އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތައް ހަނިކޮށް، އިދިކޮޅު ޕާޓީއަކުން އަދާކުރާނެ ދައުރު އަދާކުރަމުންދަނީ ރާވައިގެން ސަރުކާރު ވައްޓާލުމަށްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ތުހުމަތުކުރައްވައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރ. ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުކަން ކުރެއްވި އާމިރު އަހުމަދު ނަމަކަށްކިޔާ އެމްޑީޕީގެ މެމްބަރަކު ރައީސް ސޯލިހުގެ އެންގުމަކަށް ވަޒީފާއިން ވަކިކުރިކަމަށް ބުނެ ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލައަށް މެމްބަރުން ބަހުސް ކުރައްވަމުން ގެންދެވިއިރު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބޮޑެތި ދެބަސްވުންތަކެއް ހިނގައިގެން ދިޔަ އެވެ.
އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ސަރުކާރު ވައްޓާލުމަށް ރާވައިގެން މަސައްކަތްކުރާފަދަ ގޮތަކަށް ރައީސްގެ ބާރުތައް ހަނިކުރަން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އިދިކޮޅު ޕާޓީއަކުން އަދާކުރާ ދައުރު އަދާކުރުން ކަމަށް ޝަރީފް ސިފަކުރެއްވި އެވެ.
"ރައީސްއަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ވެރިކަން ކުރަން ލިބޭ ހަނި ފުރުސަތު. އެ ނިގުޅައިގަނެ އަތްފައި ބުރިކޮށްލަން މި މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު ވެރިކަންކުރާ ޕާޓީން ކުރާ ކަމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. ބިރުވެރި ކަމެއް. ނުރައްކާތެރި ކަމެއް. ސަރުކާރު ވައްޓާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއްކަމަށް އަޅުގަނޑު ސިފަ މިކުރަނީ ކެރިހުރެ ސާބިތުކަމާއެކު،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މަގާމަކަށް އައްޔަނުކުރާ މީހަކަށް އެ މަގާމުގެ ގާބިލިއްޔަތުކަން ނެތް ކަމަށް ރައީސްއަށް ފެނިއްޖެ ހިނދެއްގައި ވަޒީފާއިން ވަކިކުރުމުގެ ބާރު ގާނޫނުއަަސާސީން ލިބިދީފައިވާ ކަމަށެވެ.

"އަޅުގަނޑު ޕާޓީ މީހަކަށް ވިޔަސް، އަޅުގަނޑުގެ ދަރިޔަކަށްވިޔަސް އެމީހާކާ ހަވާލުކުރެވޭ މަސްއޫލިއްޔަތު ބަރާބަރަށް އަދާ ނުކުރާނަމަ، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ނުދޭކަމަށްވަނީނަމަ ވަޒީފާއިން ވަކިކުރަން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.
އަދި އެއީ ރައީސްގެ މައްޗަށް ގައުމާ ހަވާލުވެހުންނަވައިގެން ކުރަން އޮތް ވާޖިބުކަމެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި އެއީ ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް ރައީސްއަށް ކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ އެކަށީގެންވާ ގޮތަށް އެ މަގާމުގެ ގާބިލުކަން ނެތް ކަމަށް ފެނިވަޑައިގަންނަވާނަމަ އެތެރޭގެ އިންތިހާބެއް އޮތަސް ބޭރުގެ އިންތިހާބެއް އޮތަސް އެމީހަކު މަގާމުން ވަކިކުރުމަކީ އެމަނިކުފާނު ކުރައްވަން ޖެހޭ ކަމެއް. އެމަނިކުފާނުގެ މައްޗަށް އޮތް ވާޖިބުކަމެއް. ލާޒިމުކަމެއް،" ޝަރީފް ވިދާޅުވި އެވެ.
އެ މަސައްކަތުގައި ރައީސްއަށް ހުރަސްއެޅުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ކުރާ މަސައްކަތަކީ ނޭއްގާނީ މުޑުދާރު އަމަލެއް ކަމަށް ޝަރީފް ސިފަކުރެއްވި އެވެ.
"ވެރިކަންކުރުމަށް އޮތް ހަނި ފުރުސަތު ނަގާލުމަށް އަޅުގަނޑުމެން ވެރިކަން ކުރާ ޕާޓީން ރައީސުލްޖުމްހޫރިއްޔާގެ އަތާއި ފައި ބުރިކޮށްލަން މި ކުރާ ނޭއްގާނީ މުޑުދާރު އަމަލު ފުރަތަމަ ވެސް އަޅުގަނޑު ކުއްވެރިކުރަން ހަރު އަޑުން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިހާރު ފެންނަމުން ދަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީން ކުރި މަސައްކަތް ކަމަށެވެ.
"ހަމަ އެ މަސައްކަތް މިހާރު ފެށިގެން ސީދާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާ ދޭތެރޭ ހިންގާ އުދުވާނީ ހަމަލާއެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވޭތީ ވަރަށް ހިތާމަކުރަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް މިމޭރުމުން ވާހަކަދެއްކެވިއިރު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މިއަދުގެ ޖަލްސާގައި އާމިރު ވަޒީފާއިން ވަކިކުރުމަކީ ބަލައިނުގަނެވޭނެ ކަމެއް ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ވަނީ ރައީސްގެ އެނިންމުމަކީ "ނުކުރެވޭނެ" ކަމެއް ކަމަށް ބުނެ ގޮންޖައްސަވާފަ އެވެ. އެގޮތުން މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެގޮތަށް ފާހަގަކުރެއްވި އެވެ.
އަދި އެއީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ގުޅުވައިގެން އާމިރު ނިސްބަތްވާ ދުވާފަރު ދާއިރާގެ މެމްބަރުގެ އެދުމުގެ މަތިން ރައީސް ނިންމެވި ނިންމެވުމެއްކަމަށް ވެސް ބައެއް މެމްބަރުން މިއަދު ވިދާޅުވި އެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ 1،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ދުވާފަރު ދާއިރާގައި 150 އެއްހާ މެމްބަރުންގެ ސޮޔާއެކު އާމިރު ވަކިކުރަން ޕެޓިޝަނެއް ހުށަހެޅުމުން އެޔަށް ބަލައިގެން އާމިރު ވަކިކުރުމުން އޭގެން އެތައް ބައެއްގެ ހައްގެއް ގެއްލިގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އާމިރު ވަޒީފާއިން ވަކިކޮށްފައިވަނީ ރައްޔިތުން ޕެޓިޝަނެއް ހުށަހަޅައިގެން ކަމަށް އަޑުފެތުރުނު ނަމަވެސް އެކަން އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
މިއަދުގެ ޖަލްސާގައި މެމްބަރު ޝަރީފް އެމްޑީޕީގެ ބައެއް މެމްބަރުން އިދިކޮޅު މެމްބަރުން އަމަލުކުރާ ގޮތަށް އަމަލުކުރާކަމަށް ވިދާޅުވި ވާހަކައަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރައްދު ދެއްވި އެވެ.
އެގޮތުން އީވާ ވަނީ އާމިރުގެ ދިފާއުގައި ވާހަކަ ދައްކަވާ ބައެއް އެމްޑީޕީ މެމްބަރުންގެ ނަން ފާހަގަކޮށް އެއަށްވުރެ ވަފާތެރި ނަޒާހާތްތެރި މެމްބަރުންތަކެއް ސަރުކާރަށް ނުލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.













