ކުރިއަށް އޮތް ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗުގައި ބަންގްލަދޭޝް ޓީމު ގޮވައިގެން ނުކުމެ މޮޅުވާން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ކައިރި މުސްތަގުބަލެއްގައި ފީފާ ރޭންކިންގައި މައްޗަށް ދިއުން ކަމަށް ބަންގްލަދޭޝް ޓީމުގެ އާ ކޯޗު ސްޕެއިނުގެ ހަވިއޭ ކަބްރޭރާ ބުނެފި އެވެ.
އަންނަ ބުރާސްފަތި ދުވަހު ބަންގްލަދޭޝް އިން ގަލޮޅު ދަނޑުގައި ރާއްޖޭގެ ގައުމީ ޓީމާ އެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ފަހު މި މަހު 29 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލްހެޓް ސިޓީގައި، މޮންގޯލިއާއާ ދެކޮޅަށް މެޗެއް ކުޅޭނެ އެވެ. މި ދެ މެޗަކީ ވެސް ފީފާ ކަލަންޑަރު ތެރޭގައި ކުޅޭ މެޗުތަކެއް ކަމަށްވާތީ މިއީ ރޭންކިން އަށް ގުނާނެ މެޗުތަކެކެވެ.
ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގައިވާ ގޮތުން ރާއްޖެ އޮތީ 157 ވަނައިގަ އެވެ. ބަންގްލަދޭޝް 186 ވަނައިގައި އޮތްއިރު، މޮންގޯލިއާ އޮތީ 184 ވަނައިގަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަބްރޭރާ ބުނީ 23 ކުޅުންތެރިންގެ ސްކޮޑެއް ނެގިއިރު، އޭނާ ވަރަށް ބޮޑަށް ބަންގްލަދޭޝް ޕްރިމިއާ ލީގުގައި މި ވަގުތު ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމަށް ބެލި ކަމަށެވެ. ޖެނުއަރީ 15 ވަނަ ދުވަހު ބަންގްލަދޭޝަށް އައުމަށް ފަހު ފުރަތަމަ މެޗުތަކާ ކުރިމަތިލާއިރު، މިހާތަނަށް ފެނުނު މަންޒަރުތަކުން ކުރިއަށް އޮތް ދެ މެޗާ މެދު "ޕޮޒިޓިވް" ވިސްނުމެއްގައި ހުރި ކަމަށް ކަބްރޭރާ ވަނީ ބުނެފަ އެވެ.
"ބަންގްލަދޭޝް ލީގުގައި ވެސް ކުޅުންތެރިންގެ ކުޅުން ރަނގަޅު ކުރެވޭނެ ގޮތްތައް އަހަރެން މި އައީ ބުނެދެމުން. އެކަމަކު، އަހަރެންގެ އަސްލު ޓާގެޓް މި އޮތީ ގައުމީ ޓީމާ އެކު. ބަންގްލަދޭޝް މި ވަގުތު މިއޮތީ ރޭންކިންގެ 186 ގައި. އެ ހިސާބުން މައްޗަށް ދާން ބަލާއިރު، މި ޖެހެނީ އަހަރެމެންނަށް ވުރެ ކުރީގައި އޮތް ޓީމުތައް ބަލިކުރަން. ރާއްޖޭގައި މޮޅެއް ހޯދަން އުނދަގޫވާނެ. އެކަމަކު، އަހަރެން ބޭނުން މި ޓީމު ގޮވައިގެން މޮޅުވުމަކީ އާދަޔަަކަށް ހަދަން،" ސްޕޯޓިން ގޯއާ އާއި ބާސެލޯނާގެ އެކެޑަމީގެ ކޯޗެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކުރި ޕްރޯ ލައިސަންސް ކޯޗު ކަބްރޭރާ ވިދާޅުވި އެވެ.

ކަބްރޭރާ (ކ) އާއި ބަންގްލަދޭޝްގެ ކެޕްޓަން ބުޔާން ސަލާމްކުރަނީ.-- ފޮޓޯ: ޕްރޮތޯމް އާލޯ/ ބަންގްލަދޭޝް
ބުރާސްފަތި ދުވަހުގެރޭގެ މެޗަކީ މިދިޔަ ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ އަތުން މޮޅުވި މެޗަށް ފަހު މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް އިން ހޯދި މޮޅަކީ ފާއިތުވި 18 އަހަރު ތެރޭގައި ސީނިއާ ފުޓްބޯޅައިގައި ބަންގްލަދޭޝް އަށް ރާއްޖޭގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ.
ކަބްރޭރާ ބުނީ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އިން ހޯދި މޮޅަކީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ނަމަވެސް އޭގެއިން މި ވަގުތު ހިފޭނެ ބޭނުމެއް ނެތް ކަމަށެވެ. އަދި ރާއްޖޭން އަމިއްލަ ދަނޑުގައި ކުޅޭއިރު، އަބަދުވެސް މޮޅަށް ކުޅޭކަން މެޗުތަކުގެ ވީޑިއޯ އިން ފެންނަ ކަމަށް ކަބްރޭރާ ވަނީ ބުނެފަ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސާފް ޗެމްޕިއަންޝިޕްގައި މާލޭގައި ކުޅުނު މެޗުން ރާއްޖެ މޮޅުވީ 2-0 އިންނެވެ. އެ މެޗުގައި ރާއްޖޭގެ ކޯޗަކީ އަލީ ސުޒޭން އެވެ. ބަންގްލަދޭޝާ ހަވާލުވެހުރީ ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން އެވެ.
އޭގެ އެއް މަސް ފަހުން ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވިއިރު، ބަންގްލަދޭޝްގެ ކޯޗަކީ ޕޯޗުގީސް ކޯޗު މާރިއޯ ލެމޯސް އެވެ. އަދި ރާއްޖޭގެ ކޯޗަކަށް ހުރީ މިހާރު ޓީމާ ހަވާލުވެހުރި މޮރިއޭރޯ އެވެ.
އުމުރުން 37 އަހަރުގެ ކަބްރޭރާ ބުނީ ބަންގްލަދޭޝް ކޯޗަކަށް ވުމުގެ ހުށަހެޅުން ލިބުމުން ބަޝުންދުރާ ކިންގްސްގެ ކޯޗަކަށް ހުރި އޮސްކާގެ ލަފާ ހޯދި ކަމަށެވެ. އަދި ރާއްޖެއާ ދެކޮޅަށް ކުޅެން އަންނަ މެޗުގެ ކުރިން ވެސް އޮސްކާ ކައިރިން ދިވެހި ފުޓްބޯޅައިގެ މައުލޫމާތު އެއްކުރާނެ ކަމަށެވެ.
އޮސްކާ ވަނީ ރާއްޖޭގެ ނިއު ރޭޑިއަންޓްގައި ހުރެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން އޮސްކާ އަށް އެނގޭނެ އެވެ.
އެކުވެރިކަމުގެ މެޗަކަށް އެންމެ ފަހުން ބަންގްލަދޭޝް އިން ރާއްޖެ އައީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު ބަންގްލަދޭޝް ބަލިވީ 5-0 އިންނެވެ.
ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ބުނީ ރާއްޖޭގައި ކުޅެލަން ލިބޭ ކޮންމެ މެޗެއް ވެސް ދަނީ ވަރަށް ފޯރިގަދަކޮށް ކަމަށެވެ. މި ފަހަރުގެ މެޗަކީ އާ ކޯޗާ އެކު ބަންގްލަދޭޝް ޓީމު ކުރިއަށް ދިއުމަށް އަޅާ ރަނގަޅު ބިންގަލަކަށް ހަދަން ބޭނުންވާ ކަމަށް ބުޔާން ބުނެފައިވެ އެވެ.
ރާއްޖެ އާއި މޮންގޯލިއާ މެޗަށް ބަންގްލަދޭޝް އިން ނެގި ސްކޮޑުގައި މުހިންމު ބައެއް ކުޅުންތެރިން ނެތްއިރު، އާ ކުޅުންތެރިންތަކަށް ވަނީ ފުރުސަތު ދީފަ އެވެ. ސްކޮޑުގައި ނެތް ކުޅުންތެރިންނަށް ބަލާއިރު، އަނިޔާގެ ސަަބަބުން ކުޅުމާ ދުުުރުގައި ހުރި އިތުބާރު ޑިފެންޑަރު ޓޯޕޫ ބަރްމަން އާއި މުހައްމަދު ރިދޯއިގެ އިތުރުން މި ވަގުތު ފޯމު ދަަށްވެފައިވާ ކަމަށް ބުނެ، ޓީމުން ބާކީ ކުރި ޔާސީން ހާން، ސާދުއްދީން އަދި މަހުބޫބް ރަހްމާން އަކީ މީގެ ކުރިން ގަވާއިދުން ޖާގަ ހޯދަމުން އައި ކުޅުންތެރިންނެވެ.
ބަންގްލަދޭޝް ޓީމު މާދަމާގެ ވަގުތެއްގައި ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.













