ސްރީލަންކާއިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ރާއްޖޭގެ ޒުވާނާގެ މަރުގެ މައްސަލައިގައި ލަންކާ ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި، ދިވެހި ފުލުހުން ވެސް މަސައްކަތް ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ސީނިއާ އޮފިސަރަކާއި ފުލުހުންގެ އިންވެސްޓިގޭޓަރެއް ލަންކާއަށް މިހާރު ގޮސްފައިވާކަމަށެވެ. އަދި ލަންކާ ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބައިވެރިވާނެކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
އެ ތަހުގީގާއި ގުޅޭ މައުލޫމާތު މަރުވި ޒުވާނާގެ އާއިލާއާ ހިއްސާކުރަމުންދާކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
އަފްހާމް މަރުވެފައި އޮއްވައި ފެނުނީ ވެއްލަވައްތަގެ ގޮނޑުދޮށުންނެވެ. ހަށިގަނޑު ފެނުނު އިރު ޒަހަމްތަކެއް ވެސް ހުރި ކަމަށާއި އެ ސަރަހައްދުން ހޮނިހިރު ދުވަހު އިތުރު މީހެއްގެ ހަށިގަނޑު ވެސް ފެނުނު ކަމަށް ލަންކާ ފުލުހުން ބުނެފައިވެ އެވެ.
އެ ސަރަހައްދުން އަފްހާމްގެ ހަށިގަނޑު ނަގައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ލަންކާގެ ބައެއް މީޑިއާތަކުން ވަނީ އާންމުކޮށްފަ އެވެ.

އެ ސަރަހައްދުން ވަޅިއަކާއި އަފްހާމް ގެންގުޅު ބައެއް ތަކެތި ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެ އެވެ.
ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމް ހާސިލް ކުރަމުން ދިޔަ އަފްހަމްއާ އާއިލާ މީހަކާ އެންމެފަހުން ބައްދަލުވީ ހުކުރު ދުވަހުގެ ރޭ 11:00 ހާއިރު ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.
ދ. މީދު އަށް އުފަން އަފްހާމްގެ މަރާ ގުޅިގެން އާދީއްތަ ދުވަހު ޕޯސްޓްމޯޓަމް ވެސް ހަދާފައިވެ އެވެ.













