ރައްޔިތުުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު، ފުލުހުންނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ, ފުލުހުންގެ ދިފާއުގައި ލިޔުމުން ދެއްވި ޖަވާބު މަޖިލީހަށް އިއްވީ މިއަދުގެ ޖަލްސާގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އޭޖީ ދެއްކެވި އެ ވާހަކައާ ގުޅިގެން ލިޔުމުން ޖަވާބު ހޯއްދަވަން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ފޮނުއްވި ޖަވާބުގައި އިމްރާން ވިދާޅުވީ ފުލުހުންނަކީ އެކަށީގެންވާ ތައުލީމާއި ތަމްރީނު ލިބިގެން އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރާ ގާބިލު ބައެއް ކަަމަށެވެ. އަދި އޭޖީ އެވިދާޅުވި ފަދަ ގޮތަކަށް ގަސްދުގައި ގޯސްހަދާ ބަޔަކު ފުލުުހުންގެ ތެރޭގައި ތިބިކަމަށް ބުނުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން 17 ފެބްރުއަރީގައި ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ، ގޯސްހަދާ ފަރާތްތައް ފުލުހުންގެ އިދާރާއާއި ތަހުގީގީ އެހެން އިދާރާތަކުގައި ވެސް އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން އިންތިޒާމްވެގެން ކުރާ ކަމެއްގެ ގޮތުގަ އެވެ.
އެވާހަކައާ ގުޅުވައި ހަސަން ލަތީފު ކުރެއްވި ސުވާލަށް ލިއުމުން ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވީ އެފަަދަ މީހުން ފުލުހުންގެ ތެރޭގައި ތިބިކަން މިހައިތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
"...ފުލުހުންގެ ތެރޭގައި، ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސްހަދާ މީހުން އެކަން އެގޮތަށް ކުރަނީ ގަސްދުގައި ނުނިޔަތެއް ބާއްވައިގެން ކަމަށް ބަންޑާރަނައިބު އިޝާރާތްކުރައްވާފައިވާ ކަމަށް ސުވާލުގައި ބަޔާންކުރައްވާފައި ވީ ނަމަވެސް އެފަދަ މީހުން ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބިކަން މިހައިތަނަށް ފާހަގަކުރެވިފައި ނުވާތީ ބަންޑާރަނައިބު ވިދާޅުވިކަމަށް ބަޔާންކުރައްވާފައިވާ ވާހަކަފުޅާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން މިހައިތަނަށް އެއްވެސް މަޝްވަރާއެއް ބަންޑާރަނައިބާ ކޮށްފައި ނުވާ ކަމަށް ދަންނަވަމެވެ،" އިމްރާން މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

މިއަދުގެ ހާޒިރީ
- ހާޒިރުވެވަޑައިގެންނެވީ 28 މެމްބަރުން
- ސަލާމުގައި 07 މެމްބަރުން
- ރަސްމީ ދަތުފުޅުތަކުގައި 04 މެމްބަރުން
މިއަދުގެ މައިގަނޑު މަސައްކަތްތައް
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަތަމަ ކަމަކަށް އޮތީ ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުދު ހުށަހެޅުއްވި ކުންފުނީގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ. އެއަށް ފަހު ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުަގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ކަމަކީ މަޖިލީހުގެ ސޯޝަލް ކްލަބާއި ޑަޔަބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަން މެމްބަރުުންނަށް ބާރުއެޅުއްވުމެވެ.
އެކަމަށް ބާރު އެޅުއްވުމުގެ ގޮތުން އެމަނިކުފާނަށް އެ ޕްރޮގްރާމުން ލިބިވަޑައިގެންނެވި މުހިއްމު މައުލޫމާތުތައް މެމްބަރުންނަށް ވިދާޅުވެއްދެއްވި އެވެ.
ތިން ވަނަ ކަމަކަށް އޮތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ލިއުމުން ދެއްވި ޖަވާބު މަޖިލީހަށް އިއްވުމެވެ. އެެއަށް ފަހު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މާލޭ މީހުންނާއި އެހެން ރަށްރަށުގެ މީހުން ތަފާތުނުކޮށް ހަމަހަމަފުރުސަތު ދިނުމަށް ގޮވާލައި އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖީލަހަށް ބަލައިގަންނަން ފާހެއް ނުވެ އެވެ. އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ތިން މެމްބަރުންނެވެ.
މަޖިލީހުގެ ވޯޓް ގަޑީގައި މިއަދު ނެގީ އެންމެ ދެވޯޓެވެ. އެއީ ސިވިލް ސާވިސްގެ ގާނޫނަށް ބަދަލެއް ގެންނަން ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ހުށަހެޅުއްވި ބިލު ބަލައިގަތުމާ މެދު ނެގި ވޯޓާއި މެމްބަރުންގެ އާއިލާތައް އިންޝުއަރެންސްގައި ބައިވެރިކުރުމާ މެދު ނެގި ވޯޓެވެ. ޝަރީފުގެ ބިލު ބަލައިގަންނަން 37 މެމްބަރުންގެ ވޯޓުން ފާސްކުރި އެވެ. އިންޝުއަރެންސް ހަމަޖައްސައި ނުދޭން ފާސްކުރީ 22 ވޯޓުންނެވެ.
ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބް "ޕެމާ" އަދި ޑަޔަބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ކުރިއަށްގެންދިޔަ ހެލްތު ސްކީރިން ޕްރޮގްރާމްގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: އެ ޕްރޮގްރާމުގައި މިއަދު މަޖިލީހަށް ވަޑައިގެންނެވި ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ: މަޖިލީހުގެ އިދާރާ
ދުވަހުގެ ކޯޓޭޝަން
މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުން ސަލާމަތް ކުރަން އުޅޭ ބަޔަކު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ކަމަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން ހާޒިރު ކުރުމުން އޭނާ މިއަދު ވިދާޅުވީ:
ފުލުހުންގެ ތެރޭގައި، ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސްހަދާ މީހުން އެކަން އެގޮތަށް ކުރަނީ ގަސްދުގައި ނުނިޔަތެއް ބާއްވައިގެން ކަމަށް ބަންޑާރަނައިބު އިޝާރާތްކުރައްވާފައިވާ ކަމަށް ސުވާލުގައި ބަޔާންކުރައްވާފައި ވީ ނަމަވެސް އެފަދަ މީހުން ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބިކަން މިހައިތަނަށް ފާހަގަކުރެވިފައި ނުވާތީ ބަންޑާރަނައިބު ވިދާޅުވި ކަމަށް ބަޔާންކުރައްވާފައިވާ ވާހަކަފުޅާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން މިހައިތަނަށް އެއްވެސް މަޝްވަރާއެއް ބަންޑާރަނައިބާ ކޮށްފައި ނުވާ ކަމަށް ދަންނަވަމެވެ.
މަޖިލީހުގެ ތާރީހުން ކިޔާލުމަށް
މިއީ ރައީސް އިބްރާހިމް ނާސިރުގެ އެންމެ ފަހު ރިޔާސީ ބަޔާނެވެ. އެ ޖަލްސާ ބާއްވާފައި ވަނީ ފެބްރުއަރީ 23، 1978 ގަ އެވެ. ލެޓިނުން ލިޔެފައި އޮތް، ޖުމްލަ އަށް ސޮފްހާގެ އެ ބަޔާނުގައި ރާއްޖޭގެ ގާނޫނުތަކުން ލިބޭ ހައްގުތަކުގެ ވާހަކަ އާއި ހެލްތު ސެންޓަރުތަކުގެ ވާހަކަ އާއި އިސްލާމީ ކޮންފަރެންސެއްގެ ވާހަކަ ދައްކަވާފައިވެ އެވެ.












