އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އިމާރާތްކޮށްފައިވާ ޕޮލިސް އެކެޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް މި މަހު ފަހުކޮޅު ހުޅުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ހާމަކުރައްވައިފި އެވެ.
ތ. އަތޮޅުގެ ދެ ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތާ ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޯމް މިނިސްޓަރު ހާޒިރުވެވަޑައިގެންނެވިއިރު، އައްޑޫ ޕޮލިސް އެކެޑެމީ ހުޅުވުން ލަސްވަމުންދާތީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އެ އެކެޑެމީގެ މަސައްކަތް ނިމި މިހިނގާ މާޗް މަހުގެ ފަހުކޮޅު ހުޅުވަން ނިންމާފައިވާ ކަމަށެވެ.
އިމްރާން ވިދާޅުވި ގޮތުގައި ތަހުގީގުތަކަށް ކަނޑައެޅިފައި ތިބި ފުލުހުންގެ ތެރޭގައި ރަނގަޅު ތަމްރީނާއި ހުނަރު އަދި ގާބިލުކަން ލިބިފައި ތިބި ފުލުހުން މަދުވުމަކީ ފުލުހުންގެ މުއައްސަސާއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
އެހެންކަމުން، އެކަން ހައްލުކުރުމަށް ޕޮލިސް އެކެޑެމީގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

"އަޅުގަނޑު އުންމީދު މި ކުރަނީ އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ފުލުހުންގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވިގެން ދިއުމާއެކު ތަމްރީނުގެ އިތުރު މަސައްކަތް ފަށައިގަނެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އައްޑޫގައި ޕޮލިސް އެކަޑަމީއެއް އިމާރާތްކުރުމުގެ މަޝްވަރާތައް 2009 ގައި ފަށައި އެތަން އިމާރާތްކުރަން އިންޑިއާގެ ސަރުކާރާ އެކު ސޮއިކުރީ 2012 ގަ އެވެ.
އިންޑިއާގެ ސަރުކާރުން 18 މިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާ ޕޮލިސް އެކަޑަމީ އަކީ އެ ގައުމުގެ މިލިޓަރީ ބޭސްއެއް ކަމަށާއި އެތަނުގައި އަސްކަރީ ހަރަކާތްތައް ހިންގާނެ ކަމުގެ ފާޑުކިއުން އެބައޮތެވެ.
އެކަމަކު ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ވެސް ވަނީ އެކަން ދޮގުކުރައްވައި އެތަނުގައި އެއްވެސް އަސްކަރީ ހަރަކާތަކަށް ޖާގަ ނޯންނާނެ ކަމުގެ ޔަގީންކަން ދެެއްވައިފަ އެވެ.












