ތައިލެންޑްގައި މިހާރު ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގެ ރޭންކިން މެޗުގައި ޕެނަލްޓީ ޖަހައިގެން 8-7 އިން މޮންގޯލިއާ ބަލިކޮށް ގައުމީ ފުޓްސަލް ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅާ އެންއެސްޑީއެފް މުބާރާތުގެ ފަސް ވަނަ ހޯދައިފަ އެވެ.
ހަ ގައުމު ވާދަކުރި މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނީ ރޭންކިން މެޗެވެ. އެއީ ދެ ގްރޫޕްގެ އެންމެ ފަހަތަށް ދިޔަ ދެ ޓީމެވެ. މޮންގޯލިއާ އާއި ރާއްޖެ ކުޅުނު މެޗު ނިމުނުއިރު، އޮތީ 3-3 އިން އެއްވަރުވެފަ އެވެ. މޮންގޯލިއާގެ ބަޓޫކާ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ރާއްޖޭގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މޮންގޯލިއާގެ އަމްގަރާންގް އެ ޓީމަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނުމުން ވެސް ރާއްޖޭގެ ޝާއްޕެ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރާއްޖެ އަށް ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ ހުސެއިން ޝަރީފް (އޮންލީ) ނެގި ހުރަހަކުން މުހައްމަދު ޔަފާއު (ޔާ) އެވެ. މޮންގޯލިއާ އެއްވަރުކުރި ގޯލު ޖެހީ ޕުރެޑޯރްޖޭ އެވެ.
ޕެނަލްޓީ ޖެހިއިރު، ރާއްޖޭން ޕެނަލްޓީތައް ކާމިޔާބުކުރީ އަބްދުﷲ ޝައްފާން (ޝާކާ)، އޮންލީ، މުހައްމަދު އިމްރާން (އިންމި)، ސާމިން މުހައްމަދު، އިޝާން އިބްރާހިމް (ސައްޓު) އެވެ. ހުޒައިފަތު ރަޝީދު (ހުޒޭ) ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، ޔާ ޖެހި ޕެނަލްޓީ އަމާޒުވީ ކީޕަރު އަތަށެވެ. މޮންގޯލިއާ އަތުން ތިން ޕެނަލްޓީ ނާކާމިޔާބުވިއިރު، ރާއްޖޭގެ ގޯލުގައި ހުރި ޒައިދާން އަހުމަދު ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި ރާއްޖޭގެ އަނެއް ކީޕަރު އަބްދުﷲ ނާސިހަށް ވަނީ ކުޅެން ފުރުސަތު ދީފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ރާއްޖޭގެ ޝާއްޕެ އެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުގައި ވެސް ޝާއްޕެ ވަނީ ރަނގަޅަށް ކުޅެފަ އެވެ.
ތައިލެންޑް އިންވިޓޭޝަނަލް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނީ ދެ މެޗެކެވެ. ރާއްޖެ ހިމެނޭ ގްރޫޕްގެ ފުރަތަމަ މެޗުން ތައިލެންޑް އަތުން 8-3 އިން ބަލިވިއިރު، އޮމާން އަތުން ނާކާމިޔާބުވީ 7-4 އިންނެވެ. މެޗަކަށް ފަހު މެޗެއް ކުރިއެރުން ރާއްޖެ ޓީމުން ފެނުނެވެ.
މި މުބާރާތުގެ ކުރިން ރާއްޖޭން ބައިވެރިވީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގަ އެެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުން ވެސް ވީ ބައްޔެވެ. ޔޫއޭއީ އަތުން 3-1، އަފްގާނިސްތާން އަތުން 6-1، އުޒްބެކިސްތާން އަތުން 9-1 އަދި ޗައިނާ އަތުން 9-3 އިންނެވެ.
ތައިލެންޑްގެ އިންވިޓޭޝަނަލް މުބާރާތުގައި ފުޓްސަލް ޓީމު ބައިވެރިވީ އަންނަ މަހުގެ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ މުބާރާތަށް ރާއްޖޭން ދާނީ މާލެ އައިސްފަ އެވެ. މިހާރު އޮތްގޮތުން ކޮލިފައިން މެޗުތައް ކުޅުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކުވޭތުގަ އެވެ. ކޮލިފައިންގައި ރާއްޖެ ހިމެނެނީ އޭޝިއާގެ ޗެމްޕިއަން އީރާންގެ އިތުރުން ކިރްގިސްތާނާއި ތުރުކުމެނިސްތާން އެވެ.












