ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވަޑައިގެންނެވުމަށްފަހު އެންމެ އިސްކަމެއް ދެއްވީ އެންމެނަށް ރައްކާތެރި ގައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަމަށް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ފާއިތުވި ތިން އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވީ "އެންމެނަށް ރައްކާތެރި ތަނަކަށް" ރާއްޖެ ހެދުމަށް ކަމަށެވެ.
"އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދިނީ ނަތީޖާ ނެރުމަށް. އެންމެނަށް ރައްކާތެރިތަނަކަށް ދިވެހިރާއްޖެ ހެދުމަށް. އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ ރައްކާތެރި މުޖުތަމައެއްގެ އިހްސާސް ރައްޔިތުންނަށް ކޮށްދިނުމަށް،" ސީޕީ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަމީދު ވަނީ ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންގެ އިތުބާރު ލިބުނީ ގާތުން މަސައްކަތްކޮށްގެންކަން ފާހަގަ ކުރައްވަމުން ސީޕީ ވިދާޅުވީ ކޮންމެ 22 ސިކުންތެއްގެ ތެރޭގައި ދިވެހި ފުލުހަކު ރައްޔިތަކާއި ބައްދަލުކޮށް ވާހަކަ ދައްކާނެ ކަމަށެވެ.
އޭގެ އިތުރުން، ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި އަތުލައިގަނެ، މާލޭގައި ހިންގާ މަސްތުވާތަކެތީގެ ކެފޭތައް ހިންގުން ހުއްޓުވުމަށް ފުލުހުން ވަރަށް ބޮޑެތި މަސައްކަތްކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

"މިދިޔަ ތިން އަހަރު 300 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގުނު. މާލޭ ސަރަހައްދުގައި ހިންގަމުންދިޔަ 48 ޑްރަގް ކެފޭ ބަންދު ކުރެވުނު. މަސްތުވާތަކެތީގެ 5052 މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު. 1.3 ޓަނުގެ މަސްތުވާތަކެތި އަތުލެވުނު. ދިހަ އަހަރު ތެރޭގައި ނައްތައި ނުލެވި ހުރި 1.8 ޓަނުގެ މަސްތުވާތަކެތި ތިން އަހަރު ތެރޭގައި ނައްތާލެވުނު،" ހަމީދު ވިދާޅުވި އެވެ.
ކުށް ކުރުމުގެ ކުރިން އެކަމެއް ހުއްޓުމަށް ވެސް ފުލުހުން ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރާ ކަމަށް ހަމީދު ވިދާޅުވި އެވެ. އެކަން ހާސިލު ކުރުމަށް ފުލުހުން މަސައްކަތް ކުރާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވަމުންދާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
"މިހާރު މަސައްކަތް ކުރަމުން މިދަނީ ކުށެއް ހިނގުމުގެ ކުރިން އެކަން ހުއްޓުވުމަށް. އެކަން ހާސިލް ކުރުމަށް ފުލުހުންގެ ހިދުމަތް މިދަނީ ބައިނަލްއަގުވާމީ، ޑިމޮކްރަޓިކް ހަމަތަކާއި އެއްހަމަ ކުރަމުން،" ކޮމިޝަނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ފުލުހުން ވާނީ ޒަމާނީ ތަމްރީނާއެކު ރައްޔިތުންނަށް ހިދުމަތްދޭ ބަޔަކަށް ކަމަށް ހަމީދު ވިދާޅުވި އެވެ. އައްޑޫގައި ހުޅުވި ފުލުހުންގެ ކޮލެޖާއެކު އެ ކަންތައްތައް ހާސިލްވާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
"ރަނގަޅު ތަމްރީންތަކުގެ ސަބަބުން މިއަދުވެސް ފުލުހުންގެ ތެރޭގައި ގާބިލް އެތައް ފުލުހުންނެއް އެބަތިބި،" ކޮމިޝަނަރު ވިދާޅުވި އެވެ.












