ސަތާރަ އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ސްކޮޑެއް އެކުލަވާލައި މުޅި އަހަރަށް ދެމިގެންދާ ގޮތަށް ދިގު މުއްދަތަށް ތަމްރީންތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ހޭންޑްބޯލް މޯލްޑިވްސް އިން ފަށައިފި އެވެ.
ހޭންޑްބޯޅައިގެ ޖޫނިއާ ޓީމުތަކުގެ ފެންވަރު ރަނގަޅުކޮށް ގިނަ ކުޅުންތެރިންނަށް ގައުމީ ލެވެލްގައި ތަމްރީން ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހޭންޑްބޯލް މޯލްޑިވްސް އިން މި އަހަރު މަސައްކަތް ފަށާފައިވާއިރު، ގައުމީ ސްކޮޑުގައި ހިމެނެން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދާދި ފަހުން ހުޅުވާލި އެވެ.
ސަތާރަ އަހަރުން ދަށުގެ އަންހެން/ފިރިހެން ގައުމީ ހޭންޑްބޯލް ސްކޮޑެއް އެކުލަވާލުމަށް ހޭންޑްބޯލް މޯލްޑިވްސް އިން އިއުލާނު ކޮށްގެން ގިނަ އަދަދެއްގެ ކުދިންތަކެއް ވަނީ ނަން ނޯޓު ކޮށްފަ އެވެ. އަދި ވަކި ސެޝަންތަކަކަށް ބަހާލައިގެން އަންނަ ހަފްތާގެ ތެރޭގައި މި ކުޅުންތެރިންގެ ތަމްރީންތައް ފަށާނެ އެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ ކުރިން ވިސްނުން ހުރީ 20 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައި އެ ކުދިން އެކަނި މުޅި އަހަރަށް ތަމްރީންކުރަން ކަމަށެވެ. ނަމަވެސް ސްކޮޑުގައި ހިމެނެން ބޭނުންވެގެން ގިނަ ކުޅުންތެރިންތަކެއް ނަން ފޮނުވާފައިވާތީ މިހާރު އެ އެސޯސިއޭޝަންގެ އަމާޒަކީ ބާކީވާ ކުދިންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ކުދިންތަކެއް ދިގު މުއްދަތަށް ތަމްރީން ކުރުމެވެ.
"އަސްލު ފުރަތަމަ 20 ކުދިން ނަގަން އޮތީ، އެކަމަކު ކޯޗުންނާއި މަޝްވަރާ ކުރުމަށްފަހު މި ނިންމީ ބާކީވާ ކުދިންގެ ޓްރެއިނިން ވެސް ކުރިއަށް ގެންދަން. އަދި އެ ކުދިން އިމްޕްރޫވްމަންޓް ފެންނަ ވަރަށް ބަލައި އަނެއްކާ ވެސް ސްކޮޑުގައި ތިބި 20 ކުޅުންތެރިންގެ ތެރެއަށް އަރައި ފެންވަރު ހުރެއްޖެއްޔާ އެ ފުރުސަތު ދެވޭނެ،" މުޖޭ ވިދާޅުވި އެވެ.
މުޖޭ ވިދާޅުވީ 17 އަހަރުން ދަށުގެ އަންހެން/ފިރިހެން ގައުމީ ހޭންޑްބޯލް ސްކޮޑެއްގެ ދިގު މުއްދަތަށް ތަމްރީން ކުރުމުގެ މައިގަނޑު މަގުސަދަކީ މި އަހަރުގެ ޑިސެމްބަރު މަހު ޗައިނާގައި އޮންނަ އޭޝިއާގެ ޔޫތު ހޭންޑްބޯޅަ މުބާރާތަށް ތައްޔާރުވުމެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ސީނިއާ ޓީމު މި އަހަރު ވާދަކުރާނެ އެންމެ ބޮޑު މުބާރާތަކީ އަންނަ ސެޕްޓެމްބަރު މަހު ޗައިނާގައި އޮންނަ އޭޝިއަން ގޭމްސް އެވެ. މި މުބާރާތަކީ ރާއްޖޭގެ އެންމެ ބޮޑު ކޮންޓިންޖެންޓް ވާދަކުރާނެ މުބާރާތް ކަމަށް ބެލެވޭއިރު، ހޭންޑްބޯޅައިގެ ގައުމީ އަންހެން ޓީމާއި، ފިރިހެން ޓީމު ވެސް މި މުބާރާތުގައި ވާދަކުރާނެ އެވެ.
ހަންޒޫ އޭޝިއަން ގޭމްސް 2022 އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ސީނިއާ ސްކޮޑުގެ ތަމްރީންތައް ވަނީ މި މަހުގެ ކުރީކޮޅު ނިމުނު އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތަށް ފަހު ފަށައިފަ އެވެ. ކޮންމެ ދުވަހަކު ވެސް ޓީމް ޕްރެކްޓިސް ކުރަމުން އަންނައިރު މި ވަގުތު ޕްރެކްޓިސް ކުރަމުން އަންނަނީ ބޮޑު ސްކޮޑަކާ އެކުގަ އެވެ.
މުބާާރާތަށް ދިޔުމުގެ ކުރިން އަންނަ ޖުލައި މަހުގެ ތެރޭގައި ގައުމީ ހޭންޑްބޯޅަ ޓީމް ފައިނަލް ކުރާނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތު ދެ އެވެ.












