އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކުޅުނު ދެ ވަނަ މެޗުގައި މިއަދު ޓީމުގެ ކުޅުމުން ކުރިއެރުން ފެނުނު ނަމަވެސް ލިބުނު ފުރުސަތުތައް ނިންމާނުލެވި ކިރްގިސްތާން އަތުން 7-1 އިން ބަލިވެއްޖެ އެވެ.
ރާއްޖޭން ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން އީރާން އަތުން 17-0 އިން ބަލިވެފަ އެވެ. އެ މެޗާ އަޅާކިޔާއިރު، މިރޭ ކިރްގިސްތާނާ ދެކޮޅަށް ރާއްޖޭން ނިސްބަތުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކުރި އެވެ.
ކިރްގިސްތާންގެ ބިޝްކެކްގެ ގެޒްޕްރޮމް ސްޕޯޓްސް ކޮމްޕްލެކްސްގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ކުޅުން ނިމުނުއިރު، ކިރްގިސްތާން ކުރީގައި އޮތީ ތިން ގޯލުންނެވެ. އެ ޓީމުން ގޯލުތައް ޖެހީ އިސަބެކޯފް ގޯލެއްގެ އިތުރުން ޑޮލޮޓްކެލްޑިއޭފާއި ޒޯލްޑުބައޭފް ގޯލެކެެވެ.
ރާއްޖެ ޓީމުގެ އަލީ ހާފިޒު (ހާއްޕެ) އާއި އަބްދުﷲ ޝައްފާން (ޝާކާ)، އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ހުސެއިން ޝަރީފް (އޮންލީ) ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައިފަ އެވެ. އެކަމަކު ކިރްގިސްތާން ގޯލްކީޕަރު ވަނީ ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.
ރާއްޖެ ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި)ގެ ބަދަލުގައި މިރޭ ކެޕްޓަން، ބޭންޑް އަޅައިގެން ކުޅުނީ ގޯލްކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) އެވެ. ތާޑޭ ވަނީ ކިރްގިސްތާނުން ޖެހި ގިނަ ޝޮޓްތަކެއް ހުއްޓުވައިފަ އެވެ. ދެ ވަނަ ހާފްގައި ރާއްޖޭން ވަނީ ދެ ވަނަ ކީޕަރު ޒައިދާން އަހުމަދަށް ވެސް ކުޅުމުގެ ފުރުސަތު ދީފަ އެވެ. އޭނާ ވެސް ވަނީ ރަނގަޅު ބޯޅަތަކެއް ހުއްޓުވައިފަ އެވެ.
ދެ ވަނަ ހާފްގައި ކިރްގިސްތާނުން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ޑޮލޮޓްކެލްޑިއޭފް އޭނާގެ ދެ ވަނަ ގޯލު ޖެހިއިރު، އަނެއް ގޯލުތައް ޖެހީ އަބްދީޒިޔަލިލް އޫލޫ އާއި ދާނިއާރް އޫލޫގެ އިތުރުން ރާއްޖޭގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ރާއްޖޭން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ އޮންލީ އެވެ. ހުޒައިފަތު ރަޝީދު (ހުޒޭ) އަރިމަތިން ރަނގަޅު ވަގުތު ހުރަސްކޮށްލި ބޯޅަ އެއް ފަހަރުން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައި އޮންލީ ވަނީ ގޯލު ކާމިޔާބުކޮށްފަ އެވެ.
މިރޭގެ މެޗުން ބަލިވުމުން ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން މި އަހަރު ފަހުކޮޅު ކުވޭތުގައި ބާއްވާ އޭޝިއަން ފުޓްސަލް ކަޕަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ރާއްޖެ އަށް ގެއްލުނީ އެވެ. ފަހު މެޗުގައި މާދަމާ ހަވީރު ރާއްޖެ ނުކުންނާނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ.
ތުރުކުމެނިސްތާނުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ 3-1 އިން ކިރްގިސްތާން އަތުން މޮޅުވެފަ އެވެ. މިރޭ، ތުރުކުމެނިސްތާން ކުޅުނު މެޗުން އީރާން އަތުން ބަލިވީ 3-0 އިންނެވެ. ދެ މެޗުން މޮޅުވެ، އީރާން އޮތީ ގްރޫޕްގެ އެއް ވަނައިގަ އެވެ.












