އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކުޅުނު ފަހު މެޗުން މިއަދު ތުރުކުމެނިސްތާން އަތުން 7-0 އިން ބަލިވެ، ކޮލިފައިން ނިންމާލައިފި އެވެ.
ފުރަތަމަ މެޗުގައި އޭޝިއާގެ އެންމެ ފަހުގެ ޗެމްޕިއަން، ދުނިޔޭގެ ރޭންކިން ހަ ވަނައިގައި އޮތް އީރާން އަތުން ރާއްޖެ ބަލިވީ 17-0 އިންނެވެ. ދެ ވަނަ މެޗުގައި ކިރްގިސްތާން އަތުން އިއްޔެ ވަނީ 7-1 އިން ބަލިވެފަ އެވެ. އަދި ފަހު މެޗުގައި މިއަދު ތުރުކުމެނިސްތާން އަތުން 7-0 އިން ބަލިވީ އެވެ.
މިދިޔަ ޖެނުއަރީ މަހު ގައުމީ ފުޓްސަލް ޓީމުން އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރީތައް ފެށިއިރު، މިދިޔަ މަހު ވަނީ ޖުމްލަ ހަ ގައުމު ވާދަކުރި ތައިލެންޑް އިންވިޓޭޝަނަލް ކަޕްގައި ކުޅެފަ އެވެ. އެ މުބާރާތުގެ ރޭންކިން މެޗުގައި މޮންގޯލިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، ރާއްޖޭން ފަސް ވަނަ ހޯދި އެވެ.
އޭގެ ފަހުން ރަނގަޅަށް ޕްރެކްޓިސްތައް ކުރިއަށް ގެންދަން ގިނަ ތަކުލީފުތަކެއް އުފުލުމަށް ފަހު، ކިރްގިސްތާނަށް ގޮސް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ވަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ރާއްޖޭގައި ފުޓްސަލް ކުޅޭނެ އިންޑޯއެއް ނެތި، މުޅިން އަލަށް އެ ފަދަ އިންޑޯއެއްގައި ޖުމްލަކޮށް، ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރަން ޖެހެ އެވެ.

ތުރުކުމެނިސްތާން ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ހުޒޭ ބޯޅަ ހިފައިގެންދަނީ.
ކިރްގިސްތާންގެ ބިޝްކެކްގެ ގެޒްޕްރޮމް ސްޕޯޓްސް ކޮމްޕްލެކްސްގައި މިއަދު ކުޅުނު މެޗުގައި ތުުރުކުމެނިސްތާނުން ލީޑުނެގުމުން ރާއްޖޭން ރަނގަޅަށް ކުޅެ، ނަތީޖާ ހަމަހަމަކުރެވޭ ވަރަށް ފުރުސަތު ތަނަވަސްކުރި އެވެ. އެ ގޮތުން ރާއްްޖެ ޓީމުގެ އަލީ ހާފިޒް (ހާއްޕެ)، އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ހުޒައިފަތު ރަޝީދު (ހުޒޭ) ފޮނުވާލި ޝޮޓްތަައް ދިޔައީ ގޯލާ ސީދާނުވެ އެވެ. ފުރަތަަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ތުރުކުމެނިސްތާނުން ލީޑުފުޅާކުރި އެވެ.
ދެ ވަނަ ހާފްގައި ތުރުކުމެނިސްތާނުން ފަސް ގޯލު ޖެހި ނަމަވެސް މި ހާފުގައި ވެސް ރާއްޖޭން ރަނގަޅަށް ކުޅެ، ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. ނަސީބުގެ އެހީވެސް ނެތުމާ އެކު ގޯލެއް ނުޖެހި ދިޔައީ އެވެ. ދެ ވަނަ ހާފުގައި ރާއްޖެ ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ހުސްކޮށްލާފައި އިޝާން އިބްރާހިމް (ސައްޓު) އަށް ދިނުމުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ޝާއްޕެ ހުސްކޮށް ވަދެ، ޖެހި ބޯޅަ ތުރުކުމެނިސްތާން ކީޕަރު ކުރިއަށް ނުކުމެ މަތަކުރީ އެވެ.
ކުވޭތުގައި މި އަހަރު ފަހުކޮޅު ބާއްވާ އޭޝިއަން ކަޕަށް ރާއްޖެ ހިމެނޭ ގްރޫޕުން ކޮލިފައިވީ އީރާނާއި ތުރުކުމެނިސްތާން އެވެ. އިރާނުން ވަނީ މިރޭ ކިރްގިސްތާން އަތުން 8-1 އިން މޮޅުވެ، ކޮލިފައިން ގްރޫޕް ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނިންމާލައިފަ އެވެ. ދެ ވަނައިގައި ނިންމާލި ތުުރުކުމެނިސްތާނަށް ހަ ޕޮއިންޓް ލިބުނުއިރު، ކިރްގިސްތާނުން ނިންމާލީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެންމެ ފަހަތުގައި އޮތް ރާއްޖެ އަށް މެޗުތައް ނިމުނީ ޕޮއިންޓެއް ނުލިބި އެވެ.
މިއީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖޭން ވާދަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭޝިއާ ލެވަލްގެ މުބާރާތެއްގައި ރާއްޖޭން އެންމެ ފަހުން ވާދަކުރީ މީގެ ފަސް އަހަރު ކުރިންނެވެ. އެ ފަހަރު ކުޅުނީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގަ އެެވެ.












