ދައުލަތުގެ މާލިއްޔާތުގެ ހާލަތު އަންގައިދީ ފިނޭންސް މިނިސްޓްރީން ޝާއިއުކުރާ މަންތުލީ ފިސްކަލް ޑިވަލޮޕްމަންޓު ރިޕޯޓު ޝާއިރުނުކުރާތާ ހަތަރު މަސް ވެއްޖެ އެވެ.
މަންތުލީ ފިސްކަލް ޑިވަލޮޕްމަންޓަކީ ސަރުކާރުގެ ހަރަދުތަކާއި އާމްދަނީގެ ތަފާސްހިސާބުތަކާއި ހުލާސާ މައުލޫމާތު އެކުލެވޭގޮތަށް ޖެނުއަރީ 2017 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރުކުރަމުން އަންނަ ރިޕޯޓެކެވެ. މި ރިޕޯޓުގައި އެކި ވުޒާރާތަކަށް ކަނޑައެޅިފައިވާ ބަޖެޓު ބޭނުން ކޮށްފައިވާ މިންވަރާއި ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ހިސާބުތައް ހުރެ އެވެ.
ފިނޭންސުގެ ވެބްސައިޓުން ފެންނަ ގޮތުގައި އެންމެފަހުން މީގެ ރިޕޯޓެއް ޝާއިރުކުރީ މި އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހު އެވެ. އެއީ ނޮވެމްބަރު 2021 ގެ ރިޕޯޓެވެ. އޭގެ ފަހުން އެއްވެސް މަހެއްގެ ރިޕޯޓެއް ފެންނާކަށް ނެތެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން ވަހީދު "އަދަދު"އަށް ވިދާޅުވީ ޑިސެމްބަރު 2021 ގެ ރިޕޯޓު ޝާއިރުނުކުރެވި ވަނީ އެ ރިޕޯޓު ތައްޔާރުކުރަން ބޭނުންކުރާ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މި އަހަރުގެ ރިޕޯޓުތައް ޝާއިރުނުކުރެވި ވަނީ އިދާރީ މުއާމަލާތް ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށެވެ.
މާލީ ހިސާބުތައް ހިމެނޭ މިފަދަ ރިޕޯޓުތައް ގަވާއިދުން އާންމުކުރުމަކީ ދައުލަތުގެ މާލީ ހާމަކަން އިތުރުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބާރުއަޅާ ކަމެކެވެ.

އެގޮތުން އެ އިދާރާއިން މިދިޔަ އަހަރު އާންމުކުރި ރާއްޖޭގެ ފިސްކަލް ޓްރާންސްޕޭރެންސީ އިވެލުއޭޝަން ރިޕޯޓުގައި ވެސް މިކަން ފާހަގަކޮށްފައިވެ އެވެ. ވަކިން ހާއްސަކޮށް މާލީ ހިސާބުތައް ގަވާއިދުން އާންމުކުރަން ބާރު އެޅުމަކީ މުހިންމު ކަމެއްކަން ވެސް ފާހަގަކުރި އެވެ.
މާލީ ހިސާބުތަކުގެ ހާމަކަން މިނެކިރުމުގައި އައިއެމްއެފްއިން ބަލާ މިންގަނޑުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ރަނގަޅު ރޭޓިންއެއް ލިބުނީ ވެސް ފިސްކަލް ރިޕޯޓިންނާއި ފިސްކަލް ފޯކާސްޓިންގެ އިތުރުން ބަޖެޓިން އިންނެވެ. އެ ދާއިރާއިން ރާއްޖެއަށް ލިބުނީ "އެޑްވާންސްޑް" ރޭޓިން އެކެވެ.
އެއީ މާލީ މައުލޫމާތު ހާމަކަކުރުމުގެ އެންމެ މަތީ ދަރަޖަ އެވެ.
އައިއެމްއެފުގެ އިތުރުން މިއީ މާލީ ވަޒީރު އިބްރާހިމް އަމީރު ވެސް ވަރަށް ބާރުއަޅުއްވާ، އެކަމަށް ވަކާލާތުކުރައްވާ ކަމެކެވެ. އަދި ތަފާތު އެކި ޕޯޑިއަމްތަކުގައި އެއީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީން ކައުންސިލަރުން އަހުލުވެރިކުރަން މިދިޔަ އަހަރު ޖޫން މަހު ބޭއްވި ޕްރޮގްރާމެއް ފައްޓަވައި ދެއްވަމުން، މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވީ ވީހާ ވެސް ދެފުށް ފެންނަ މާލީ ނިޒާމެއް ގާއިމުކުރައްވަން ކަމަށް ވިދާޅުވި އެވެ.
މަންތުލީ ފިސްކަލް ޑިވެލޮޕްމަންޓު ޝާއިއުނުކުރި ނަމަވެސް، އަމީރުގެ ވަޒީރުކަމުގައި ފެއްޓެވި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓު ރިޕޯޓުތައް ފިނޭންސް މިނިސްޓްރީން ދަނީ ބަރާބަރަށް ޝާއިރުކުރަމުންނެވެ. އެންމެ ފަހުން ޝާއިރުކުރީ މި އަހަރުގެ 13 ވަނަ ހަފުތާ (އެއީ މާޗު 31، 2022)އާ ހަމައަށް ދައުލަތުގެ ހަރަދުތަކާއި އާމްދަނީއާ ގުޅޭ މާލީ ހިސާބުތަކުގެ ރިޕޯޓެވެ.












