ހަ ވަނަ އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހޯދިއިރު، ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކުލަބު އިމިގްރޭޝަނުން ހޯދައިފި އެވެ.
ޖުމްލަ 25 ޓީމަކުން ވާދަކުރި އަހަރުގެ އެންމެ ފޯރިގަދަ ހޭންޑްބޯޅަ މުބާރާތުގެ ކުޅުން ފަށާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގަ އެވެ. ފުރަތަމަ ޑިވިޝަންގައި ހަތް އޮފީހަކުން އަދި އަންހެން ޑިވިޝަންގައި މި ފަހަރު 18 އޮފީހަކުން ވާދަކުރި އެވެ.
މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލް އެވެ. އެއީ ފައިނަލްގައި މޯލްޑިވްސް ޕޮލިސް ސާވިސް 14-06 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ އެމްއޭސީއެލްގެ ފިރުޝާނާ ނަސީރު އެވެ. މި ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ރިޒްނާ މުހައްމަދު، އާމިނަތު ނާހީން، ހަސީނާ މުހައްމަދު، އެމްއޭސީއެލްގެ ފިރުޝާނާ، ބީއެމްއެލްގެ ފާތިމަތު ޝައިލާން އަފްޒަލްގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އައިޝަތު ޝަރުމާ އަދި ޝައްފަ ހުސައިން އެވެ.
ދެ ވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެފްއެސްއެމް ހޯދީ ވެމްކޯއާ ވާދަކޮށް 22-21 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަކޮށް ދިޔަ މި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ އެފްއެސްއެމްގެ އަހުމަދު ރަޒުނީ އެވެ. މި ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އެފްއެސްއެމްގެ ރަޒުނީ، ހަމަދު ނާބިތު، މުހައްމަދު އަމްޖަދު، ވެމްކޯގެ އަލީ ނާއިޒު، އަބްދުﷲ ޒިމާމް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އަލީ އާސިފް އަދި ކޮމާޝަލް ބޭންކުގެ އިސްމާއިލް ޝާދިން ނައީމް އެވެ.
ފުރަތަމަ ޑިވިޝަންގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކުލަބު އިމިގްރޭޝަން އެވެ. މިބައިގައި ވާދަކުރީ އިމިގްރޭޝަނާއި އައިޖީއެމްއެޗު އެކަންޏެވެ. ދެ ޓީމަށް ވެސް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހޭންޑްބޯޅަ މޯލްޑިވްސް އިން ނިންމީ ދެ ޓީމުގެ މެދުގައި ތިން މެޗު ކުޅެ ދެ މެޗުން މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ދޭށެވެ. މިގޮތުން ކުޅުނު މެޗުތައް އިމިގްރޭޝަނުން ވަނީ ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ.
އޮފީސް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލް އެވެ. އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޑީއެފް ބަލިކޮށް އެމްޕީއެލް ތަށި ހޯދީ ފައިނަލް މެޗު 41-33 އިން ކާމިޔާބުކޮށްގެންނެވެ. މިއީ އެމްޕީއެލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަތަރު ވަނަ ފަހަރެވެ. މި ޑިވިޝަނުގެ އެންމެ ކާމިޔާބު ޓީމަކީ އެމްޕީއެލް އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ އެމްޕީއެލްގެ މުހައްމަދު ފިރުނާޝް އެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ވެސް ފިރުނާޝް ހިމެނެ އެވެ. ދެން ހިމެނެނީ އެމްޕީއެލްގެ މުހައްމަދު އިމާއު، ވިޝަން އަބްދުލް މަޖީދު، އެމްއެންޑީއެފްގެ އަހުމަދު ނަޖީބު، އަހުމަދު ނަސީރު، މުހައްމަދު ޝައްމާލްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްމާއިލް އަހުމަދު އެވެ.












