ގދ. ކާޑެއްދޫ އެއާޕޯޓް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ އާ ސަރުކާރުން މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. ސަރުކާރުން ވިލާ އެއާ އާއެކު އެ އެއާޕޯޓު އޮޕަރޭޓްކުރަން ހަދާފައި އޮތް އެއްބަސްވުން އުވާލީ ސިވިލް އޭވިއޭޝަނުގެ މިންގަނޑުތަކާ ހިލާފްވެގެންކަމަށް ބުނެ ޖުލައި 18، 2017 ވަނަ ދުވަހު އެވެ.
ނަމަވެސް، ވިލާއިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މެއި 10، 2021 ގައި އެ ކޯޓުން ހުކުމްކުރީ ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން ސަރުކާރުން އުވާލާފައިވަނީ ބާތިލް އިޖުރާއަތެއްގެ މަތިން ކަމަށެވެ.
މިއަދު، ޓްރާންސްޕޯޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ވިލާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވެސް ގާސިމް އެވެ.
ކާޑެއްދޫ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ވިލާ އެއާ އިން ހިންގަން ހަވާލުވާ ދެވަނަ އެއާޕޯޓެވެ. ދެން އޮތް މާމިގިލީ އެއާޕޯޓް ތަރައްގީކޮށް ހިންގަނީ ވިލާ އެއާ އިންނެވެ. އަދި ފްލައިމީ އަކީ ވިލާ އެއާގެ އެއާލައިނެކެވެ.


ކާޑެއްދޫ އެއާޕޯޓްގައި އޮންނަނޯ 1220 މީޓަރުގެ ރަންވޭއެއް. -- ފޮޓޯ: ސޯޝަލް މީޑިއާ
މާޗް 6، 2017 އިން ފެށިގެން އެ އެއާޕޯޓް އޮޕަރޭޓްކުރަމުން އަންނަނީ ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ. މިވަގުތު އެ އެއާޕޯޓަށް ދަތުރުކުރުމުންދަނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ.
މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކާޑެއްދޫ އެއާޕޯޓު މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެގޮތުން، ދާދިފަހުން ވަނީ ކާޑެއްދޫއަށް މީހުން އަރައިފޭބުމަށް ބޭނުންކުރާ ޖެޓީގެ ބޮޑުބައެއް ވެސް ވެއްޓިފަ އެވެ. ހަމައެހެންމެ، އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ އާލަތްތައް ވެސް ވަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފަ އެވެ.
މާލެއާ 340 ކިލޯމީޓަރު ދުރުގައި އޮންނަ ކާޑެއްދޫ އެއާޕޯޓް ހުޅުވީ ޑިސެމްބަރު 10، 1993 ގަ އެވެ. އަދިވެސް ބޭނުންކުރަމުންދަނީ އެއާޕޯޓް ހުޅުވިއިރު އޮތް 1220 މީޓަރުގެ ރަންވޭ އެވެ. އަދި، އެއާޕޯޓްގެ އިމާރާތްތަކަށް ވެސް މިވީހާ ދުވަހު ބަދަލުތަކެއް އައިސްފައެއް ނުވެ އެވެ.












