Advertisement

އެމްޑީޕީގެ އިތުބާރު ހިފެހެއްޓެވުމަށް ރައީސަަށް ހަސަން ލަތީފް އިލްތިމާސްކުރައްވައިފި

1 މާރިޗު 2022 - 11:48 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ؛ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ އެމްޑީޕީގެ އިތުބާރު ހިފަހައްޓަވަން ރައީސަށް އިލްތިމާސްކުރައްވާ ކަމަށް. ފޮޓޯ: މަޖިލިސް އިދާރާ


އެމްޑީޕީގެ އިތުބާރު ހިފެހެއްޓެވުމަށް ރައީސަަށް ހަސަން ލަތީފް އިލްތިމާސްކުރައްވައިފި

1 މާރިޗު 2022 - 11:48 0

މީހުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމަލުކުރައްވާ ގޮތުގެ ސަބަބުން އެ ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ކަމަށް ތުހުމަތުކުރައްވައި، އެގޮތަށް ކަންތައް ނުކުރެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައެއްގެ ބަހުސްގައި ހަސަން ވިދާޅުވީ މީހުން ވަޒީފާއިން ވަކިކޮށްފާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ބައެއް މެމްބަރުން މީހުންނަށް ބިރުދައްކަވާ ވާހަކަ އިވިވަޑައިގަންނަވާ ކަމަށެވެ. އެއީ ވަރަށް ކުރީ ޒަމާނެއްގައި ރާއްޖެއިން ނައްތާލާފައިވާ ކަންތައްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރެއް އޮންނަ އިރު އެ ސަރުކާރުގެ އެންމެ އިސް މަސްލަހަތަކަށް ވާން ޖެހޭނީ ޕާޓީގެ މެމްބަރުންގެ މަސްލަހަތު ހިމާޔަތްކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާޓީގެ އެންމެ އިސް މަސްލަހަތަކީ ޕާޓީގެ މެމްބަރުން ހިމާޔަތްކޮށްދިނުން. އެހެން ކަމަށް ވާއިރު ޕާޓީގެ އެން،މެ އިސްފަރާތް، އެެއީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގުކޮށް ލިބިވަޑައިގެންފައި އޮންނަ ބާރެއް ބޭނުންފުޅު ކުރައްވާ އިރު މިކަންކަން ހަނދުމަފުޅު ނެތި، އެކަންކަން ކުރެއްވުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާއަކުން މީހަކު ވަކިކުރަން ވާނީ ރައީސަށް އެމީހަކާ މެދު އިތުބާރު ނެތުމުން ކަމަށާއި އެެއީ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވުމުން ކުރައްވައިގެން ވާނެކަމެއް ނޫން ކަމަށެވެ. ހާއްސަކޮށް އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އެގޮތަށް ކަންތައް ވުމަކީ (މެމްބަރުން ވިދާޅުވެގެން، މީހުން ވަޒީފާއިން ވަކިކުރުމަކީ) ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާއަށް އިލްތިމާސް ދަންނަވަން ރައީސުލް ޖުމްހޫރިއްޔާ ތި ގޮތަށް އަމަލުކުރެއްވުމުން މިޕާޓީއާ ދޭތެރޭގައި، އެމްޑީޕީއާ ދޭތެރޭގައި ރައްޔިތުން، އެމްޑީޕީގެ މެމްބަރުން ކުރަމުންދާ އިތުބާރު އެބަ ގެއްލޭ،" ހަސަން ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށަށް ދަތުރުރައްވާ އިރު ޕާޓީގެ މެމްބަރުންގެ ފަރާތުން މިހާރު އިވެނީ ސަރުކާރާ މެދު ނަފްރަތު އުފެދޭ ފަދަ ވާހަކަ ކަމަށެވެ. އެ ވާހަކަތައް ބަދަލުކުރަން މަސައްކަތް ކުރައްވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ބޭނުންކުރަންވާނީ ގާނޫނުއަސާސީގެ (20) ވަނަ މާއްދާގައިވާ ހަމަހަމަކަމުގެ އިންތަކުގެ ގެތެރޭގައި ކަަމަށެވެ. އެހެން ނަމަވެސް, އެމްްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވަން އަންނަ އޭޕްރިލްމަހު ބާއްވާ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ވަޒީފާތަކުގައި ތިބި ބައެއް މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.

"...އެކަން އެމަގުން ހިނގަމުން ދިއުމަކީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު އިތުބާރު ގެއްލި ސަރުކާރާއި މެދު ރައްޔިތުންގެ ނަފްރަތު އުފެދި ރައްޔިތުންގެ [މެދުގައި] ބައިބައިވުން އުފެދިދާނެ ކަމެކެވެ،" ކުއްލި މައްސަލަައިގައި ވައްޑޭ ވިދާޅުވި އެވެ.

ކުއްލި މައްސަލައެއެއްގެ ގޮތުގައި އެކަން މަޖިލީހަށް ހުށަހެޅުއްވީ އޭނާ ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންގެ މަސްލަހަތާ ގުޅޭ މުހިއްމު ކަމަކަށް ވާތީ ސަރުކާރުގެ ސަމާލުކަމަށް އެެކަން ގެނައުމަށެވެ.