ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ސިލްސިލާކޮށް ހިންގަމުން އަންނަ ހަރަކާތުގެ ދަށުން އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ރާވަމުން އަންނަ ހިނގާލުން ފުލުހުން ހުއްޓުވާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދެއްވައިފި އެވެ.
ތ. އަތޮޅުގެ ދެ ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތާ ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޯމް މިނިސްޓަރު ހާޒިރުވެވަޑައިގެންނެވިއިރު، އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނު ފުލުހުން ނުހުއްޓުވަނީ ކީއްވެގެންތޯ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން އަންނަ ހުކުރު ދުވަހު މާލޭގައި ހަރަކާތެއް ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް އެ ހަރަކާތަކީ "ގާނޫނާ ހިލާފު" ހަރަކާތެއް ކަމަށް ސިފަކުރައްވަމުން، އެ ހިނގާލުމަށް ފުރުސަތު ނުދެވޭނެކަމަށް އިދިކޮޅު ކޯލިޝަނަށް އަންގާފައިވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެ ބޭފުޅުންނާ ވެސް ވާހަކަ ދެކެވިފައިވޭ. ގާނޫނާއި ގަވައިދާ ހިލާފަށް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ވާނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ވެސް ވަނީ އެކި ފަހަރުމަތިން ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.
އެ ހަރަކާތް ހުއްޓުވަން އަމާޒުކޮށް، މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން ބިލެއް ވެސް ޑްރާފްޓުކުރި އެވެ.
އެމްޑީޕީން އެކުލަވައިލި ޑްރާފްޓްގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމަށްފަހު، ރާއްޖެއާ އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ. ބިލުގައިވާ ގޮތުން، ރާއްޖެއާ ގުޅުން ގާއިމްކޮށްފައިވާ ގައުމެއްގެ އިއްޒަތާއި ގަދަރަށް ބުރޫ އަރާ ފަދަ އަމަލެއް ކުރުމަކީ ވެސް ކުށެކެވެ.
ނަމަވެސް، އެމްޑީޕީގެ މެމްބަރުންގެ މެދުގައި އެ ބިލާމެދު ހިޔާލުތަފާތުވެ، އެ ބިލު މިވަގުތަށް ވަނީ ހުށަނާޅަން ނިންމައި ޕާކުކޮށްފަ އެވެ.
އެ ބިލުގެ އިތުރުން، "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް ނަޝީދު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އަންނަނީ ބަލަމުންނެވެ.
އެ ކޮމިޓީއަށް މިހާތަނަށް ކަމާގުޅޭ ގިނަ މުއައްސަސާތަކެއް ހާޒިރުކޮށްފައިވާއިރު، އެ ކެމްޕޭނުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ވާނެކަމަށް އެ މުއައްސަސާތަކުން ވަނީ ބުނެފަ އެވެ.
އިންޑިއާ އައުޓް ކެމްޕެއިނުގެ ބެކްގްރައުންޑް
އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.
އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.
ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.













