ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެ މާރާމާރީގައި ހިމެނުނު ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. އެ ހާދިސާގެ ފޮޓޯތަކެއް އާންމުވެފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ބުރަކައްޓަށާއި އަތަށް ތޫނު އެއްޗަކުން ހަމަލާދީ، ވަނީ ޒަހަމްކޮށްލައިފަ އެވެ.
ފުލުހުން ބުނީ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި އެ މާރާމާރީގައި ޒަހަމްވި ތިން ފިރިހެނަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ މާރާމާރީ ހިނގާފައިވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން ބެލެވޭ ކަމަށެވެ.

ނަމަވެސް، މި މައްސަލަ ތަހުގީގު ކުރެވެމުންދާކަމަށް ފުލުހުން ބުންޏެވެ.












