ސައުވީސް ވަނަ ވިންޓާ އޮލިމްޕިކް ގޭމްސްގެ ރަސްމީކޮށް ފެށުމުގެ ގޮތުން ކުރިއަށްދިޔަ ރިލޭގައި ދަންމަރު ހިއްޕަވައިގެން ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ދުވެވަޑައިގެންފި އެވެ.
ވިންޓާ އޮލިމްޕިކްސް އަކީ ފިނި މޫސުމުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. ދުނިޔޭގެ 91 ގައުމަކުން 3000 އެތުލީޓުން ބައިވެރިވާ މި އޮލިމްޕިކް ގޭމްސް ރަސްމީކޮށް މިއަދު ހުޅުވި ނަމަވެސް ގޭމްސްގެ އިވެންޓްތައް މިދިޔަ ބުދަ ދުވަހު ވަނީ ފަށައިފަ އެވެ.
މުުބާރާތް ހުޅުމުގެ ގޮތުން ކުރިއަށްދިޔަ ވިންޓާ އޮލިމްޕިކް ޓޯޗު ރިލޭގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވަޑައިގެންފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ދަންމަރާ އެކު ދުވެވަޑައިގެންނެވުމަށްފަހު މިނިސްޓަރ ޝާހިދު ވިދާޅުވީ، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޮލިމްޕިކްސް އަކީ ވެސް ދުނިޔޭގެ ސުލްހަ އާއި ގައުމުތަކުގެ އެކުވެރިކަމާއި ކުރި އެރުމަށް ވަރަށް މުހިންމު ކުޅިވަރު ހަރަކާތެއް ކަމަށެވެ.
"ދުނިޔޭގެ ހަމަޖެހުމާއި ސުލްހަ އަށް އޮލިމްޕިިކްސް ފަދަ ކުޅިވަރު ހަރަކާތްތައް ކުރިއަށްދިއުމަކީ ވަރަށް މުހިންމު ކަމެއް. އެންމެން ވެސް އެދޭނީ އަމާން މާހައުލަކާއި އެކުވެރިކަމަށް،" ޝާހިދު ވިދާޅުވި އެވެ.

ދުނިޔޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ބަކް (ވ) ވިންޓާ އޮލިމްޕިކްސްގެ ޓޯޗު ފޮރިން މިނިސްޓަރު ޝަހީދުއާ ހަވާލުކޮށްދެއްވަނީ.
ކޮވިޑް-19 ގެ ސަބަބުން މިފަހަރުގެ ވިންޓާ އޮލިމްޕިކްސް ބާއްވަން ނިންމާފައިވަނީ ތަފާތު ގޮތަކަށެވެ. މި ގޮތުން ތިން ސިޓީއެއްގައި މުބާރާތުގެ އިވެންޓްތައް ކުރިއަށްދާއިރު، ކޮންމެ ސިޓީއެއްގެ ވާދަކުރާ ކުޅިވަރުތަކުގެ އެތުލީޓުންނާއި އޮފިޝަލުން ތިބޭނީ ވަކި ބަބަލްއެއްގަ އެވެ. ކުޅިވަރުތައް ބާއްވާ ތިން ސިޓީ އަކީ ބެއިޖިން، ޔަންޖިން އަދި ޖިއާންޖިއާކޯ އެވެ.
ބެއިޖިން ގައި ކުރިއަށްދާނީ އިންޑޯ ކުޅިވަރުތައް ކަމަށްވާ ކަލިންގް، ސްޕީޑް ސްކޭޓިންގް، ފިގާ ސްކޭޓިންގް އަދި އައިސް ހޮކީ އެވެ. ޔަންޖިން ކުރިއަށްދާނީ ސްލައިޑިންގް ސްޕޯޓްސްތަކެވެ. އެއީ ބޮބްސްލޭ އާއި ސްކެލެޓަން އެންޑް ލޫޖް އަދި އެލްޕައިން ސްކީއިން އެވެ.
ފްރީ ސްޓައިލް ސްކީއިންގް އާއި ސްނޯބޯޑިންގް އިވެންޓް ތަކާއި ސްކީ ޖަމްޕިންގ އަދި ބައިތުލޯން އެންޑްް ކްރިސް ކަންޓްރީ ކުރިއަށްދާނީ ޖިއާންޖިއާކޯ ގައެވެ.
މިފަހަރުގެ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތާއި ނިމުމުގެ ރަސްމިއްޔާތު އޮންނާނީ ބެއިޖިންގަ އެވެ. ބެއިޖިން އަކީ ހޫނު މޫސުމުގެ އޮލިމްޕިކްސް އާއި ފިނި މޫސުމުގެ އޮލިމްޕިކްސް ބާއްވާ ފުރަތަމަ ސިޓީ އެވެ. މީގެ 14 އަހަރު ކުރިން، 2008 ވަނަ އަހަރުގެ ސަމާ އޮލިމްޕިކް ގޭމްސް ބާއްވާފައިވަނީ ބެއިޖިންގަ ގައެވެ.
އެކި ސަބަބުތަކާއި ހެދި ގިނަ ވެނިއު ތަކުގައި މިފަހަރު ބޮޑަށް ބޭނުން ކުރާނީ އާޓިފިޝިއަލް ސްނޯ އެވެ. މިގޮތުން ޔަންޗިންގައި އެކަނިވެސް ފޭކް ސްނޯ ހެދުމަށް 49 މިލިއަން ގެލޯންގެ ފެން ބޭނުން ކުރެވޭނެ އެވެ.













