ސުޕްރީމް ކޯޓްގެ ބައެއް ނިންމުންތައް އުވައިލުން ހިމެނޭ ގޮތުން، ކޯޓްތަކުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ހުށަހެޅި ބިލަކަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ކޯޓްތަކުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި މަޑުއްްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ހައިކޯޓްގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވައިލަން ބިލުގައި ހުށަހަޅާފައިވާ ކަމަށާއި އެއީ މާލެއަށް ބާރުތައް ޖަމާކުރުން ކަމަށެވެ. އެ ދެ ގޮފި އުވައިލާ ނަމަ ޑެސްކެއް ބަހަައްޓައިގެން ނަމަވެސް އަތޮޅުތަކުގައި އެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

މެމްބަރު ޒަރީރު ހުށަހެޅުއްވި ބިލުގެ (14) ވަނަ މާއްދާގައި އޮތީ އެ މާއްދާގައި ބުނާ، ސުޕްރީމް ކޯޓްގެ ނިންމުންތަކާއި ގަރާރުތަކާއި ގަވައިދުތަކާއި ސާކިއުލާތަކާއި އާއްމު ސިޓީތައް، އެ ބިލު ގާނޫނަކަށްވުމުން އުވޭނެ ކަމަށެވެ. އެ މާއްދާގައި ދެން އޮތީ އުވައިލެވޭނެ ނިންމުންތަކުގެ ލިސްޓެކެވެ.
"އެމްޑީޕީއަކީ ލާމަޒުކަޒީ ނިޒާމަށް، ނުވަަތ މަރުކަޒީ ގޮތުން މި އޮންނަ ބާރުތައް ދުރުކޮށް، ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތަށް ވެރިކަން ކުރުމަށް، އެ ނަމުގައި އައި ބައެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ.
މެމްބަރު ޒަރީރު ހުށަހެޅުއްވި ބިލުގެ (14) ވަނަ މާއްދާގައި އޮތީ އެ މާއްދާގައި ބުނާ، ސުޕްރީމް ކޯޓްގެ ނިންމުންތަކާއި ގަރާރުތަކާއި ގަވައިދުތަކާއި ސާކިއުލާތަކާއި އާއްމު ސިޓީތައް، އެ ބިލު ގާނޫނަކަށްވުމުން އުވޭނެ ކަމަށެވެ. އެ މާއްދާގައި ދެން އޮތީ އުވައިލެވޭނެ ނިންމުންތަކުގެ ލިސްޓެކެވެ.

އެ މާއްދާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ އެ މައްސަލައިގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ދެއްކެވި ވާހަކައަށް އޭނާ ތާއީދުކުަރައްވާ ކަމަށެވެ. މަތީ ކޯޓްތަކުން ނިންމާ ނިންމުންތައް ކޯޓްތަކުން ނޫން ގޮތަކަށް ބާތިލުކުރާ ކަމަށް ވަންޏާ އެ ދެވެނީ ނުބައި މެސެޖެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ ކޯޓްތަކުން އިސްނަގައިގެން މައްސަލަތައް ނުބެލޭ ގޮތަށް ހެދުމަށާއި ސުޕްރީމް ކޯޓްގެ އަމުރުތަކާއި ސާކިއުލާތައް އެ ބިލު ގާނޫނަކަށް ވުމުން އުވޭ ގޮތަށް ހުށަހަޅާފައި އޮތް އޮތުމަކީ އޭނާގެ ވެސް ކަންބޮޑުވުމެކެވެ.
"މިއެއް ނޫން މިކަން ކުރާ ގޮތަކީ،" ތޯރިގު ވިދާޅުވި އެވެ.
ކޯޓްތަކުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބަދަލުތަކެއް ގެންނަން ހުށަހެޅި ބިލުގައިވާ ބައެއް ކަންތައްތަކަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް މިއަދު ފާޑުވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ނިންމުންތަކެއް އުވައިލެވޭ ގޮތަށް އޮތް އޮތުމަކީ އޭނާވެސް ސުވާލު އުފެއްދެވި ކަމެކެވެ.












