ސަރުކާރުގެ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރާ މިންވަރުގެ ތަފާސްހިސާބުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އަރުވަންޖެހޭ ގޮތަށް ގަވާއިދަށް އިސްލާހެއް ގެނެސްފި އެވެ.
ޓެރަރިޒަމްގެ ތަފާސްހިސާބުތައް ރައީސުލްޖުމްހޫރިއްޔާއަށް ވެސް ފޮނުވަންޖެހޭ ގޮތަށް ނިންމީ މިނިސްޓްރީން މިއަދު އާންމު ކުރި ޓެރަރިޒަމް މަނާކުރުމާއި ގުޅޭ އާންމު ގަވާއިދަށް ގެނައި އިސްލާހަކުންނެވެ.
ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުން ނަމަ އިންޓެލިޖެންސް ތަފާސްހިސާބު ފޮނުވަންޖެހޭނީ ހަމައެކަނި ހޯމް މިނިސްޓަރަށެވެ.
މިއަދު ގެނައި އިސްލާހުގެ ދަށުން އެ ރިޕޯޓު ހޯމް މިނިސްޓަރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ހުށަހަޅަން ވާނެ ކަމަށް ބަޔާންކުރެ އެވެ. އެހެންކަމުން ކޮންމެ ތިން މަހަކުން އެއް މަހު ފުލުހުންގެ ފަރާތުން ތައްޔާރުކުރާ އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރާ މިންވަރުގެ ތަފާސްހިސާބުތަކުގެ ރިޕޯޓު ރައީސްއަށް މީފެ ފަހުން ފޮނުވަންޖެހޭނެ އެވެ.
ގަވާއިދަށް ގެނައި އެ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. އެ އިސްލާހާއެކު ދައުލަތުގެ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރާ މިންވަރުގެ މައުލޫމާތު ރައީސްއަށް ވެސް ލިބިގެންދާނެ އެވެ.

ގަވާއިދުގެ އެ މާއްދާއަކީ އިންޓެލިޖެންސް މައުލޫމާތު އިދާރާތަކުގެ މެދުގައި ބަދަލުކުރާ މިންވަރު އަދި އެ މަސައްކަތް ހިނގަމުންދާ ގޮތް ބަލައި މޮނިޓާކުރުމަށް ހިމަނާފައިވާ މާއްދާއެކެވެ.












