އެމްޑީޕީއަށް އިހްލާސްތެރި އަދި ނިމިދިޔަ ސަރުކާރާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތްކުރި ކަމަށް ވިދާޅުވެ ވަކި ބައެއްގެ ނަން ގެނެސް, އެހެން ބޭފުޅުންގެ ނަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ފާހަގަ ނުކުރުމުން, އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ގާތްވެފައިވާއިރު, ޕާޓީގެ ދެ ފެކްޝަންގެ މެދުގައި ވަނީ މަޝްރަހު ހޫނުވެފަ އެވެ. އެ ހޫނުކަން މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމާ ހަމައަށް ވެސް ގޮސް, އެމްޑީޕީގެ އެއް މެންބަރަކު އަނެއް މެންބަރަކަށް ވަނީ ބަހުގެ ހަމަލާތައް ރައްދު ކުރައްވާފަ އެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ސިފަ ކުރެއްވި ގޮތުގައި ކުއްލި މައްސަލަ މަޖިލީހަށް ވައްދައިގެން އުޅޭ އުޅުމަކީ އިދިކޮޅު ޕާޓީއެއް އުޅޭ ގޮތެވެ. އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްފައި ބުރިކޮށް އެމްޑީޕީގެ އެތެރޭން ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ބޮޑު ތުހުމަތެއް ވެސް ކުރައްވާފަ އެވެ.

އެއާއެކު, އިމްތިޔާޒަށް އެންމެ ބޮޑަށް ތާއިދު ކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ޝަރީފަށާއި ސަރުކާރަށް ބަހުގެ ހަމަލާތަކާއެކު ރައްދު ދެއްވި އެވެ. އީވާ ވިދާޅުވާ ގޮތުން, އިމްތިޔާޒު ފަހުމީ އާއި, އޭނާއާއެކު ތިއްބެވި ބޭފުޅުންނަށްވުރެ ވަކި އިހްލާސްތެރިންނެއް ސަރުކާރަކަށް ނުލިބޭނެ އެވެ.
"އަޅުގަނޑަކަށްވުރެ އިމްތިޔާޒު ފަހުމީއަކަށްވުރެ ހަސަން ލަތީފަކަށްވުރެ އުނގޫފާރުގެ މުހައްމަދު ވަހީދަކަށްވުރެ އިހްލާސްތެރި މީހުންނެއް މި ސަރުކާރަކަށް ނުލިބޭނެ, އެމްޑީޕީއަށް ވަކާލާތު ކުރުމުގައި މިއަށްވުރެ އިހްލާސްތެރި މީހުންނެއް ނުލިބޭނެ," އީވާ ވަރަށް ޖޯޝުގައި ވިދާޅުވި އެވެ.
އީވާގެ އެ ވާހަކައަށް މިއަދު މަޖިލީހުގެ ތަޅުމުގައި ރައްދު ދެއްވީ, އިމްތިޔާޒު ފަހުމީއާ ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއެކު ކެމްޕެއިން ކުރައްވަމުން ގެންދަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ ހިތްވަރު ކުރެއްވި ބޭފުޅުންގެ ގޮތުގައި ވަކި ބައެއްގެ ނަން އެކަނި ގެނައުމުންނެވެ.
"...އިއްޒަތްތެރި ރައީސް [އީވާ] ވެސް ވާހަކަ ދައްކަވަމުން ވިދާޅުވި މިހިރަ އިމްތިޔާޒު ފަހުމީއާ މިހިރަ ވަހީދުއާ މިހިރަ މިވެނި މީހަކާއި އެވެނި މީހަކާ ކުރި މަސައްކަތުންނޭ މި ޕާޓީ ސަރުކާރަށް އައީ, ނޫން! މި ޕާޓީ ސަރުކާރަށް އައީ މި ޕާޓީގެ ހުރިހާ މެންބަރުން ހުރިހާ މެންބަރުން އަދި އެހެން ޕާޓީތަކުގެ މެންބަރުން ވެސް ކުރި ވަރަށް ބުރަ މަސައްކަތުން," ރޮޒައިނާ ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ވަރަށް ހިތާމަކުރަން މަޖިލީހުގެ ތެރޭގަ މަސައްކަތް ކުރިއޭ ކިޔާފަ ނަންތައް ކިޔާލިއިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާހުގެ ނަމެއް ވިދާޅެއް ނުވޭ, މުލަކު ދާއިރާގެ މެންބަރު ނަސީރުގެ ނަމެއް ވިދާޅެއް ނުވޭ, ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރުގެ ނަމެއް ވިދާޅެއް ނުވޭ, އޭރުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލްގެ ނަމެއް ވިދާޅެއް ނުވޭ,"
ހަގީގަތަކީ, ރޮޒައިނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު މަޖިލީހުގައި ތިއްބެވި ހުރިހާ މެންބަރުން ވެސް އެއް މިންވަރަކަށް އެއް ވާނެއްގައި މަސައްކަތް ކުރެއްވި ކަމެވެ. އެހެންވެ, ވަކި ބައެއްގެ ނަން ގެނެސް, ސަރުކާރަށް އާދެވުނީ އެމީހުންގެ މަސައްކަތުން ކަމަށް ބުނުމަކީ ދެން ތިބި މީހުންނަށް ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"އެހެން އެކަން ނުކުރައްވާ, މި ޕާޓީ އެކުވެރިކުރަން އެބަ މަސައްކަތް ކުރަން ޖެހޭ, އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ފެންނަނީ މި އިންތިހާބުގެ ތެރޭގަ މީހުންގެ އަބުރު ކަތިލާ މީހުންނަށް ކޮރަޕްޝަނަށް ގޮވާ މީހުންނަށް ވަގަށް ގޮވާ މި ހުރިހާ ކަމެއް ކުރާ ތަން," ރޮޒައިނާ ވިދާޅުވި އެވެ.
"މީތޯ ތިލަފަތުން މި ދައްކާ ރަމްޒަކީ ބްލީކުރުންތޯ ހެރެސްކުރުންތޯ, އެއީ ތޯ ތިލަފަތުގެ ރަމްޒަކީ, އަޅުގަނޑު ހަމަ ހިތާމަކުރަން,"
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވެސް މިއަދު ވަނީ އީވާއަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ފައްޔާޒްގެ ކެމްޕޭނުގައި ބައިވެރިިވެވަޑައިގެންނެވި ކަމަށްޓަކައި އެމްޑީޕީގައި އެެންމެ އިސްކޮށް އުޅުއްވާ ކަމަށް ވިދާޅުވާ ބޭފުޅުންގެ މާލާމާތާއި ފުރައްސާރައިން ސަލާމަތް ނުވެގެން އުުޅުއްވާ ކަމަށެވެ.












