރާ ގޮތުގައި މި މެޗަކީ ރާއްޖޭގެ ކުޅުންތެރިންނަށް އުންމީދާއި، މާޔޫސްކަން ވެސް އެއް ވަރަކަށް ގެނެސްދިން މެޗެކެވެ.
ކޯޗެއްގެ ގޮތުގައި ކުރިއަށްދިޔުމަކީ މިހާރުގެ އަމާޒު
ކޯޓުން ފޭބިކަމުގައި ވިޔަސް ނައްފަގެ އަޒުމަކީ ހޭންޑްބޯޅަ ކޯޗެއްގެ ގޮތުގައި ކާމިޔާބީތައް ހޯދުމެވެ. ކޯޗިން ލެވެލް 2 ގެ ސަނަދު ހޯދާފައިވާ ނައްފަ އަކީ ހޭންޑްބޯލް މޯލްޑިވްސް އިން ކުރިއަށްގެންދާ ކޮންމެ މުބާރާތެއްގައިވެސް ބެންޗުން ފެންނަ ކޯޗެކެވެ.
ފުރަތަމަ ޑިވިޝަންގެ ޓީމްތަކާއި، ދެ ވަނަ ޑިވިޝަންގެ ޓީމްތަކުގެ އިތުރުން، އޮފީސް ކުންފުނި ތަކުގެ ހޭންޑްބޯޅަ މުބާރާތާއި އިންޓަ ސްކޫލް މުބާރާތުގައި ވެސް ނައްފަ އަންނަނީ ބަރާބަރަށް ކޯޗުކަން ކޮށްދެމުންނެވެ.
މި ވަގުތު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހުރި ނައްފަގެ އަމާޒަކީ ހޭންޑްބޯޅައިން ފުރަތަމަ ބައިނަލްއަގްވާމީ މެޑަލް ގެންނަ ޓީމުގެ ބެންޗުގައި ހުރުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެއީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ. މިހާތަނަށް ސަރަހައްދީ ގައުމުތަކާއި ދެކޮޅަށް ކުޅެ ރާއްޖޭގެ ޓީމުން ހޯދާފައިވާ ނަތީޖާތަކަށް ބަލާއިރު ރާއްޖެ އަށް އެކަން ކުރަން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް ނައްފަ ގަބޫލުކުރެ އެވެ.
"މިހާރު ރަނގަޅު ކޯޓެއް އެބައޮތް، ދެން ބޭނުންވަނީ ފެންވަރު ރަނގަޅު ކޯޗަކާއި، ރަނގަޅު ވާދަވެރި މެޗުތަކެއް. ދިވެހި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު މިއީ ކާމިޔާބުކުރެވޭނެ ގޯލެކޭ އަޅުގަނޑު ބުނާނީ" ނައްފަ ބުންޏެވެ.
ހޭންޑްބޯޅަ ކޯޗެއްގެ ގޮތުގައި ހުއްޓަސް އޭނާގެ ހިތުގެ އެއްބަޔަކީ ބާސްކެޓެވެ. ގައުމީ ބާސްކެޓްބޯޅަ ޓީމުން ފުރަތަމަ ރަން މެޑަލް ހޯދާ މަންޒަރު ދެކެލުމަކީވެސް އޭނާ ދެކޭ ބޮޑު ހުވަފެނެކެވެ. މިކަމަށް އޭނާއަށް ވެވުނު މިންވަރަކުން އެހީވާންވެސް ނައްފަ ހުރީ ތައްޔާރަށެވެ.

ބާސްކެޓް މެޗެއްގެ ތެރެއިން ނައްފަ ބޯޅަ ހިފައިގެން.
ގޮންޖެހުން ބޮޑު ކެރިއަރެއް، އާއިލާއިން ލިބުނު ސަޕޯޓަށް ނައްފަގެ ޝުކުރު
ނައްފަ ގަބޫލުކުރާ ގޮތުގައި ކުޅުންތެރިއެއްގެ ގޮތުގައި ކުރެވުނު ހުރިހާ ތަޖުރިބާއަކުން ފިލާވަޅު ލިިބިގަނެ ކުރިއަށްދެވުނީ އާއިލާގެ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގަ އެވެ. އަބަދު ވެސް ގާތުގައި ހުންނަ މަންމަ އާއި ދައްތަމެންގެ ދެގޮތެއް ނުވެ ދެމުންގެންދިޔަ ހިތްވަރާއި ސާބަހުންނެވެ.
ނައްފަގެ ފިރިމީހާ އަހުމަދު ފިރާޝް (ފިރާ) އަކީވެސް ރާއްޖޭގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އެވެ. ދެ ކުޅުންތެރިން އެއްކޮށް މުބާރާތްތަކަށް ދާއިރު ދަރިފުޅު ބެލުމުގައި އާއިލާގެ މެންބަރުން ވެދިން އެހީތެރިކަމަށް ނައްފަ އަބަދު ވެސް ޝުކުރުވެރިވެ އެވެ.
މީގެ އިތުރުން ކޮންމެ ހާލަތެއްގައި ވެސް ކުރިއަށްދިޔުމަށް ފިރާ ދޭ ހިތްވަރު ނައްފަ ފާހަގަކުރެ އެވެ.
"ފިރާޝް ވަރަށް ސަޕޯޓިވް. އަންޑަ ސްޓޭންޑިން އިނދޭ. ލައިރާ (ދަރިފުޅު)ގެ އެއްވެސް ކަމެއް ލެކް ވިޔަ ނުދީ ކުރުމުގައި. މިސާލަކަށް ލައިރާ ސްކޫލް ކަމެއްވިޔަސް އެހެންކަމެއް ވިޔަސް. ދެން ދެމީހުން އެއްކޮށް ފުރަންޏާ މަންމަ، އެންޑް ދައްތަ މެން އުޅޭނެ އަބަދުވެސް. އެ އެންމެންގެ ސަޕޯޓް އަސްލު ފާހަގަކުރަން. ފިރާގެ ފެމިލީވެސް ވަރަށް ސަޕޯޓިވްސް. ލައިރާގެ ހުރިހާ ކަމެއް ކުރުމުގައި މުޅި ފެމިލީ އެއްކޮށް އުޅޭނެ" ނައްފަ ބުންޏެވެ.
ނައްފަ ގަބޫލުކުރާ ގޮތުގައި ތިން ކުޅިވަރެއްގެ އެންމެ އުހުގައި ކުޅުމަކީ އަމިއްލަ އަށް ވަރަށް ޑިސިޕްލިން ވެގެން ކުރެވޭނެ ކަމެކެވެ. އަމިއްލަ އަށް ޕްރެކްޓިސް އިން ބޭރުގައި ކުރަން ޖެހޭ ކަންކަން ކުރުމާއި، މިކަމަށް ދޭން ޖެހޭ ވަގުތު ދިނުމެވެ.
"އަސްލު މިއީ، އަމިއްލަ ޑިސިޕްލިން ވަރަށް ހުރެގެންވާނެ ކަމެއް. މިސާލަކަށް ހަމައެކަނި ނިދި ހަމަކުރަން ޖެހޭ. އިންޖަރީ އުޅެންޏާ އަމިއްލަ އަށް އައިސްޕެކް އަޅައި. ކަންކަން ކުރަންޖެހޭނެ. އަވަހަށް ރިކަވާވާން، ދެން ކޮމިޓްމަންޓް، ޓައިމް އަދި އެފަޓް. މިހާރުގެ ކުދިން ޕްރެކްޓިސް ކަޓުވަން ޖެހިލުމެއް ނުވޭ. އަހަރުމެން ކުޅުނުއިރު، ނުކަޓުވާނެ އެކަކު ވެސް. އެންމެން ވެސް ހަމަ އެއްވަރަކަށް އެފަޓް ލާނެ،" ދިގު ކެރިއަރާ މެދު ހިތްހަމަޖެހުން ފާހަގަކޮށް ނައްފަ ބުންޏެވެ.
ކުޅުމުގެ ކެރިއަރު ނިމުނަސް ނައްފަ ހުރީ މި ކުޅިވަރުތަކުން ކުރިއަށްދާން ބޭނުންވާ ކުޅުންތެރިންނަށް ހިތްވަރުދޭން ތައްޔާރަށެވެ. އޭނާގެ ތަޖުރިބާ ހިއްސާކުރަން ފުރިހަމަ އަށް ތައްޔާރުގަ އެވެ. އަދި އެ ކުދިންނަށް މި ދާއިރާއިން މަގު ކޮށައިދޭން ތައްޔާރަށެވެ.
މި ވަގުތު ނައްފަ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައި ރާއްޖޭގެ އެތުލީޓުން ތަމްސީލުކުރާ މެންބަރެވެ. ނައްފަގެ އަމާޒަކީ އެ މަގާމުގައި ހުރެވެސް ރާއްޖޭގެ އެތުލީޓުންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަގު ކޮށައިދިނުމެވެ. ރާއްޖޭގެ އެތުލީޓުންގެ އަޑު ކުޅިވަރުގެ ހިންގުންތެރިންނާއި ހަމައަށް ގެނެސްދިނުމެވެ. މިކަން ކުރުމުގައި އޭނާއާށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ 20 އަހަރަށް ވުރެ ގިނަ ދުވަހު ގައުމީ ފެންވަރުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ހޯދި ތަޖުރިބާ އެވެ.













