ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒުފޯރުވުމުގެ ގޮތުން މީހުން ވަޒީފާތަކުން ވަކިކުރާ ކަމަށް ތުހުމަތުކުރައްވައި ހަމަ އެޕާޓީގެ މެމްބަރަކު ކުއްލި މައްސަލައެއް ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަރައިރުމެއް ހިނގީ ނިމިދިޔަ ހަފްތާގަ އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތައް ހަނިކޮށް، އިދިކޮޅު ޕާޓީއަކުން އަދާކުރާނެ ދައުރު އަދާކުރަމުންދަނީ ރާވައިގެން ސަރުކާރު ވައްޓާލުމަށް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އެއަށް ރައްދު ދެއްވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އިމްތިޔާޒު ފަހުމީ އާއި, އޭނާއާއެކު ތިއްބެވި ބޭފުޅުންނަށްވުރެ ވަކި އިހްލާސްތެރިންނެއް ސަރުކާރަކަށް ނުލިބޭނެ ކަމަށެވެ. ވަކި ބައެއްގެ ނަން ގެނެސް, ސަރުކާރަށް އާދެވުނީ އެމީހުންގެ މަސައްކަތުން ކަމަށް ބުނުމަކީ ދެން ތިބި މީހުންނަށް ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ނިމިދިޔަ ހަފްތާގައި އޮތް ބަހުސްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.
އަދި، އެ ބަހުސްގައި އެ ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ކަމަށް ތުހުމަތުކުރައްވައި، އެގޮތަށް ކަންތައް ނުކުރެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެދިވަޑައިގަތެވެ. އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ މެމްބަރުންގެ މެދުގައި ހޫނު ޒުވާބެއް ނިމިދިޔަ ހަފްތާގައި މަޖިލިސް ފްލޯގައި ކުރިޔަށްދިޔަ އެވެ.
ސިންގަޕޫރުގައި ތައިރޮއިޑް ސާޖަރީއެއް ފުރިހަމަކުރެއްވިތާ ހަތަރު ދުވަސް ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮސްޕިޓަލުން ވެސް ދޫކޮށްލީ ނިމިދިޔަ ހަފްތާގަ އެވެ. އެމަނިކުފާނު ރާއްޖެ އަނބުރާ ވަޑައިގަންނަވާނެ ދުވަހެއް ނޭނގެ އެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށް ރަޝިޔާއިން ޔޫކްރެއިނު ހިފުމަށް އެގައުމަށް އަރައި، ހަނގުރާމަ ކުރަމުންދާތީ ރަޝިޔާގެ ދައުލަތާއި މުއްސަނދިންނަށް އަމާޒުކޮށްގެން އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ދިވެހިރާއްޖޭގެ ޓުއަރިޒަމަށް އެތައް ސަތޭކަ މިލިއަން ޑޮލަރުން ގެއްލުންވާން ފެށީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.
ޔޫކްރެއިންގައި ބާކީ ތިބި ހުރިހާ ދިވެހިން ވެސް އެގައުމުން ނެރުނީ މިދިޔަ ހަފްތާގަ އެވެ. އެގައުމުގައި ހަމަލާ ބަދަލުކުރަމުންދިޔައިރު ހާރްކީވްގައި ތިބި އަށް މީހުންނާއި ޑިނީޕްރޯގައި ހުރި ދިވެހި މީހާ ގެންދިޔައީ ހަންގޭރީ އަށެވެ.
ރިސޯޓު ހިންގާ ފަރާތްތަކުން ކުއްޔާއި ޓެކްސް އަދި ޖޫރިމަނާ ގޮތުގައި ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ ނުދައްކާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ހާމަވީ ނިމިދިޔަ ހަފްތާގަ އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ކޯޓުން ބޭރުކޮށްލީ ނިމިދިޔަ ހަފްތާގަ އެވެ. މައްސަލަ ބޭރުކޮށްލީ ދައުލަތުން މައްސަލައިގެ ހުރި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ގދ. ކާޑެއްދޫ އެއާޕޯޓް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ އާ ސަރުކާރުން ހަވާލުކުރީ ނިމިދިޔަ ހަފްތާގަ އެވެ. ކާޑެއްދޫ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ވިލާ އެއާ އިން ހިންގަން ހަވާލުވާ ދެވަނަ އެއާޕޯޓެވެ.
ސުޕްރީމް ކޯޓްގެ ބައެއް ނިންމުންތައް އުވައިލުން ހިމެނޭ ގޮތުން، ކޯޓްތަކުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ހުށަހެޅި ބިލަކަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ނުރުހުން އަމާޒުވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.
ހިލްޓަން އިންޓަނޭޝަނަލަށް ދޭން ޖެހޭ 24 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދީ އޮތް މައްސަލާގައި ސަން ކުންފުނީގެ ވެރިޔާ، އަހްމަދު ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމާ އެކު، ދިފާއުގައި އެ އަމުރަކީ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ނެރުނު އަމުރެއް ކަމަށް އޭނާ ވިދާޅުވީ ނިމިދިޔަ ހަފްތާގަ އެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ، ރާއްޖޭގައި ވެސް ތެލުގެ އަގު ބޮޑުކުރީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން ފެށިގެން ޕެޓްރޯލް ލީޓަރެއް 14.60ރ. އަށް އަދި ޑީސަލް ލީޓަރެއް 14.80ރ. އަށް ވަނީ އަގުބޮޑުކޮށްފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތެރެއިން ކޮވިޑާ ދެކޮޅަށް ޖަހާ ވެކްސިންގެ ކާޑުތަކެއް ވިއްކި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށުން
- މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް އަމާޒުކޮށް މާފުށީ ޖަލުގައި ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފެށުން
- ޔޫކްރެއިންގެ ވައިގެ ސަރަހައްދު މިވަގުތު ބަންދުކޮށްފައިވާތީ، އެ ގައުމުން ރާއްޖެ އައިސް ތިބި ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކޮށްދިނުން
- ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަނުކުރުން
- މާލެ ސިޓީ ކައުންސިލުގެ ހުއްދަ ނެތި މާލޭގެ މަގުތައްމަތީގައި ބަހައްޓާ ޕެލެޓްތައް ނަގަން ނިންމުން
- ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމައި ހުޅުވާލުން
- ދިރޭތަކެތީގެ ތެރެއިން ހިމާޔަތް ކޮށްފައިވާ ތަކެތި ކަނޑައެޅުމުގައި ބަލާނެ ރަސްމީ މިންގަނޑު ގަވާއިދުގައި ހިމަނައި އާންމުކުރުން
- ރާއްޖެއަށް އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓުކޮށް, ކަށަވަރުކުރާ ފިއުލް ޓެސްޓިން ލެބޯޓްރީއެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުވުން
ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން
- މިއީ އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރާއެކު އަހްމަދު ސައީދު އދ. އޮމަދޫ އަށް ކުރި ދަތުރުގައި އެ ރަށުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ގޮތުން ގެނެސްދީފައިވާ ރިޕޯޓެކެވެ. އޮމަދޫގެ އާބާދީގަ ހިމެނޭ 1156 މީހުންގެ ތެރެއިން، 69 މީހުންނަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނެވެ.
- މިއީ ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު އޮތް ހިސާބު ބަޔާންކޮށްދިނުމަށް ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކާއި މައުލޫމަތުތައް ހިމެނޭހެން ފާތިމަތު އަޖުފާން ގެނެސްދީފައިވާ ރިޕޯޓެކެވެ.
- މުހައްމަދު ނަސީމް ށ. މިލަންދޫއަށް ކުރި ދަތުރުގައި އެ ރަށުގެ ހަނަފަސްކަން ތިޔާގި ކަމަށް ބަދަލުކޮށް، އެ ރަށް އާބާދުވުމުގެ ފަހަތުގައި އޮތް ވާހަކަ ގެނެސްދީފައިވާ ރިޕޯޓެކެވެ.
ދިރާސާތަކުން ކިޔާލުމަށް
"ކުޑަކުދިން ނިންދަވާން ދިވެހިން ކިޔާ އުޅުނު ނާނާތަކާއި ދިވެހިންގެ ސަގާފަތް"
މި ދިރާސާއަކ ދިވެހިން ކުޑަކުދިން ނިންދަވަން ކިޔާ އުޅުނު ނާނަތަކުން ދިވެހިންގެ ސަްްްާފަތް ދައްކުވައިދޭތޯ ބެލުމަށް ގައުމީ ޔުނިވާސިޓީގެ ދިވެހިބަހުގެ ޑިގްރީ ކޯހުގައި ކިޔެވި ދަރިވަރަކު 2016 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ.












