ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބޭރުކޮށްލި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ބްލޮގްގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ވަނީ، އިސްތިއުނާފް ކުރަން ގާނޫނުގައި އޮންނަ މުއްދަތު ފާއިތުވި ކަމަށް ހައި ކޯޓުން ނިންމި ނަމަވެސް, އިސްތިއުނާފް ކޮށްފައި ވަނީ މުއްދަތުގެ ތެރޭގައި ކަމަށެވެ.
ޝަމީމްގެ އެ ނުކުތާއަށް ބާރު ދެއްވުމުގެ ގޮތުން އޭނާ ފާހަގަ ކުރެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާ އާއި ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަށެވެ. އޭގައިވާ ގޮތުން ދުވަސް ގުނަނީ މައްސަލަ ނިންމާ ދުވަހާ ޖެހިގެން ދެ ދުވަސް ހިމެނޭ ގޮތުން ކަމުގަ އެވެ. އެ ދެމެދަށް ބަންދު ދުވަހެއް އައިސްފިނަމަ އެ ވެސް ނުހިމަނަ އެވެ.
މި ސަބަބުތަކާ ހުރެ އަދި ހައި ކޯޓުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭތީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި މިއަދުގެ ވަގުތެއްގައި އިސްތިއުނާފް ކުރާނެ ކަމަށް ޕީޖީ ޝަމީމް ލިޔުއްވާފައިވެ އެވެ.
"ޖިނާއީ އިޖުރާއާތާ ގުޅޭ ކަންކަމުގައި މުއްދަތު ގުނާނެ ގޮތް ގަވާއިދުގައި އެބަ އޮތް، ޕީޖީ އޮފީހުން، މުއްދަތު އޮއްވާ މައްސަލަ ހުށަހަޅާފައިވޭ، ހައި ކޯޓުގެ ނިންމެވުން މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ،" ޝަމީމް ލިޔުއްވާފައިވެ އެވެ.

titledesc
އައްމަޓީގެ މައްސަލަ އިސްތިއުނާފް ކުރި ގޮތް
20 މާރިޗު 2022 . ފުރަތަމަ މަރްޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަސް
- 21 މާރިޗު 2022 . ފުރަތަމަ ދުވަސް . ގުނާ ދުވަހެއް
- 22 މާރިޗު 2022 . ދެވަނަ ދުވަސް . ގުނާ ދުވަހެއް
- 23 މާރިޗު 2022 . އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަސް
އަންމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުުރީ އޭނާގެ މައްޗަށް ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު އެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަންމަޓި ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ނަމަވެސް، އެ ފަހަރުތަކުގައި ހައި ކޯޓުން އެ އަމުރުތައް ބާތިލުކޮށް އޭނާ ބަންދު ކުރި އެވެ.
އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކޮށްފައި ވަނިކޮށް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު އަންމަޓީގެ މައްޗަށް ކުރެވުނެވެ.
އެ ތުހުމަތުގައި އޭނާ ހޯދުމަށް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ. އެކަމަކު އަންމަޓީ ބުނަނީ އެނާ ލަންކާގައި އުޅުނީ އެ ގައުމު މީހަކާއި ކައިވެނިކޮށްގެން ކަމައި ފިލައިގެން ނޫން ކަމުގަ އެވެ.
އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.












