"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގެ ނަމުގައި އެވޯޑެއް ތައާރަފްކޮށް އަންނަ މަހު އެވޯޑް ބާއްވާ ގޮތަށް ނިންމައިފި އެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022"ގެ ނަމުގައި ހާއްސަ އެވޯޑެއް މި އަހަރު ބާއްވަން ނިންމާފައިވާއިރު މީގެ ކުރިން ސަރުކާރުން ކުޅިވަރު އެވޯޑެއް ބާއްވާފައިވަނީ 2012 ވަނަ އަހަރުގަ އެވެ. އެ ފަހަރު ބާއްވާފައިވަނީ "ގައުމީ ކުޅިވަރު އެވޯޑް"ގެ ނަމުގަ އެވެ. އޭރު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ކުޅިވަރު އެވޯޑްގައި އިނާމް ދީފައިވަނީ 2011 ވަނަ އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުގެ މެޑަލް ހޯދި ޓީމްތަކާއި އެތުލީޓުންނަށެވެ.
ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިން ކުޅުންތެރިންގެ އަގު ވަޒަންކޮށް އެ ކުޅުންތެރިންނަށް އެވޯޑް އެ ފަހަރު ހަތް ކުޅިވަރަކަށް ދީފައިވެ އެވެ. އެ އަހަރަށް ފަހު ސަރުކާރުން ކުޅިވަރަށް ވަކިން ހާއްސަ އެވޯޑެއް ބާއްވާފައެއް ނުވެވެ.
ޔޫތު މިނިސްޓްރީން އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ލޯންޗްކުރި މޯލްޑިވްސް ސްޕޯޓްސް އެވޯޑާއި ގުޅޭ ތަފްސީލް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާ ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ މައުލޫމާތުދީފަ އެވެ.
ކުރީގެ "ހަވީރު" ނޫހުން ވަނީ 1994 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު "ހަވީރު ސްޕޯޓްސް އެވޯޑް" ގެ ނަމުގައި ކުޅިވަރުގެ އެވޯޑްތައް ދީފަ އެވެ. ހަވީރު ނޫސް 2016 ވަނަ އަހަރު ހުއްޓާލި ފަހުން، އެ ނޫހުގެ މެނޭޖްމަންޓުން ފަހުން އުފެއްދި "މިހާރު" ނޫހުން ވަނީ "މިހާރު އެވޯޑްސް"ގެ ނަމުގައި 2017 ގައި ހާއްސަ އެވޯޑެއް ދޭން ފަށައިފަ އެވެ. އެންމެ ފަހުން މިހާރު އެވޯޑްސް ދީފައިވަނީ 2019 ވަނަ އަހަރުގަ އެވެ. އެއީ 2018 ގައި ކުޅިވަރުތަކުން ވަނަ ހޯދި ތަރިންނަށް އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މި ދެ އެވޯޑުގައި ބައިނަލްއަގްވާމީ މައިދާނުގައި ކުޅިވަރުތަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް ކުޅުންތެރިންނަށް އެވޯޑް ދިނުމުގެ އިތުރުން ރާއްޖޭގެ ބޮޑެތި ކުޅިވަރުތަކުން އަހަރުގެ އެންމެ މޮޅު ކުޅިވަރު ކުޅުންތެރިޔާއަށްވެސް އެވޯޑް ދީފައިވެއެވެ.












