ރާއްޖެއަށް ދާދިފަހުން އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ނުގަނެވި، ރަށަކަށް އެރުވުމަށް ފަހު އެ އެއްޗެހި ގެންގޮސްފައިވާކަން އެނގޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި ޑްރަގް ޓްރެފިކްންއާ ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"ދާދި ފަހަކުން ވެސް ވެއްޖެ، އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންނަށް ތަންކޮޅެއް ފަހުން އެނގުނީމަ އޭތި ނުހޯދިފަ ވަނީ. ފުދޭ ވަރަކަށް ގިނަ މަސްތުވާތަކެތި އެތެރެކޮށްފައި ވެއްޖެ ރާއްޖެއަށް. ކޮންމެވެސް ރަށަކަށް އަރުވާފައި، އެރުވި ތަނުން ގެންގޮސްފައި ވެއްޖެ. އަޅުގަނޑުމެންނަށް ހޯދިފައި ވަނީ ވަރަށް މަދު މިންވަރެއް ކަމަށް ގަބޫލުކުރެވެނީ," މިއަދު މެންދުރު އޮތް 241 ކޮމިޓީގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވި އެވެ.
ޓްރެފިކިންއާ ދެކޮޅަށް ފުލުހުން ފަށާފައިވާ މަސައްކަތްތަކާއި ގުޅިގެން ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި އޭގެ ސަބަބުން ފުލުހުންނާ މެދުގައި އެކަން ކުރާ ފަރާތްތަކުގެ ހިތްހަމަނުޖެހުން އޮންނާނެތީ އެކަންކަން ވެސް "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިފައިވާ ކަމަށް ދެކޭ ކަމަށް ހަމީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.
މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި ރާއްޖެއިން އަތުލައިގެންފައިވާ ކަމަށް ސީޕީ ހަމީދު ވަނީ މިއަދުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. އަދި ޑްރަގް ޓްރެފިކިންއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާއިތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އަޅުގަނޑުމެންނާ އެކުވެރި ދައުލަތްތަކުގެ އެހީގައި. ހާއްސަ ގޮތެއްގައި އިންޑިއާގެ ކޯސްޓްގާޑާއި އިންޑިއާގެ ނޭވީ އަޅުގަނޑުމެންގެ ދިފާއީ ބާރު އަދި އިންޑިއާގެ ސަލާމަތީ ހިދުމަތްތަކުގެ އިތުރުން ރީޖަނަލް އެހެން ފަރާތްތައް ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ އެއީ." ރާއްޖެއިން ޑްރަގް އަތުލައިގަންނަ މިންވަރު އިތުރުވެފައިވާއިރު އެކަމަށް އިޝާރަތް ކުރައްވާ ސީޕީ ވިދާޅުވި އެވެ.
އޭނާ ވަނީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އެންމެ ނުރައްކާތެރި 10 ގޭންގަށް ނިސްބަތްވާ މީހުން އެ ހަރަކާތުގައި ބައިވެރިވެ އެ ހަރަކާތަށް ފަންޑުކުރާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އޭނާ ވަނީ މި ހަރަކާތަށް ފަންޑުކުރަނީ ކޮން ބައެއްކަން ހާމަކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުންނާއި ސިފައިން ވަނީ "ގުޅިގެން" ގެ ނަމުގައި މިފަހުން ގުރޫޕުތަކާއި ގޭންގު ކުށްތައް ހުއްޓުވުމުގެ އަމާޒުގައި މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. ގޭންގު ކުށްތައް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން ވަނީ ހާއްސަ ގައުމީ ޓާސްކްފޯހެއް ވެސް އުފައްދާފަ އެވެ.
ސަރުކާރުން ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި، ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާނެކަން ހާމަކޮށްފަ އެވެ.













