ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމަ ހޫނުވެ، ޔޫކްރެއިންގެ ވައިގެ ސަރަހައްދު މިވަގުތު ބަންދުކޮށްފައިވާތީ، އެ ގައުމުން ރާއްޖެ އައިސް ތިބި ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކޮށްދޭން އިމިގްރޭޝަނުން ނިންމައިފި އެވެ.
ޔޫކްރެއިންގެ ވައިގެ ސަރަހައްދު ބަންދުކުރުމާއެކު އެގައުމަށް ކޮމާޝަލް އެއާލައިންތަކުން ކުރާ ދަތުރުތައް ހުއްޓާލަންޖެހިފައިވާއިރު، މިވަގުތު ރާއްޖޭގައި ތިބި ޔޫކްރެއިން ފަތުރުވެރިންގެ ތެރެއިން ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް އެ ފުރުސަތު އޮތްކަން އިމިގްރޭޝަނުން މިރޭ އިއުލާނުކުރި އެވެ.
އެއިދާރާއިން މިރޭ ނެރުނު ބަޔާނުގައިވާ ގޮތުން "އިމުގަ" ޕޯޓަލް މެދުވެރިކޮށް ވިސާ އިތުރުކުރުމަށް އެދެވޭނެ އެވެ. ނަމަވެސް ވިސާގެ މުއްދަތު އިތުރުކޮށްދޭނީ މިހާރު ދީފައިވާ މުއްދަތު ހަމަވުމުންނެވެ.
ވިސާއަށް އެދޭއިރު އެ ފަތުރުވެރިއެއްގެ މައުލޫމާތާއި، ފޮޓޯގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީއިން އެމީހަކު ބަހައްޓާފައިވާ ފެސިލިޓީގެ ލައިސެންސް ކޮޕީއެއްވެސް އިމުގަ ޕޯޓަލް މެދުވެރިކޮށް ފޮނުވަން ޖެހޭނެ އެވެ. ގެސްޓްހައުސެއްގައި ހުންނަ ފަތުރުވެރިއެއް ނަމަ، އޭނާ އެތަނުގައި ހުރިކަން އަންގައިދޭ ރަސީދުތައް ފޮނުވަން ޖެހޭނެ އެވެ.
އިމުގަ ޕޯޓަލް މެދުވެރިކޮށް ވިސާ އިތުރުކުރާއިރު ބޭނުންވާނެ އެއްޗެހި
- ވިސާގެ މުއްދަތު އިތުރު ކުރުމަށް އެދޭ ފޯމް
- ފަތުރުވެރިޔާގެ ޕާސްޕޯޓް ކޮޕީ
- ފަތުރުވެރިޔާގެ ފާސްޕޯޓް ސައިޒް ފޮޓޯއެއް
- ޓޫރިޒަމް މިނިސްޓްރީއިން އެ ފަތުރުވެރިޔާ ބަހައްޓާ ފެސިލިޓީގެ ލައިސެންސް ކޮޕީ
- ގެސްޓު ހައުސްއަކު ބަހައްޓާނަމަ، އޭނާ އެތާ ހުންނަ ކަމުގެ ރަޝީދުތައް
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ޔުކްރޭނުގެ 750 ޓޫރިސްޓުން އެބަތިއްބެވެ. ޔޫކްރެއިން އަކީ އަށް ވަނަ އަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިޔާ އެވެ. އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 15.7 ޕަސެންޓެވެ. ނަމަވެސް ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމަ އާ ގުޅިގެން ރަޝިޔާ އާމެދު ފިޔަވަޅު އަޅައިފި ނަމަ އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް މިނިސްޓްރީއިން ދެކެ އެވެ.













