އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީ އާއި އޭނާއަށް ތާއިދު ކުރައްވާ މެންބަރުންނަކީ 'އިދިކޮޅު މީހުން' ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސިފަ ކުރެއްވުމާއެކު, މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވަރަށް ބޮޑަށް ނުރުހުންވެ, ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް މީހުން ވަޒީފާ ވަކިކޮށް ބިރު ދައްކަމުން ގެންދާ ކަމަށް ބުނެ މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ ހުށަހެޅުއްވީ އިމްތިޔާޒް ފަހުމީގެ ތަރުޖަމާން, އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ މެންބަރުންގެ މެދުގައި މަޖިލިސް ތަޅުމުގައި ހޫނު ބަހުސެއް ހިނގި އެވެ. އެ މައްސަލަ ވެއްދުމާއި އެކަމަށް ތާއިދުކުރުމުގައި އިމްތިޔާޒު ފަޅީގެ މެންބަރުން ތިއްބެވިއިރު, އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރައްވާ މެންބަރުން އެކަމާ ދެކޮޅު ހަދައި, ސަރުކާރުގެ ދިފާއުގައި ނުކުތެވެ.
އެގޮތަށް އެންމެ ހަރުއަޑުގައި ނުކުންނެވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ކުއްލި މައްސަލަ މަޖިލީހަށް ވައްދައިގެން އުޅޭ އުޅުމަކީ އިދިކޮޅު ޕާޓީއެއް އުޅޭ ގޮތެވެ. އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްފައި ބުރިކޮށް އެމްޑީޕީގެ އެތެރޭން ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ބޮޑު ތުހުމަތެއް ވެސް ކުރައްވާފަ އެވެ.
އެއާއެކު, އިމްތިޔާޒަށް އެންމެ ބޮޑަށް ތާއިދު ކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ޝަރީފަށާއި ސަރުކާރަށް ބަހުގެ ހަމަލާތަކާއެކު ރައްދު ދެއްވި އެވެ. އީވާ ވިދާޅުވާ ގޮތުން, އިމްތިޔާޒު ފަހުމީ އާއި, އޭނާއާއެކު ތިއްބެވި ބޭފުޅުންނަށްވުރެ ވަކި އިހްލާސްތެރިންނެއް ސަރުކާރަކަށް ނުލިބޭނެ އެވެ.

"...މި ލައިގެން އުޅޭ މީހުންނެކޭ އިދިކޮޅު މީހުންނެކޭ އެއްވަރޭ, އިއްޒަތްތެރި މެންބަރު އެހެން ވިދާޅުވާއިރު މިލައިގެން އުޅޭ މެންބަރުންނަކީ އަދި މި ބަލައިމިގަތީ އެމްޑީޕީ މެންބަރުން, އަޅުގަނޑު މިތާނގައި އެމްޑީޕީ މީހުންނާމެދު ބޭއިންސާފުވާން ފެށީމާ އަޅުގަނޑުމެން ވަކާލާތު ކުރާނަން މިތާނގައި," އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވި ގޮތުގައި ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެ ހިނގި އަނިޔާވެރިކަމުގައި މަޖިލީހުގައި އެ ހިނގި ހުރިހާ ކަމެއްގެ ތެރޭ އިމްތިޔާޒު ފަހުމީމެން ނުކުމެވަޑައިގެން އެ ކުރެއްވި ހިތްވަރު ނުކުރެއްވިނަމަ މިއަދު މި ސަރުކާރު ނެތީހެވެ.
"...އިމްތިޔާޒު ފަހުމީމެން ނުކުމެވަޑައިގެން އެ ފަސް އަހަރު ތެރޭ އެ ކުރެއްވި ހިތްވަރު ނުކުރެެއްވިނަމަ އެމްޑީޕީ ދެން އެމްޑީޕީ އިންތިހާބަކަށް ކުރިމަތިލާން ވޯޓުލާން ކޮން ހިތްވަރެއްތޯ އޮންނާނީ, އިމްތިޔާޒު ފަހުމީ ނުކުމެވަޑައިގެން އެ ހިތްވަރު ނުކުރެއްވިނަމަ މިއަދު ކޮން ސަރުކާރެއްތޯ އޮންނާނީ, އަޅުގަނޑުމެންނާ ދިމާއަށް އިދިކޮޅު މީހުންނޭ މެންބަރު ޝަރީފް ވިދާޅުވާއިރު," އީވާ ވަރަށް ޖޯޝުގައި ވާހަކަ ދެއްކެވި އެވެ.
"އަޅުގަނޑަކަށްވުރެ އިމްތިޔާޒު ފަހުމީއަކަށްވުރެ ހަސަން ލަތީފަކަށްވުރެ އުނގޫފާރުގެ މުހައްމަދު ވަހީދަކަށްވުރެ އިހްލާސްތެރި މީހުންނެއް މި ސަރުކާރަކަށް ނުލިބޭނެ, އެމްޑީޕީއަށް ވަކާލާތު ކުރުމުގައި މިއަށްވުރެ އިހްލާސްތެރި މީހުންނެއް ނުލިބޭނެ,"
އީވާ ވިދާޅުވީ އެމްޑީޕީއަށްޓަކައި އެތައް ގުރުބާނީއެއްވީ މީހުންނާމެދު ބޭއިންސާފުން އަމަލު ކުރާނަމަ, އެކަމާ ޖެހިލުމެއް ނުވެ އެމީހުންގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ. އެއަށްފަހު އޭނާ ފާހަގަ ކުރެއްވީ ސަރުކާރު ކުންފުނިތަކުގެ އެހީގައި ވަޒީފާތައް ބަހައި ޕްރޮމޯޝަންތައް ދެމުން ގެންދާ ކަމެވެ. އަދި އިމްތިޔާޒު ފަހުމީއަށް ތާއިދު ކުރާ މީހުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމެވެ.
"ކުޅުދުއްފުއްޓަށް ގުޅާލިޔަސް, ފުވައްމުލަކަށް ގުޅާލިޔަސް, އައްޑޫއަށް ގުލާލިޔަސް ހަމަ މި ވާހަކަ," އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ, ވަޒީފާތަކުން އެހެން މީހުން ވަކި ނުކުރެވޭނެ ކަމަށާއި އެކަމުގެ ދެރަ ލިބޭނީ ވެސް އެމްޑީޕީއަށް ކަމަށެވެ. އެހެންވެ, އެކަމާ ދެކޮޅަށް އެއްވެސް ފަސްޖެހުމެއް ނެތި ވަކާލާތު ކުރައްވާނެ ކަމަށް އީވާ ވިދާޅުވި އެވެ.
"...ނުކުރެވޭނެ ވައްކެއް, އިމްތިޔާޒަށް ތާއިދު ކުރާތިއޭ ކިޔާފައި ވަކި ކުރާނަނަމަ 2023 އަޅުގަނޑުމެން އަތުލަނީ ކިހިނެއް, ކިހިނެއް އެކަން އަޅުގަނޑުމެން ކުރާނީ." އީވާގެ ވާހަަކަ ނިންމާލެއްވި އެވެ.
އީވާގެ ވާހަކައަށް ފަހު، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އީވާއަށް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ފައްޔާޒްގެ ކެމްޕޭނުގައި ބައިވެރިިވެވަޑައިގެންނެވި ކަމަށް ޓަކައި އެމްޑީޕީގައި އެެންމެ އިސްކޮށް އުޅުއްވާ ކަމަށް ވިދާޅުވާ ބޭފުޅުންގެ މާލާމާތާއި ފުރައްސާރައިން ސަލާމަތް ނުވެގެން އުުޅުއްވާ ކަމަށެވެ.













