ތައިރޮއިޑް ސާޖަރީއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރުގެ ހޮސްޕިޓަލުން ޑިސްޗާޖުކޮށްފި އެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން ރައީސް ސޯލިހު ތައިރޮއިޑް ސާޖަރީއެއް ކުރައްވަން ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު, މިދިޔަ ހުކުރު ދުވަހު ތިން ގަޑިއިރުގެ ސާޖަރީއެއް ކުރެއްވި އެވެ. އެ ވަގުތު ރައީސް ކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ސާޖަރީއަށްފަހު އަލުން މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ނަމަވެސް, އެމަނިކުފާނު އޮންނެވީ ހާލުކޮޅު ރަނގަޅުވަންދެން ހޮސްޕިޓަލުގަ އެވެ. އިއްޔެ ރައީސް އޮފީހުން މި ނޫހަށް ބުނި ގޮތުގައި ރައީސްގެ ހާލުކޮޅު ރަނގަޅެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަރުވާއަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ. ކުޑަ ދުވަސްކޮޅެއް ތެރޭ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ސޯލިހު މިއަދު ވިދާޅުވި އެވެ.
ރައީސް ވަނީ އެމަނިކުފާނު ސާޖަރީއަށް ވަޑައިގަތުމުން އެމަނިކުފާނަށްޓަކައި ހެޔޮ ދުއާ ކުރެއްވި އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ.













