ސީރިޔާގައި ކުރި ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދަރިން ގޮވައިގެން މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން ފިލައިގެން ދިޔުމަށްފަހު އެނބުރި އައި އާއިލާ އިދާރީ ބަންދެއްގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނައީ 33 އަހަރުގެ ދިވެހި އަންހެނަކާއި އޭނާގެ ހަތަރު ދަރިންނެވެ. އޭގެ ތެރެއިން ދެ ކުދިންނަކީ، ހަނގުރާމަ ކުރަން ރާއްޖެއިން ފިލައިގެން ދިޔައިރު ވެސް ގޮވައިގެންދިޔަ ދެ ކުދިން. އަނެއް ދެ ކުދިންނަކީ ރާއްޖެ އައި އިރު ގޮވައިގެން އައި ދެ ކުޑަކުއްޖެކެވެ.
ދިވެހިރާއްޖެއަށް އަނބުރާ އަންނަ ދިވެހި ހަނގުރާމަވެރިންނާމެދު ހާއްސަ އިޖުރާއަތަކަށް އަމަލު ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން، އަނބުރާ އަންނަ ހަނގުރާމަވެރިން އަދި އެމީހުންގެ އާއިލާ ވެސް އިދާރީ ބަންދެއްގައި ބައިތިއްބަންޖެހެ އެވެ.
ހުކުރު ދުވަހު މާލެ ގެނައި އަންހެން މީހާ އާއި އޭނާގެ ދެ ދަރިން އަދި ދަރިން ކަމަށް ބުނާ ކުޑަކުދިން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކުރީ އެ ގަވާއިދުގެ ދަށުންނެވެ.
އަންހެން މީހާ ބުނާ ގޮތުން އޭނާއާއެކު ތިބި އަނެއް ދެ ކުޑަކުދިންނަކީ ވެސް އޭނާގެ ހަލާލު ދަރިންނެވެ. އެ ކުދިން ލިބުނީ ސީރިޔާގައި އޭނާ ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި ކަމަށް އޭނާ ބުނެ އެވެ. އެހެންކަމުން އެ ދެ ކުދިންގެ މުޅި އުމުރު ހޭދަކުރީ ކޮންފްލިކްޓް އުފެދިފައިވާ ސަރަހައްދެއްގަ އެވެ. އަދި ކުރިން ލިބިނު ދެ ކުދިން އެނބުރި އެ އައީ ނުވަ އަހަރު އެފަދަ ހިސާބެއްގައި އުޅެފަ އެވެ.

ހަނގުރާމައަށް ދިޔަ އާއިލާ އަނބުރާ ގެނައުމަށްފަހު ހޯމް މިނިސްޓްރީން ބުނީ އެމީހުން ރާއްޖެއަށް ގެނައީ އެ އާއިލާގެ ފުރާނައަށް ނުރައްކާ އޮތުމުން ކަމަށެވެ. ނަމަވެސް ނުރައްކާވެފައި އޮތީ ކޮން ގޮތަކުންކަން ބަޔާންކޮށްދީފައެއް ނުވެ އެވެ.
"ދިވެހިރައްޔިތުންގެ ތެރެއިން ބަޔަކު ރާއްޖެއިންބޭރުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ދަރަޖަޔަށް ގޮސްފައިވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން އަނބުރާ ދިވެހިރާއްޖެއަށްގެނެސް ޒިންމާދާރު ދިވެހިންގެ ގޮތުގައި އަލުންއަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ކުރެވި، އޭގެތެރެއިން ފުރަތަމަ އާއިލާ މިއަދުވަނީ ރާއްޖެއަށް ގެނެވިފައި،" ހުކުރު ދުވަހު ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި އޮތެވެ.
ސީރިޔާގައި މިވަގުތު ތިބި ދިވެހިން ތިބީ އެތަނުގެ ރެފިއުޖީ ކޭމްޕުތަކުގައި ކަމަށްވެ އެވެ. އެތަންތަނުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޮތީ ޖޫން 4، 2019 ގައި ވިދާޅުވެފަ އެވެ.
"ސީރިއާގައި އެބަތިބި އަންހެން ވެރިންނާއި ކުޑަކުދިން. އެބަތިބި މަޖުބޫރު ހާލަތުގައި އެތަނަށް ގޮސްފައި ތިބި މީހުން ވެސް. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަންނޭނގެ. އެހެންވީމާ، އެމީހުން ގެނެވޭނެ ގޮތެއް ބަލައި، ގެނެވެން އޮތް އެންމެ އަވަހަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން 173 މީހުން ދިޔަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޑިސެމްބަރު، 2019، ގައި ވިދާޅުވެފައިވެ އެވެ. އޭނަ ވިދާޅުވީ އޭގެ ތެރެއިން މިހާރު ސީރިޔާގައި ތިބީ 59 މީހުންނެވެ. އަދި އޭގެ ތެރެއިން 91 ޕަސެންޓު މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހަމީދު ވިދާޅުވި އެވެ.













