ބަންގްލަދޭޝް ޓީމުގެ ކުޅުމަށް ގެނައި ބައެއް ބަދަލުތައް ބޭނުންވި ގޮތަށް ދިޔަކަމުގައި ވިޔަސް ރާއްޖެ ފެނުނީ މާ ވަރުގަދަކޮށް ކަމަށާއި، ބަންގްލަދޭޝް ޓީމުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން ފާހަގަވި ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިންގެ ހާވިއޭ ކަބްރޭރާ ބުނެފި އެވެ.
ބަންގްލަދޭޝްގެ ގައުމީ ޓީމާ މިދިޔަ ޖެނުއަރީ މަހު ހަވާލުވި ކަބްރޭރާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައިވަނީ ދިވެހިރާއްޖެ އަތުން ރޭ 2-0 އިން ބަލިވެފަ އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ސްޕެއިންގެ ކަބްރޭރާ ބުނީ އެންމެ ހަފްތާއެއްހާ ދުވަހުގެ ތަމްރީން ތަކަށްފަހު އޭނާ ބޭނުންވާ ކަހަލަ ބޮޑު ބަދަލެއް ޓީމުން ނުފެންނާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފައި ކަމަށެވެ. މި މެޗުގައި ހުރިހާ ގޮތަަކަށް ބެލިޔަސް ރާއްޖޭން ރަނގަޅަށް ކުޅުނުކަން ކަބްރޭރާ ފާހަގަކުރި އެވެ.
ކުރިން އިންޑިއާގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައިވާ ކަބްރޭރާ ބޭނުންވާ ސްޓައިލަށް ބަންގްލަދޭޝް ޓީމަށް ކުޅެވޭނެ ކަމުގެ އުންމީދީ ކުލަވަރު މި މެޗުން ފެނިފައިވާ ކަމަށް ވަނީ ބުނެފަ އެެވެ.
"މެޗުން ބަލިވުމުން ހިތްހަމައެއް ނުޖެހޭ. އަހަރެން ބޭނުންވި ކަހަލަ ކުޅުމެއް މެޗުގެ ބައެއް ދަނޑިވަޅުތަކުގައި ކުޅުނު، އެކަމަކު ރާއްޖެ ފެނުނީ ވަރުގަދަކޮށް، ވަކިން ހާއްސަކޮށް މެދުތެރޭގައި ބޯޅަތައް ހޯދައި، ދިވެހި ޓީމުން ތަފާތު ދެއްކި. ގަބޫލުކުރަން އެންމެ ހަފްތާއަކުން މި ކުޅުންތެރިންނަށް އަހަރެން ބޭނުންވާ ހުރިހާ ކަމެއް ނުވާނެކަން ވެސް،" ކަބްރޭރާ ބުންޏެވެ.

މެޗުގެ ކުރިން އޮތް ނޫސްވެެރިންގެ ބައްދަލުވުމުގެ ތެރެއިން ކަބްރޭރާ ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކަބްރޭރާ ބުނީ މި މެޗުން ބަންގްލަދޭޝް ޓީމަށް ރަނގަޅު ފިލާވަޅުތަކެއް ނެގޭނެ ކަމަށެވެ. އަދި އަންނަ ހަފްތާގައި މޮންގޯލިއާއާ ދެކޮޅަށް ބަންގްލަދޭޝްގައި ކުޅޭ މެޗުގައި މި މެޗަށް ވުރެ ރަނގަޅަށް ކުޅެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ބަންގްލަދޭޝަށް ރޭހެ މެޗުގައި ގޯލް ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރު ވިއެވެ. އަދި އެންމެ ފަހުން އެޓީމުން ކުޅުނު މެޗުތަކުގައި ވެސް ގޯލްތަކެއް ނުޖެހޭތީ ކުރީގެ ކޯޗުން ވެސް ވަނީ އެ މައްސަލަ ފާހަގަކޮށްފައިވެ އެވެ.
ކަބްރޭރާ ބުނީ ލަނޑު ނުޖެހުމުގެ މައްސަލަތައް މިއީ ޓީމުން ރަނގަޅު ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. ބައެއް ހާލަތްތަކުގައި އެޓޭކިން ހާފުގައި ކަބްރޭރާ ބޭނުންވި ކަންތައްތައް ފެނުނު ކަމަށާއި މެޗަކަށް ފަހު މެޗެއް ކަންކަން ރަނގަޅުވާނެ ކަމަށް ކަބްރޭރާ ގަބޫލުކުރެ އެވެ.
"އަހަރެން ބޭނުންވި ގޭމް ޕްލޭން ފެނުނު، އެންމެ ފަހަތުން ފަށައިގެން ގޮސް ހަމަލާ އުފެއްދުން. މަދު ފުރުސަތެއް އުފެއްދުނީ. މި ބަލަނީ މޮންގޯލިއާ މެޗަށް އެކަން ރަނގަޅު ކުރެވޭނެ ކަމަށް،" ކަބްރޭރާ ބުންޏެވެ.
ޔުއެފާ ޕްރޯ ލައިސަންސް ކޯޗު ކަބްރޭރާ ބުނީ މި މެޗުގައި އޭނާ ފުރުސަތުދިން ކުޅުންތެރިންގެ ފަރާތުން ފެނުނީ އުންމީދީ ކުޅުމެއް ކަަމަށެވެ. ހުރިހާ ކުޅުންތެރިންނަށް ވެސް އޭނާގެ ފުރިހަމަ އިތުބާރު އޮތްކަން ފާހަގަކޮށް ކަބްރޭރާ ބުނީ މެޗުތަކެއް ކުޅޭ ވަރަކަށް އޭނާ ކުރާ މަސައްކަތް އިތުރަށް ފެންނާނެ ކަމަށެވެ.













